މެލޭޝިއާގެ ފޮރިން މިނިސްޓަރު މުހައްމަދު ހަސަން ދުންފަތުގެ އިސްތިއުމާލުކުރަނީ.
18 ޑިސެމްބަރ 2024 - 13:23
މަނާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލުކުރި މައްސަލައިގައި މެލޭޝިއާގެ ފޮރިން މިނިސްޓަރު މުހައްމަދު ހަސަން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޒުލްކިފްލީ އަހްމަދު ވިދާޅުވެއްޖެ އެވެ.
މެލޭޝިއާގެ ނެގެރީ ސެމްބިލާން ސްޓޭޓްގެ މަގުމަތީގައި ކާބޯތަކެތި ވިއްކާ ތަނެއްގައި ފޮރިން މިނިސްޓަރު މުހައްމަދު ހަސަން ދުންފަތުގެ އިސްތިއުމާލުކުރާ ފޮޓޯއެއް ސޯޝަލް މީޑިއާގައި މި ހަފްތާގެ ކުރީކޮޅު ހެލްތު މިނިސްޓަރު ޒުލްކިފްލީ ވަނީ ރީޕޯސްޓް ކުރައްވައިފަ އެވެ.
މެލޭޝިއާގައި 2019 ވަނަ އަހަރު ވަނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ރެސްޓޯރެންޓުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން ގާނޫނުން މަނާކޮށްފަ އެވެ. އަދި މި އަހަރުގެ އޮކްޓޫބަރު މަހު ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ.
"މިކަން ފޮރިން މިނިސްޓަރުގެ އޮފީހަށް އަންގާފައިވާނެ،" އެކްސްގައި ޒުލްކިފްލީ ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ ފޮރިން މިނިސްޓަރު އެ ޖޫރިމަނާ އަމިއްލައަށް ދައްކަން ބޭނުންވާ ކަމަށެވެ.
މެލޭޝިއާގެ ގާނޫނު ބުނާ ގޮތުން މަނާ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރާ ނަމަ 5،000 ރިންގިޓް (1،120 ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.
މުހައްމަދު މިއަދު މައާފަށް އެދިވަޑައިގެން ވިދާޅުވީ ސިއްހީ އިދާރާތަކުން ވައިލޭޝަން ނޯޓިސް ލިބިފައިވާ ކަމަށާއި ނަމަވެސް ޖޫރިމަނާގެ އަދަދު އަދި އަންގާފައި ނެތް ކަމަށެވެ.
"މިއީ އާންމުންގެ މެދުގައި ކަންބޮޑުވުމެއް އަދި މައްސަލައަކަށް ވެއްޖެ ނަމަ ވަރަށް ބޮޑަށް މާފަށް އެދެން،" "ދަ ސްޓާ" ނޫހުގައި އޭނާ އާ ހަވާލާދީ ބުނެފައިވެ އެވެ.
"އަޅުގަނޑު ޖޫރިމަނާ ދައްކާނަން، އަޅުގަނޑު އުންމީދު ކުރަން އެއީ މާ ބޮޑު އަދަދަކަށް ނުވާނެ ކަމަށް."
މުހައްމަދު ދުންފަތުގެ އިސްތިއުމާލުކުރާ ތަން ފެންނަ ފޮޓޯ އާންމުވުމާ އެކު އާންމުން ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޭޓޫ
18 December 2024
ޖޫރިމަނާއަކީ އެންމެނަށް ހަމަހަމަ އަދަބެއްނޫން، އެއީ އަސްލު ނިކަމެތިންނަށް ދޭ އަދަބެއް...