ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން ހއ. އުލިގަމުގައި 2008 ވަނަ އަހަރު ބެހެއްޓި ވައިން ހަކަތަ އުފައްދާ ނިޒާމު މިހާރު ހުރި ގޮތް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
11 ޑިސެމްބަރ 2024 - 15:49
ނ. މަނަދޫގައި ވައިން ހަކަތަ އުފައްދާ ނިޒާމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފަށަން ސަރުކާރުން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނީ ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ހިންގަމުން އަންނަ އެޝުއާ ޕްރޮޖެކްޓުގެ ދަށުން ވިންޑް ރިނިއުބަލް އެނާޖީ (ވައިން ހަކަތަ އުފައްދާ ނިޒާމު)ގެ ޕައިލެޓް ސިސްޓަމެއް މަނަދޫގައި ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
އެ ޕްރޮޖެކްޓަކީ އާންމުކޮށް ހުޅުވާލެވިފައިވާ ބީލަމުގެ އުސޫލުގެ މަތިން، އަދި އޭޑީބީގެ "ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް" އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
އެ ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީ ކުރުމަށްޓަކައި 1،500ރ. ނުވަތަ 100 ޑޮލަރުގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގަ އެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި ވައިން ހަކަތަ އުފެއްދުމުގެ މަސައްކަތް ކޮށްފައިވެ އެވެ. ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޑީއެލްއާރުއީ އިން 2007 ވަނަ އަހަރު ވަނީ ރާއްޖޭގެ ތިން ރަށެއްގައި ވައިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމްކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ހިންގައިފަ އެވެ.
ޖެނުއަރީ 7، 2008: ހއ. އުލިގަމުގައި ހެދި ވިންޑް ފާމް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެމެރިކާގެ ޑިޕްލޮމެޓަކާ ސަލާންކުރައްވަނީ.-- ފޮޓޯ: ޑީއެލްއާރުއީ
އެ ޕްރޮޖެކްޓުގެ ދަށުން ޖެނުއަރީ 7، 2008 ގައި ވަނީ ހއ. އުލިގަމުގައި ވިންޑް ފާމެއް ހަދައި ހަކަތަ އުފައްދަން ފަށައިފަ އެވެ. އެކަމަކު، މާ ގިނަ ދުވަހެއް ނުވެ، އޭގެ ބޭނުންކުރުން ހުއްޓާލި ގޮތަށް ހުރީ އެވެ. އުލިގަމުގެ އިތުރުން މ. ރަތްމަންދު އާއި ގއ. ކޮނޑޭގައި ހިންގަން އުޅުނު އެ ޕްރޮޖެކްޓު ވެސް ވަކި ހިސާބަކުން ހުއްޓުނީ އެވެ.
މިހާރުގެ ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަ ސިސްޓަމް ޝުޑް ވޯކް
12 December 2024
ރައީސް މައުމޫން ވަރެއްނެތް އަދިވެސް!
ސޯބު
11 December 2024
އުލިގަމުގައި ކާމިޔާބު ކަމާއެކު ހަކަތަ ބޭނުން ކުރަމުން ދަނިކޮށް ދައުރު ބަދަލުވެ އަންނި އަށް ވެރިކަން ލިބުމާ ގުޅިގެން މައުމޫނު ކުރި ކަމެއްވެގެން އަޅާނުލާ ދޫކޮށްލީ. ކިހިނެއްތޯ ވާނީ އަލުން އެ އޮޕަރޭޝަނަށް ގެނައުން. މާކަބޮޑު ހަރަދަކާނުލާ ވެދާނެހެން ހީވަނީ.
އުދުހޭ
11 December 2024
ވަޔަކީ އާންމުގޮތެއްގައި ގަދަވެ މަޑުވާ އެއްޗެއް. 40 މޭލަށް ވައި ގަދަވާއިރު ތިޔައިގެ ދުވަސް ދުއްވާލުން ގާތް. މިއާ ޚިލާފަށް އަވިން ހަކަތަ އުފެއްދުން އިސްކް ކުޑަ. އެއީ އާންމުގޮތެއްގައި އަވި ހުންނަނީ ގާތްގަނޑަކަށް އެއް މިންވަރެއްގައިކަމަށްވާތީ.
ސަލީމު އިދުރީސް
12 December 2024
ކަލޭކޮންތާކުން ހޯދި މައުލޫމާތެއް! ދޭތެރެ ދޭތެރެއިން ހަތްދިހަ ނުވަދިހަ މޭލައް ވައިގަދަވާ ތަންތާ ކަނޑުގަޔާ އެއްގަމުގަ 100 މީޓަރައްވުރެ އުސް ބޮޑެތި ބުރަފަތި އެބަހުރި! މިގައުމުގަ ސޯލާޖަހައިގެން ކަރަންއުފެއްދޭވަރު ބިންތަކެއްނެއް! ބުރަފަތި ޖެހިޔަސް ކަނޑުގަޖަހާ
ގަދަނޫ
12 December 2024
ވިންޑް މިލް އަކީ އާންމުގޮތެއްގަ ރާއްޖެފަދަ އެވްރެޖް މޫސުމެއް އޮންނަ ގައުމަކަށް އައިޑިއަލް ކަމެއް. ތިބުނާހެން ވައިގަދަވެގެން އެތީގެ ދުވަސް ދަނީ ބާރުގަދަ ތޫފާންތައް އަރާ ގައުމުތަކުގަ.
މޯރަލް
12 December 2024
ވަކިއެއްޗަކަށް ބަރޯސާނުވެ، އޮޔާއި ވަޔާއި އަވިންވެސް ކަރަންޓު އުފައްދަންވީ. މިއީ ރާއްޖެއިން ހިލޭ ލިބެންހުރި ނިއުމަތްތައް