ލަމްހާ: އޭނާ ބަންދުން އަލުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައި
05 ނޮވެމްބަރ 2025 - 15:02
އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ބަދަލުކޮށް، އޭނާ އަލުން ޝަރީއަތް ނިމެންދެން ބަންދުކުރަން އެ ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ލަމްހާ 2023 ވަނަ އަހަރު ކްރިމިނަލް ކޯޓުން ދޫކޮށްލި އެވެ. ނަމަވެސް، ކްރިމިނަލް ކޯޓުގެ އެ ނިންމުން ގޯސްކޮށް ހައި ކޯޓުން ކަނޑައެޅި އެވެ. އޭގެ ފަހުން ވެސް ދެ ފަހަރެއްގެ މަތިން ލަމްހާ ބަންދުން ދޫކޮށްލާފައި ވަނިކޮށް، ހައި ކޯޓުން އެ ނިންމުން ބާތިލްކޮށް އަލުން ބަންދާ މެދު ގޮތް ނިންމަން އަންގާފައިވެ އެވެ.
ނަމަވެސް މިދިޔަ އަހަރު ޑިސެމްބަރު މަހުން ފެށިގެން ލަމްހާ ހުރީ ދޫކޮށްލައިފަ އެވެ. ލަމްހާ އަލުން ބަންދުކުރަން ދައުލަތުން އެކިފަހަރު އެދުނު ނަމަވެސް، އެންމެ ފަހުން އެ މައްސަލަ ބެއްލެވި ގާޒީ ހުސެއިން ފާއިޒް ރަޝާދު އެންގެވީ ލަމްހާގެ ފަރާތުން ނުރައްކާ އޮތް މިންވަރު ބަލަން އެސެސްމެންޓެއް ހެދުމަށެވެ.
އެގޮތަށް ނިންމެވި ގާޒީ ފާއިޒް މިވަގުތު ހުންނެވީ ޑްރަގުގެ މައްސަލައެއްގައި ތުހުމަތުވާ މީހަކު ބަންދުން ދޫކޮށްލި މައްސަލައަކާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކޮށްފަ އެވެ.
އިއްޔެ ކްރިމިނަލް ކޯޓުގައި ލަމްހާގެ ބަންދާ ގުޅޭގޮތުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ ލަމްހާ ބަންދުން ދޫކޮށްލާފައިވަނީ ފުލުހުންނަށް މޮނީޓާކުރެވޭ ގޮތަށް ނޫން ކަމަށާއި އެހެންކަމުން އޭނާ އުޅޭ ނޫޅޭ ގޮތް ބަލައި އެސެސްމެންޓް ހެދެން ނެތް ކަމަށެވެ.
އެ އަޑުއެހުމުގައި މައްސަލަ ބެއްލެވީ ވަގުތީ ގޮތުން އެ މައްސަލަ ބެއްލެވުމާ ހަވާލުވި ގާޒީ އިބްރާހިމް ޒިހުނީ އެވެ. އަދި ލަމްހާއަށް ކުރެވޭ ތުހުމަތުތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ބަންދުކުރި ހާލަތަށް ބަދަލެއް ނާންނަ ކަމަށާއި އަދި ނުރައްކާ އޮތް މިންވަރު ބަލަން އެސެސްމެންޓެއް ހަދަން ނުޖެހޭ ކަމަށް ގާޒީ ނިންމެވި އެވެ.
އެހެންވެ، ގާޒީ ނިންމެވީ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ލަމްހާ އަލުން ބަންދު ކުރުމަށެވެ.
އެ މައްސަލާގައި ލަމްހާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭނާއަށް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވާއިރު، އޭނާ ބަންދުގައި ހުންނަތާ މިހާރު ވަނީ ތިން އަހަރު ވެފަ އެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލްގެ ނަރުހެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުންދިޔަ ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވި ކަމަށް އޭނާގެ ފިރިމީހާ މާވިން ފުރަތަމަ ބުނި ނަމަވެސް، އެއީ ގަސްތު މަރެއްކަން ފަހުން ހާމަވުމުން މާވިން މައްޗަށް ދައުވާ ކޮށްފައި ވާއިރު، ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކުރެ އެވެ. އަދި ލަމްހާއަކީ މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހެއް ކަމަށް ދައުލަތުން ބުނެ އެވެ.
މާވިންގެ ލޯބިވެރިޔާ ކަމަށް ބުނާ ލަމްހާގެ މައްޗަށް ކުރާ ދައުވާތައް:-
● އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުން
● އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުން
● ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުން
އެ ދައުވާތަކަށް ލަމްހާ އަދި މާވިން ވެސް އިންކާރުކޮށްފައި ވާއިރު، ދައުލަތުން ވަނީ އެ މައްސަލަ ސާބިތުކުރަން ގިނަ އަދަދެއްގެ ހެކި ހުށަހަޅައިފަ އެވެ. އެގޮތުން ޖުމްލަ 110 ހެއްކެއް ދައުލަތުން ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި 74 ހެކިވެރިން ހިމެނެ އެވެ.
މޭރީ މަރުވި ގޮތާ ބެހޭގޮތުން މާވިން އެކި ފަހަރު އެކިގޮތަށް ވާހަކަ ދައްކާފައިވާކަން ފާހަގަކޮށް، ދައުލަތުން ބުނީފައިވަނީ މޭރީ ދަންޖެހުނު ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި މޭރީ ދަންޖެހިގެން މަރުވި ކަމަށް ދައްކަން ސީންއެއް އުފެއްދި ކަމަށް ވެސް ދައުލަތުން ބުނެފައިވެ އެވެ. ނަމަވެސް އޭނާ މަރުވެފައިވަނީ ބޮލަށާއި ކަރަށް ދިން ހަމަލާތަކުންކަން ޕޯސްޓްމޯޓަމްއިން ހާމަވެފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެ މައްސަލާގައި މާވިން އަދިވެސް ހުރީ ޖަލު ބަންދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަލީ
06 November 2025
ވިސްނުމެއް ނެތި ކޮށްފި ކަމަކުން އެއްމެ ފަހަރަކު ދޭހުގައި ގިސްލަމުން މުޅި އުމްރު ޖަލުގައި ހޭދަ ކުރަން ޖެހިދާނެ! ދެން ޖަލުގައި އޮވޭ ތާ އަބަދަށް! އެ ފިރިހެނާ ޔޫ ޔޫސް ކުރީ އެ އަންހެންމީހާ މަރަން! އޭނަ އެއް ޔޫ ދެކެ ހިތާ އެއް ނުވޭ! މޮޔަވި އަސް ތި ވަރު ބޮޑު! ޔޫ ވެސް ނުބައި ވީމަ އޭނަ އާ ބައިވެރި ވީ! ދެން އޮވޭ ލޮލް
ހޮޓްކިންގ
06 November 2025
މިރާއްޖޭގަ ޝައރީއަތް ދިގުލައިގެން ދިޔަދިޔައިނުން އަދުލު އިންސާފުވަނީ ޚަރާބުވެފަ. އެތައް ބަޔަކަށް އެދަނީ ޝަރުޢީ ހުކުމަކާއި ނުލައި އަނިޔާ ދެވެމުން. ކޯޓަކީ ހަމައެކަނި ދައުލަތުން ބުނާހާ އެއްޗެއް އަޑުއަހަން ހުންނަ ތަނެއްތޯ؟
ސަލޮމާ
06 November 2025
ސޯ ގަސްތުގަ މީހަކު މަރާލީމާ 6 އަހަރުތަ ލިބެނީ. ސާބަހޭ ޤައުމު
ސަމްސިއްޔާ
06 November 2025
ދެންމިކަމެއްވެސް މިމެންވެއްޖެ އެއްނު އަޅެ. ހަމަ ތަޅުވާލަ ތަޅުވާލަ.
raajje
05 November 2025
މިކަމުންނާ އަދިމިނޫނަސް ރާއްޖޭގެޝަރުއީ ދާއިރާތަކުން ކަންކަންކުރާގޮތުން ޝަރުއީދާއިރާގެ ދޯދިޔާކަމާ ނިންމުންތައް ބައެއްފަހަރު ތާކުންތާކުނުޖެހޭކަން ހާމަވޭ، ގައުމެއް ކުރިއަރަންބޭނުންނަމަ އެންމެފުރަތަމަކުރަންޖެހޭނެކަމަކީ އެތަނެއްގައި އަދުލުއިންސާފައި ހަމަހަމަކަން ގާއިމުކުރުން، ވޯޓުތައްކައިރިވީމާ ރައްޔިތުންނަށް ފައިސާބެހުމާ ވައުދުވުމަކުން އެއްވެސްތަނެއް ކުރިއަރާފައެނެތް
މިސް
05 November 2025
ބޮޑުވެގެން 6 އަހަރުގެ ޖަލު ހުކުމެއް އަންނާނެ މައްސަލައެއްގައި 3 އަހަރު ބަންދުގައި ހުންނަ އިރު މައްސަލަ ނުނިމޭނަމަ ޝަރީޢަތް ނިމެންދެން ބަންދު ކުރަންވީ ލަމްހާއެއްނޫންކަންނޭގެ، ޝަރީއަތް ނިމެންދެން ބަންދު ކުރަންވީ މައްސަލަ ބައްލަވާ ގާޒީ، އޭރުން ޔަގީނުންވެސް ވަރަށް އަވަހަށް ޝަރީއަތްނިމި ހުކުމް ކުރެވޭނެ،
ހަސަން
05 November 2025
އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުން 6 އަހަރުގެ ޖަލު ހުކުމެއް. ވަޓް ދާ ފިޝް
ރަދީފްއޮފިޝަލް /
05 November 2025
ނުފޫޒު ފޯރުވައިގެން ބަންދުކުރުވީކަން އެނގޭގޮތަށް އޮތް ހުކުމެއް.މިހުރިހާ ދެމުމެއް ނުދަމާ ޝަރީއަތް އަވަސްކޮށް ހުކުމަށް ވާސިލްވުމުން އަދުލުވެެރިވެފަަ އިންސާފް ގާއިމްކުރެވޭނެ.ވ.ވެދުން
ސަހަރޯއޭ
05 November 2025
ރަދީފު ކަލޭވެސް؟!! ބަލަގަ މީހަކު މެރުމުގަ ބައިވެރިވާ އެހެން އެންމެން ދޫނުކޮށް ހަމައެކަނި ލަމްހާ ދޫކޮށްލަން ޖެހޭ ސަބަބެއް ބުނެބަލަ!