ނައިޖީރިއާގައި ކާނާ ބަހަނީ: އެ ގައުމުގައި ކާނާ ބަހާ ތަނެއްގައި ވަނީ މީހުން ގިނަވެ ފިތި ގެން އެތައް ބަޔަކު މަރުވެފައި.
23 ޑިސެމްބަރ 2024 - 06:37
ނައިޖީރިއާގައި، ކާބޯތަކެތި ހިލޭ ބަހާ ދެ ތަނެއްގައި މީހުން ގިނަވެ ފިތިގެން މަރުވި މީހުންގެ އަދަދު 32 އަށް އަރައިފި އެވެ.
ދެކުނުގެ އަވަށެއް ކަމަށްވާ އޮކިޖާގައި ހަނޑޫ ބަހަމުން ދިޔަ ސެންޓަރެއްގެ ބޭރުގައި ހޮނިހިރު ދުވަހު މީހުން ގިނަވެ 22 މީހަކު މަރުވެފައިވެ އެވެ. އަދި ހަމަ އެ ދުވަހު އަބޫޖާގައި ކްރިސްޓިއަން ފައްޅިއެއްގައި ފަގީރުންނާއި އުމުރުން ދުވަސްވީ މީހުންނަށް ކާނާ ބަހަމުން ދަނިކޮށް އެތަނުގައި މީހުން ގިނަވެ ފިތިގެން 10 މީހަކު ވަނީ މަރުވެފަ އެވެ.
ކާބޯތަކެތި ބަހާ ތަންތަނުގެ ކައިރިއަށް މިހާ ގިނައިން މީހުން އެއްވަނީ ނައިޖީރިއާ އަކީ އެފްރިކާގެ އެންމެ އާބާދީ ބޮޑު ގައުމަށް ވާއިރު ފަހުގެ ތާރީހެއްގައި އެ ގައުމަށް ކުރިމަތިވި އިގްތިސާދީ އެންމެ ބޮޑު ދަތިކަން ތަހައްމަލްކުރަން ޖެހިފައި ވާތީ އެވެ.
ކާބޯތަކެތީގެ އަގު އާދަޔާ ހިލާފަށް އުފުލިފައި ވާއިރު މިދިޔަ ނޮވެމްބަރު މަހު ވެސް އިންފްލޭޝަން ރޭޓް ހުރީ 34.6 ޕަސެންޓުގަ އެވެ.
އޮކިޖާގައި 22 މީހުން މަރުވިކަން ކަށަވަރުކޮށްދެއްވަމުން އަނަމްބްރާ ސްޓޭޓް ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ހާދިސާގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. އަދި އަބޫޖާގައި މަރުވި މީހުންގެ ތެރޭގައި ހަތަރު ކުޑަ ކުދިން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.
ފުލުހުން ބުނީ މި ހާދިސާތަކުގައި އިތުރު އަށް މީހަކު ޒަހަމް ވެސް ވެފައިވާ ކަމަށެވެ.
މިދިޔަ ހަފްތާގައި ވަނީ ނައިޖީރިއާގެ ހުޅަނގު ދެކުނުގެ ސިޓީއެއް ކަމަށްވާ އިބާދާންގެ ސްކޫލް ފެއާއެއްގައި ވެސް މީހުން ގިނަވެ ފިތި ބާރުވެގެން 35 ކުއްޖަކު މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy