މާމެންދޫގައި ޝިހާބު މަރާލި މައްސަލާގައި ދައުވާ ލިބޭ މީހަކު މިއަދުގެ އަޑުއެހުމުގައި ބައިވެރިވަނީ: 18 އަހަރުން ފަހުން ޝަރީއަތް އަލުން ވަނީ ފަށައިފައި
11 ޑިސެމްބަރ 2024 - 13:08
މީގެ 18 އަހަރު ކުރިން ގއ. މާމެންދޫގައި މީހަކު މަރާލި މައްސަލައިގެ ޝަރީއަތް ދަށު ކޯޓުން ތިންވަނަ ފަހަރަށް މިއަދު ފަށައިފި އެވެ.
މާމެންދޫގައި 2006 ވަނަ އަހަރު ގްރޫޕަކުން ގޮސް ލަކުޑި ބުރިން ހަމަލާދީ ގއ. ވިލިނގިލީ ކަނޑުއޮޅި މުހައްމަދު ޝިހާބް މަރާލި މައްސަލާގައި 2008 ވަނަ އަހަރު އޭރުގެ ޖިނާއީ ކޯޓުން މަރަން ހުކުމްކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ބައި އަލުން ބަލަން 2019 ވަނަ އަހަރު ހައި ކޯޓުން އެންގި އެވެ.
ހައި ކޯޓުން އޭރު އަންގާފައި އޮތީ މާމެންދޫ ޕިންކްލައިޓް މުހައްމަދު ޝިފްރާޒާއި އެރަށު މާސް، އަލީ މަސްއޫދު ސައީދުގެ ބައި އަލުން ބެލުމަށެވެ. ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބެލުމަށްފަހު 2019 ވަނަ އަހަރު ނިންމީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
މި ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން 2022 ވަނަ އަހަރު އިއްވި ހުކުމްގައި ބުނި ގޮތުގައި މުޅި މައްސަލަ އަލުން ބަލަން އަންގާފައި ވަނިކޮށް ދަށު ކޯޓުން ޝަރީއަތުގެ ކުރީގެ މަރުހަލާގައި މައްސަލަ ބޭރުކޮށްލުމަކީ އެ މައްސަލަ އަލުން ބެލުން ކަމަށް ނުބެލެވޭނެ އެވެ.
އަދި އެއީ ހައި ކޯޓުގެ ނިންމުމެއް ބޮލާލައި ޖެހުން ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، މައްސަލާގެ ޝަރީއަތް ހިންގަން ކްރިމިނަލް ކޯޓަށް އަނެއްކާވެސް އެންގި އެވެ.
އެ އެންގުމާ ދެ އަހަރުވި ފަހުން މިއަދު ކްރިމިނަލް ކޯޓުގައި ވަނީ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވައިފަ އެވެ. އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް ޒިހުނީ ވަނީ ދައުވާ ލިބޭ މީހުންނަށް ވަކީލުން ހޯދަން ފުރުސަތު ދެއްވައިފަ އެވެ.
ގާޒީ ވިދާޅުވީ މި މައްސަލައަކީ ވަރަށް ގިނަ އަހަރުތަކެއްވެފައިވާ މައްސަލައަކަށްވާތީ، ވީއެންމެ އަވަހަކަށް ޝަރީއަތް ކުރިއަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ދައުލަތުން ބުނެފައިވާ ގޮތުގައި ޝިހާބަށް، މަސްއޫދާއި ޝިފްރާޒް ހަމަލާދިން މަންޒަރު ފެނުނު ކަމަށް ދެ ހެކިން ބުނާތީ، އެ މީހުންގެ މައްޗަށް ކުށް ސާބިތުވާނެ ހެކި އެބަހުއްޓެވެ. އަދި ގިނަ ބަޔަކު ބައިވެރިވެގެން ޝިހާބަށް ހަމަލާދިން އިރު، އޭނާ މަރުވީ އޭގެ ތެރެއިން ކާކު ދިން ހަމަލާއެއްގެ ސަބަބުންތޯ އިތުރަށް ބަލަން ނުޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ.
އުމުރުން 20 އަހަރުގެ ޝިހާބުގެ ގައިގައި ތަޅައިގަތް ހާދިސާ ހިނގީ ފަރެސް މާތޮޑާ ބަޔަކާ އެކު ހުއިފިލަނޑާ ނަގަން އުޅުމަށް ފަހު ގއ. މާމެންދު އަށް ފެންބަލައި ގޮސް އުޅެނިކޮށެވެ. އޭނާ މަރުވީ ތަޅައިގަތުމުން ލިބުނު ބޮޑެތި ޒަހަމްތަކަށް ފަރުވާދެނިކޮށް ފުން ކޯމާއެއްގައި ތިން ދުވަސް ވަންދެން އޮތުމަށްފަހު އެވެ. އެ މާރާމާރީގައި ޝިހާބުގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑި އަށް ލޭފޭބުމުގެ އިތުރުން މައިބަދަ އާއި އަރިކަށި ބިންދައިގެންދިޔަ އެވެ.
ވިލިނިގިލީ ބައެއް މީހުން އޭރު ތުހުމަތުކުރި ގޮތުގައި މުހައްމަދުގެ ގައިގައި ބަޔަކު ތަޅައިގަތުމާއި ގުޅިފައިވަނީ އޭގެ ކުރީ އަހަރުގެ އޮކްޓޫބަރު މަހު ވިލިނގިލީ އަންހެންކުއްޖަކު މާމެންދޫގައި ރޭޕްކުރި ހާދިސާއަކާ އެވެ. އެކަމަކު އަނެއް ބަޔަކު އޭރު ބުނެފައިވަނީ މައްސަލައިގެ ފެށުމަކީ ހާދިސާ ހިނގި އަހަރުގެ މާޗް މަހު ވިލިނގިއްޔަށް ދިޔަ މާމެންދޫ މީހެއްގެ ގައިގައި ތަޅައިގަނެ މާރާމާރީ ހިންގި މައްސަލަ ކަމަށެވެ. އެ މާރާމާރީ އަކީ، އަނިޔާ ލިބުނު މީހާގެ ދަރިއަކު ތިން އަަހަރު ކުރިން ވިލިނގިލީގައި ކިޔަވަން ހުރި އިރު ފުޓުބޯޅަ މެޗެއްގެ ތެރޭ ކުއްޖެއްގެ ގައިގައި ޖެހުމުން އުފެދުނު މައްސަލައެއް ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޯޓަބަލް
12 December 2024
މީހަކު މަރާފަ އެއްވެސް އުގޫބާތެއް ނެތި ދުނިޔޭގަ ހަމަޖެހިލައިގެން މި މީހުންނަށް އުޅެން ލިބުމަކީ އާޙިރަތް ދުވަހެއް ވާނޭކަމުގެ ހެއްކެއް. އިންސާފު ގާއިމުވާނެ ދުވަހެއް ނެތްނަމަ އިންސާނުންނަށް ފުރާނަ ނުލެއްވީސް!
އިބްލީސު
11 December 2024
ނުފޫޒު މިހާރުމިއޮތީ
މަބުނީ
11 December 2024
ބޮޑަށްހިވަނީ ނުފޫޒަކުން ހުއްޓިފަހުރި ކަންކަން ނުފޫޒެއްނެތުނީމަ ފެށުނީހެން. އެހެންކަމަށްވާނަމަ މުސްތަގުބަލު އުޖާލާވާނެ.
ތި ޤާތިލުންނަށް ތަންފުކެއް ވެސް ދޫނުކުރާތި!!!!!!!!!!!
11 December 2024
20 އަހަރުގެ ޒުވާނަކު މަރާފައި މިހާރުވެސް އަރާމުގައި ދުނިޔޭގައި އުޅޭތާ 18 އަހަރު ވެއްޖެ އެވެ. ރަނގަޅަށްވިއްޔާ އެވާނީ ނިކަމެތި ޢާއިލާއެއްގެ ކުއްޖަކަށެވެ. މަރުވި ދަރީގެ މައިންބަފައިން ކިހައި ހިތާމައެއް ކުރާނެ ހެއްޔެވެ؟
ކަޅު ހިޔަލަ
11 December 2024
2019 ގައި 2 މީހެއްގެ ބައި އަލުން ބަލަން ހައި ކޯޓުން އެންގީ ކީއްވެ؟ ޖަސްޓިސް ޑިލެއިޑް އިސް ޖަސްޓިސް ޑިނައިޑް.