ގައުމީ ޓީމުން ކުރިން ކުޅުނު މެޗަކަށް ކުޅުންތެރިން ދަނޑުމަތީގައި މަޑުކޮށްލައިގެން --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރުގައުމީ
09 ޑިސެމްބަރ 2024 - 13:08
ސައުދީ އަރަބިއާގައި 2027 ގައި ބާއްވާ އޭޝިއަން ކަޕް ކޮލިފައިންގެ ފަހު ބުރުގައި ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ގެލާ ޝެކިލާޒީ މިހާރު ކޯޗުކޮށްދޭ ތަޖިކިސްތާނާ އެއް ގުރޫޕެއްގައި ރާއްޖެ ލައްވާލައިފި އެވެ.
މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ހުންނަ އޭއެފްސީ ހައުސްގައި މިއަދު، ގުރު ނެގުމުގެ ރަސްމިއްޔާތު ބާއްވާފައި ވާއިރު، ތަޖިކިސްތާނުގެ އިތުރުން ރާއްޖެ ގްރޫޕުގައި ހިމެނެނީ ފިލިޕީންސް އާއި ޓިމޯ ލެސްޓޭ އެވެ.
ތަޖިކިސްތާނުގެ މިހާރުގެ ކޯޗަކީ، ރާއްޖޭގެ ކުރީގެ އެސިސްޓެންޓް ކޯޗު ގެލާ ޝެކިލާޒީ އެވެ. އޭނާ ރާއްޖޭގައި މަސައްކަތް ކުރީ ކުރީގެ ހެޑް ކޯޗު ޕީޓާ ޝެގަޓްގެ ދަށުންނެވެ.
ގެލާ އާއި ސެގަޓް ރާއްޖޭގައި މަސައްކަތް ކުރި އިރު: އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ގެލާގެ ތަޖިކިސްތާނުން ނުކުންނާނެ
ސެގަޓް، ތަޖިކިސްތާނުގެ ކޯޗުކަމާ ޖެނުއަރީ 2022 ގައި ހަވާލުވުމުން، އޭނާގެ ކޯޗިން ޓީމަށް ޖޯޖިއާ އަށް ނިސްބަތްވާ ގެލާ ގެންދިޔަ އެވެ. އޭޝިއަން ކަޕަށް ތަކިކިސްތާން ފުރަތަމަ ފަހަރަށް މިއަހަރު ކޮލިފައިކޮށްދީ، އެ މުބާރާތުގެ ކުއާޓާ ފައިނަލަށް އެ ޓީމު ގެންގޮސް ދިނުމުގައި ސެގަޓްގެ އެންމެ ބޮޑު އެހީތެރިޔަކީ ގެލާ އެވެ.
އޭޝިއަން ކަޕަށް ފަހު، ސެގަޓް ތަޖިކިސްތާނުގެ މަގާމު ދޫކޮށްލަމުން ތަޖިކިސްތާނުގެ އެފްއޭއިން ނިންމީ ހެޑް ކޯޗުކަން ގެލާ އަށް ދިނުމަށެވެ. ރާއްޖޭގެ އިތުރުން އަފްޣާނިސްތާނުގައި ވެސް ގެލާ ވަނީ ސެގަޓްއާ އެކު މަސައްކަތް ކޮށްފަ އެވެ. ޑިސެމްބަރު 2019 ގައި ރާއްޖޭގެ ކޯޗުކަމުން ސެގަޓް ވަކި ކުރުމުން، ގެލާ އަށް ވެސް މަގާމު ގެއްލުނެވެ.
ކުރިއަށް އޮތް އޭޝިއަން ކަޕް ކޮލިފިކޭޝަނަކީ، ރާއްޖޭގެ މަގާމުން އޭނާ ވަކިވި ފަހުން ގައުމީ ޓީމާ ދެކޮޅަށް އޭނާ ނުކުންނަ ފުރަތަމަ ފަހަރެވެ.
އަންނަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ތިން ވަނަ ބުރުގައި ވާދަކުރާ 24 ޓީމު ވަނީ ހަ ގުރޫޕަކަށް ބަހާލައިފަ އެވެ.
އޭޝިއަން ކަޕް ކޮލިފައިން ތިންވަނަ ބުރުގެ ގުރޫޕްތައް ބެހިފައިވާ ގޮތް.--
އޭޝިއަން ކަޕްގެ ޖާގަ ލިބޭނީ ކޮންމެ ގުރޫޕަކުން ވެސް، ހޯމް އެންޑް އަވޭ އުސޫލުން ކުޅެ އެއް ވަނަ ހޯދާ ޓީމަކަށެވެ. އޭޝިއަން ކަޕްގައި 24 ޓީމު ވާދަ ކުރާއިރު، 18 ޓީމެއް ވަނީ ޖާގަ ޔަގީން ކޮށްފަ އެވެ.
ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގެ ފުރަތަމަ ބުރުގައި، ރާއްޖެ ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، ބަންގްލަދޭޝްއާ ވާދަކޮށް 3-2 ގެ އެގްރިގޭޓަކުން ބަލިވެފަ އެވެ. ރާއްޖޭގައި ކުޅުނު ފުރަތަމަ ލެގު 1-1 އިން އެއްވަރު ވި އިރު، ބަންގްލަދޭޝްގައި ބަލިވީ 2-1 އިންނެވެ.
އޭޝިއަން ކަޕް ކޮލިފައިން ތިންވަނަ ބުރުގެ ފުރަތަމަ ދުވަހުގެ މެޗު ޝެޑިއުލް.--
މިއާ އެކު ވޯލްޑް ކަޕް ކޮލިފައިންގައި އިތުރަށް ކުރިއަށް ނުދެވުނު ނަމަވެސް ނަތީޖާއަށް ބަލައި، ރާއްޖެއަށް ވަނީ އޭޝިއަން ކަޕް ކޮލިފައިންގެ ތިން ވަނަ ބުރުގެ ސީދާ ޖާގައެއް ލިބިފަ އެވެ.
ކޮލިފައިންގެ ފުރަތަމަ ބުރުގައި ބަންގްލަދޭޝް އަތުން ބަލިވި ފަހުން ގައުމީ ޓީމުގެ ހަރަކާތްތައް ވެސް ހުއްޓިފައި އޮތުމަށް ފަހު، ގައުމީ ޓީމު ވަނީ މިދިޔަ މަހު ބަންގްލަދޭޝްއާ ދެކޮޅަށް އެ ގައުމުގައި ދެ މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗު 1-0 އިން ރާއްޖޭން ކާމިޔާބު ކުރި އެވެ. ނަމަވެސް ދެވަނަ މެޗުގެ ފަހު ވަގުތު ބަންގްލަދޭޝް ވަނީ 2-1 އިން ރާއްޖެ ބަލިކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގތގޔ
10 December 2024
ހޮލިޑޭ ހަދާލަން ލިބުނީނު، ނަތީޖާގެ ވާހަކަ އިހަށް ބާއްވާލަ