އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން ވާގަސްއަކީ އެންމެންނާ ގުޅޭ ވަރަށް އެކުވެރި މީހެއް ކަމަށް ހެކިވެރިޔަކު ބުނެފި އެވެ. 

މޭރީއަށް މަރާލި މައްސަލާގައި މާވިންގެ މައްޗަށް، އެނގިހުރެ މީހަކު މެރުމުގެ ދައުވާ ކުރާއިރު، މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާގެ މައްޗަށް ވެސް އެކަމުގައި ބައިވެރިވުމުގެ ދައުވާ ދައުލަތުން ކުރެ އެވެ. މާވިން އާއި ލަމްހާގެ ޝަރީއަތް މިއަދު ކުރިއަށް ގެންދިޔައީ ވަކިވަކިންނެވެ.

މިއަދު ކްރިމިނަލް ކޯޓުގައި މާވިންގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވިއިރު، އެ އަޑުއެހުމުގައި އޮތީ އޭނާގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެއްކެއްގެ ހެކިބަސް ނެގުމެވެ. އެ ހެކިވެރިޔާއަކީ ރާއްޖޭގައި މަސައްކަތް ކުރާ ފިލިޕީންސްގެ މީހެކެވެ. އޭނާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ މާވިންގެ "ގުޑް ކެރެކްޓާ" ސާބިތުކުރުމަށެވެ. 

ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން އޭނާ ބުނެފައިވަނީ ރާއްޖޭގައި އުޅޭ ފިލިޕީންސް މީހެއްގެ ހައިސިއްޔަތުން އޭނާ މާވިން ދަންނަ ކަމަށާއި އަދި އެ ކޮމިއުނިޓީން ބާއްވާ އެކި ހަރަކާތްތަކުން ވެސް ދިމާވާ ކަމަށް އޭނާ ބުންޏެވެ. އެގޮތުން، އެކުގައި ބާސްކެޓް ކުޅުން ފަދަ ކަންކަމުގައި ހަފުތާ ބަންދު ދުވަސްތަކުގައި ދިމާވާ ކަމަށް އޭނާ ބުންޏެވެ. 

މާވިންއާ މާބޮޑު އެކުވެރި ކަމެއް ނެތް ނަމަވެސް، އޭނާގެ މިޒާޖު ވަރަށް ރަނގަޅަށް އެނގޭ ކަމަށް ހެކިވެރިޔާ ބުންޏެވެ. އޭނާ ބުނި ގޮތުގައި މާވިންއަކީ އެންމެންނާ ވެސް ވަރަށް ގުޅޭ، ހެޔޮ މީހެކެވެ. މާވިންއާ އެކުވެރިކަން ބާއްވަން އެންމެން ވެސް ބޭނުންވާނެ ކަމަށާއި އޭނާގެ ފަރާތުން އެ ސިފަ ފެންނަ ކަމަށް ހެކިވެރިޔާ ބުންޏެވެ. 

ފިލިޕީންސް މީހެއް ހޮސްޕިޓަލަށް ގެންދިޔަޔަސް، އެމީހަކަށް އޭނާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށާއި ކޮމިއުނިޓީގެ އެހެން މީހުންނަށް އެކަމުގެ ހަބަރު ވެސް ފޯރުކޮށްދޭ ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

ނަމަވެސް، މާވިންގެ ޒާތީ ދިރިއުޅުމާ ބެހޭ މައުލޫމާތެއް ނޭނގޭ ކަމަށް ބުންޏެވެ. އެ ހެކިވެރިޔާއާ ދައުލަތުގެ ފަރާތުން އެއްވެސް ސުވާލެއް ކޮށްފައެއް ނުވެ އެވެ. 

މާވިންގެ ފަރާތުން ދިފާއުގައި ފަސް ހެއްކެއް ހުށަހަޅާފައިވާއިރު، ބާކީ ތިބި ހަތަރު ހެކިވެރިންނަށް ގުޅުމުން އެމީހުންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބޭ ކަން ދިފާއީ ވަކީލް ވަނީ ފާހަގަކޮށްފަ އެވެ. އަދި ކޯޓުން ޗިޓް ފޮނުވައިގެން ވެސް އެމީހުން ހާޒިރު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ. 

ވަކީލް ވިދާޅުވި ގޮތުގައި މާވިންގެ މަންމަ އާއި އެކުވެރިން މެދުވެރިކޮށް ވެސް އެ ހަތަރު ހެކިވެރިންނާ ގުޅޭނެ ގޮތެއްވޭތޯ ބަލާފައިވާނެ ކަމަށާއި ނަމަވެސް، އެމީހުންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބެެ އެވެ. އެ އެންމެންނަކީ ވެސް ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސް މީހުންނެވެ. 

އެ ހެކިވެރިން ހާޒިރު ކުރެވޭތޯ ބެލުމަށް މި ހަފުތާއަށް އިތުރު އަޑުއެހުމެއް ވެސް ވަނީ ތާވަލުކޮށްފަ އެވެ. އެ ދުވަހު އެ މީހުން ނުގެނެވިއްޖެ ނަމަ، އެމީހުންގެ ހެކިބަހާ ނުލައި މައްސަލަ ކުރިއަށް ގެންދަން އިއުތިރާޒެއް ނެތް ކަމަށް ދިފާއީ ވަކީލް ވަނީ ވިދާޅުވެފަ އެވެ. 

އޮކްޓޫބަރު، 2021 ގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން އޭނާ މަރާލި ކަމުގެ ތުހުމަތު މާވިންގެ މައްޗަށް ދައުލަތުން ކުރެ އެވެ. އަދި މޭރީ ދަންޖެހި މަރުވި ކަމަށް ބުނެ އައިޖީއެމްއެޗަށް ގެންދިއުމުން، އޭނާގެ ހަށިގަނޑާއި އޭނާ ދަންޖެހުނު ކަމަށް ބުނާ ތަން ފުލުހުން ބެލިއިރު ޝައްކުތަކެއް އުފެދުނެވެ.

އެ މައްސަލާގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރީ އައިޖީއެމްއެޗްގައި ނަރުހަކަށް އުޅުނު މާވިންނެވެ. އަދި ހޮސްޕިޓަލްގެ އީއާރްގައި ނަރުހަކަށް އުޅުނު ލަމްހާ ވެސް ފަހުން ހައްޔަރުކުރި އެވެ. ދައުލަތުގެ ދައުވާގައި ބުނާ ގޮތުން މޭރީ މަރާލީ މާވިން އާއި ލަމްހާގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ އުފެދުނު މައްސަލަތަކެއްގެ ތެރެއިންނެވެ. ލަމްހާގެ މައްޗަށް ވަނީ މީހަކު މެރުމުގައި ބައިވެރިވުމާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާކޮށްފަ އެވެ.