އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާގެ މައްޗަށް ކޮށްފައިވާ، އެނގިހުރެ މީހަކު މެރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އިސްލާމީ ޝަރީއަތާ އެއްގޮތަށް އަދަބު ކަނޑައެޅޭނެ ކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
އޮކްޓޫބަރު 19، 2021 ގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން އޭނާ މަރާލި ކަމުގެ ތުހުމަތުގައި މޭރީގެ ފިރިމީހާ މާވިން ވާގަސް އަށް ކޮށްފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުގެ ވަކީލް އަހްމަދު ނައުފަލް ދައުވާގައި ވިދާޅުވީ ދައުވާ ލިބޭ މީހާ އާއި މަރުވި މީހާ އަކީ ވެސް ޣައިރު މުސްލިމުން ކަމަށް ވިޔަސް އެއީ މުސްތައުމިނުން ކަމަށް ވާތީ ރާއްޖޭގައި އިސްލާމީ ޝަރީއަތާ އެއްގޮތަށް އަދަބު ކަނޑައެޅޭނެ ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށެވެ.
މުސްތައުމިނުންނަކީ އިސްލާމީ ގައުމަކަށް، އެ ގައުމުގެ ހިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް އައިސް ތިބޭ ޣައިރު މުސްލިމުންނެވެ.
ދައުވާ އިއްވުމުގެ ގޮތުން ދައުވާ ހުށަހެޅި ނަމަވެސް، މާވިންއަށް ޝަރީއަތުގެ ވާހަކަތައް ތަރުޖަމާކޮށްދިނުމަަށް ހަމަޖައްސާފައިވާ ތަރުޖަމާނު ދެއްކެވި ވާހަކަ ރަނގަޅަށް ދޭހަ ނުވާ ކަމަށް ބެލެވިގެން ދިފާއުންނާއި ދައުލަތުން އެކަން ފާހަގަކުރުމަށް ގާޒީ ހުސެން ފާއިޒް ރަޝާދު ނިންމެވީ ދައުވާ އިއްވުން އެހެން ދުވަހަކަށް ފަސްކުރުމަށެވެ. އަދި މިހާރު އޮންލައިންކޮށް ބާއްވާ މި ޝަރީއަތް، ކޯޓަށް މީހުން ހާޒިރުކޮށްގެން ކުރިއަށް ގެންދިއުމަށާއި މާވިން އަށް ރަނގަޅަށް ތަރުޖަމާކޮށްދެވޭ ގޮތަށް އެހެން ތަރުޖަމާނަކު ހަމަޖެއްސުމަށް ނުވަތަ އެހެން އިންތިޒާމެއް ހަމަޖެއްސުމަށް ވެސް ނިންމެވި އެވެ.
ތަރުޖަމާނުގެ ދެއްކެވި ވާހަކަ އެނގޭ ކަމަށް މާވިން ބުންޏަސް ދައުވާގައި ދައުލަތުން ކިޔައިދީފައިވާ ގޮތަށް މާވިންއަށް ފުރިހަމައަށް ދޭހަނުވާކަން އޭނާ ފަހުން ދެއްކި ވާހަކައިން އެނގުނެވެ.
މި މައްސަލާގައި ދައުވާ ލިބޭ މީހާ އާއި މަރުވި މީހާ އަކީ ވެސް ވިސާ ނަގައިގެން ރާއްޖެއަށް އައިސްގެން ތިބި ޣައިރު މުސްލިމު، މުސްތައުމިނުން ކަމުގައިވާތީ، އެފަދަ މީހެއް މަރާލި މީހާ އަކީ ވެސް ލޭ ހުއްދަ މީހެއް: ދައުލަތް
ދައުވާ އިއްވުން އެހެން ދުވަހަކަށް ފަސްކުރުމަށް ނިންމެވުމުގެ ކުރިން ދައުލަތުން ވަނީ ދައުވާއާ ގުޅޭ ގޮތުން ދައުލަތުން ދެކޭ ގޮތް ހުށަހަޅައި އެތައް ވާހަކައެއް ދައްކައިފަ އެވެ.
"މި މައްސަލާގައި ދައުވާ ލިބޭ މީހާ އާއި މަރުވި މީހާ އަކީ ވެސް ވިސާ ނަގައިގެން ރާއްޖެއަށް އައިސްގެން ތިބި ޣައިރު މުސްލިމު، މުސްތައުމިނުން ކަމުގައިވާތީ، އެފަދަ މީހެއް މަރާލި މީހާ އަކީ ވެސް ލޭ ހުއްދަ މީހަކަށް ވާތީ ދައުލަތަށް ގަބޫލުކުރެވެނީ މި މައްސަލާގައި، ނިއާވި ފަރާތުގެ އާއިލާއިން އެދޭ ކަމުގައި ވަނީ ނަމަ މި މައްސަލާގައި މާވިންގެ މައްޗަށް ގިސާސް ހިފޭނެ ކަމަށް، މަރުގެ އަދަބު ދެވިދާނެ ކަމަށް،" ވަކީލް ނައުފަލް ވިދާޅުވި އެވެ.
މާވިންގެ މައްޗަށް ކޮށްފައިވާ ދައުވާއަށް ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ ދަށުން ކުރި ދައުވާގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުމެވެ. އެކަމަކު ގާނޫނުލްއުގޫބާތުގެ 1205 ވަނަ މާއްދާގައި އޮންނަނީ އެ ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވިޔަސް އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ގިސާސް ކަނޑައެޅިފައިވާ ކުށެއް، އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ މިންވަރަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެއްޖެ ނަމަ އެ މީހެއްގެ މައްޗަށް ކަނޑައަޅަންވާނީ އިސްލާމީ ޝަރީއަތުގައިވާ އަދަބު ކަމަށެވެ.
މޭރީ އާއި މާވިންގެ ދަރިފުޅުގެ ސައިކޮލޮޖިކަލް ފޮރެންސިކް އެސެސްމަންޓް ރިޕޯޓް ޝަރީއަތަށް ހުށަހަޅަން ބޭނުންވާ ކަމަށް ދައުލަތުން ބުނެފައިވާތީ މިއަދު މާވިންގެ ވަކީލް އިސްމާއިލް މުހައްމަދު ވަނީ އެ ލިޔުން ލިބުމުން ދައުވާއަށް ޖަވާބުދާރީވުން ފަސްކޮށްދިނުމަށް، އަޑުއެހުން ފެށުމާ އެކު އެދިވަޑައިގަތެވެ. އެކަމަކު އެއީ ފިލިޕިންސްގެ ކަމާބެހޭ ފަރާތްތަކުން ހަދާ ރިޕޯޓަކަށް ވާތީ އެ ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް، މި މައްސަލާގައި ދައުވާ ލިބޭ މާވިންގެ ލޯބިވެރިޔާ ހަލީމަތުގެ ލަމްހާގެ ޝަރީއަތުގައި އިއްޔެ ދައުލަތުން އިއްޔެ ބުނެފައިވެ އެވެ. އެކަން ފާހަގަކޮށް ދައުލަތުން ވާހަކަ ދެއްކުމުން ގާޒީ ހުސެން ފާއިޒް ރަޝާދު ނިންމެވީ އެ ރިޕޯޓް ނުލިބުނަސް ދައުވާ އިއްވައި ޖަވާބުދާރީވުން ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
މޭރީ ދަންޖެހި މަރުވި ކަމަށް ބުނެ އައިޖީއެމްއެޗަށް ގެންދިއުމުން އޭނާގެ ހަށިގަނޑާއި އޭނާ ދަންޖެހުނު ކަމަށް ބުނާ ތަން ބެލި އިރު ޝައްކުތަކެއް އުފެދުނެވެ. އެ މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރީ އައިޖީއެމްއެޗްގައި ނަރުހަކަށް އުޅޭ މޭރީގެ ފިރިމީހާ، މާވިންނެވެ. އަދި ފަހުން ވަނީ ހޮސްޕިޓަލްގެ އީއާރްގައި ނަރުހަކަށް އުޅޭ ލަމްހާ ވެސް ހައްޔަރުކޮށްފަ އެވެ. ދައުލަތުގެ ދައުވާގައި ބުނާ ގޮތުން މޭރީ މަރާލީ މާވިން އާއި ލަމްހާގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ އުފެދުނު މައްސަލަތަކެއްގެ ތެރެއިންނެވެ. ލަމްހާގެ މައްޗަށް ވަނީ މީހަކު މެރުމުގައި ބައިވެރިވުމާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާކޮށްފަ އެވެ.