"އިޓް އެންޑްސް ވިތު އަސް"ގެ މަންޒަރެއްގައި ޖަސްޓިން ބޮލްޑޯނީ އާއި ބްލޭކް ލިވްލީ.
22 ޑިސެމްބަރ 2024 - 06:26
ހޮލީވުޑްގެ ތަރި ބްލޭކް ލިވްލީ އެންމެފަހުން ކުޅުނު ފިލްމު "އިޓް އެންޑްސް ވިތު އަސް"ގައި އޭނާގެ ކޯ-ސްޓާރަކަށް އުޅުނު ހޮލީވުޑްގެ އެކްޓަރު ޖަސްޓިން ބޮލްޑޯނީ އަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ދައުވާކޮށްފި އެވެ.
ޖަސްޓިންއަކީ އެ ފިލްމުގެ ޑައިރެކްޓަރު ވެސް މެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ބްލޭކް ޖަސްޓިން އަށް ދައުވާކުރީ އެ ފިލްމުގެ ޝޫޓިންގެ ދުވަސްވަރާއި ފިލްމުގެ ޕްރޮމޯޝަން އަދި ޕްރިމިއާގެ ދުވަސްވަރު ހިނގާފައިވާ އެކިއެކި ކަންކަމާ ގުޅުވައިގެންނެވެ. ބްލޭކް ވަނީ ޖަސްޓިން އަށް ޖިންސީ ފުރައްސާރައިގެ ތުހުމަތާއި ބްލޭކްގެ އަގު ވައްޓާލަން މަސައްކަތްކުރި ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.
އެ ދައުވާގައި ބުނި ގޮތުގައި، އެ ފިލްމުގެ ޝޫޓިންގެ ދުވަސްވަރު ބްލޭކް އާއި ޖަސްޓިންއާ ދެމެދު ޖެހުނު މައްސަލަ ހޫނުވެ، އެ މައްސަލަ ހައްލުކުރުމަށް ފިލްމުގެ ޕްރޮޑިއުސަރުންނާ އެކު ބައްދަލުވުންތައް ވެސް ބޭއްވި އެވެ. އެ ބައްދަލުވުންތަކުގައި ބްލޭކްގެ ފިރިމީހާ، ހޮލީވުޑްގެ ތަރި ރަޔަން ރެނޮލޯޑްސް ވެސް ބައިވެރިވި އެވެ.
ބްލޭކްގެ އިތުރުން އެ ފިލްމުގެ ކާސްޓާއި ކްރޫގައި ހިމެނޭ އެހެން އަންހެނުންނަށް ވެސް ފުރައްސާރަ ކުރިމަތިވި ކަމަށް އެ ދައުވާގައި ތުހުމަތުކޮށްފަ އެވެ.
އެ ފިލްމުގެ ޕްރޮމޯޝަންގެ ދުވަސްވަރު ވެސް ޖަސްޓިންގެ ފަރާތުން އެކި ފުރައްސާރަތަކާ ކުރިމަތިލާން ޖެހުނު ކަމަށް ބްލޭކް ތުހުމަތުކުރެ އެވެ. އަދި އެ ދުވަސްވަރު ޖަސްޓިން ރާވައިގެން އޭނާއާ ދެކޮޅަށް ބޮޑު ކެމްޕެއިނެއް ހިންގި ކަމަށް ވެސް ތުހުމަތުކުރެ އެވެ.
އޭނާ އެގޮތަށް ތުހުމަތުކުރަނީ، އެ ފިލްމުގެ ޕްރޮމޯޝަންގެ ދުވަސްވަރު، ޖަސްޓިން ބްލޭކް އަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމުން، އޭރު ގިނަ ބަޔަކު ބްލޭކްއާ ދެކޮޅަށް ވާހަކަދައްކާފައި ވާތީ އެވެ. އަދި ފިލްމަށް ލިބުނު ތަރުހީބު ކުޑަވީ ބްލޭކްގެ ސަބަބުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އޭނާއާ ދެކޮޅަށް ވާހަކަދައްކާފައި ވާތީ އެވެ.
ފިލްމުގެ ޕްރޮމޯޝަން އިވެންޓުތަކަށް އެ ދެ ތަރިން ދިޔައީ ވެސް ވަކިންނެވެ. އެކަކު ބައިވެރިވާ އިވެންޓުތަކުގައި އަނެކަކު ބައިވެރި ނުވެ އެވެ. އަދި ފިލްމުގެ ޕްރިމިއާގައި ވެސް ދެ ތަރިން އުޅުނީ ދުރުދުރުންނެވެ.
އެ ދުވަސްވަރު ޖަސްޓިން ވަނީ ބްލޭކްގެ މި ތުހުމަތުކަކަށް އިންކާރުކޮށް، އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި ބްލޭކްގެ ދައުވާއާ ގުޅިގެން ޖަސްޓިންގެ ވަކީލުން ވެސް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ،
ލޯބީގެ ފިލްމު "އިޓް އެންޑްސް ވިތު އަސް" ޕްރިމިއާކުރީ މިދިޔަ އޮގަސްޓް މަހު ނުވައެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯދުލޯދު
22 December 2024
ހެޔޮނުވާނެ ޖަސްޓިން ތިހެން އުޅެން. އަލަތު އަނބިމީހާ ދޫކޮށްލާފަ އެހެން މީހުންގެ އަނބިން ފަހަތުން ދުވެ ފުރައްސާރަ ތިކުރަނީ، ބުލޭކީވޭސް ހަމަ އިހައްދުވަހު ކުއްޖެލިބި އަދި ކިރިޔާ ރަންގަޅުވީ. ދިވެހި ފިރިހެނުން ތެޅޭވައްތަރު.