ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ބޯޑަރު ސަރަހައްދުން ބަޔަކު ހިނގާފައި ދަނީ: ބޯޑަރު ސަރަހައްދުގައި ހަމަލާދީ ޕާކިސްތާނުން ވަނީ އަފްޣާނިސްތާނުގެ 46 މީހަކު މަރާލާފައި. -- ފޮޓޯ: އޭއެފްޕީ
26 ޑިސެމްބަރ 2024 - 05:49
އަފްޣާނިސްތާނުގެ އިރުމަތީ ބޯޑަރު ޕްރޮވިންސަކަށް ޕާކިސްތާނުން ވައިގެ މަގުން ދިން ހަމަލާތަކެއްގައި 46 މީހަކު މަރުވެފައިވާ ކަމަށާއި އެކަމުގެ ބަދަލު ހިފާނެ ކަމަށް ތާލިބާން ސަރުކާރުގެ ތަރުޖަމާނަކު އިންޒާރު ދެއްވައިފި އެވެ.
ތާލިބާނުން 2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަން އަލުން ހޯދި ފަހުން ދެ ގައުމުގެ ބޯޑަރު ގައި ނުތަނަވަސްކަން ބޮޑުވެފައި ވާއިރު މިއީ އެ ސަރަހައްދުގައި މި ފަހުން ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.
ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ޕާކިސްތާނުން އިރުމަތީ ޕަކްޓިކާ ޕްރޮވިންސްގެ ބަރްމާލް ޑިސްޓްރިކްޓްގެ ހަތަރު ސަރަހައްދަކަށް ބޮން އަޅާފައި ކަމަށެވެ.
"މަރުވި މީހުންގެ ޖުމުލަ އަދަދަކީ 46، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން،" އިތުރު ހަ މީހަކު ޒަހަމްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ވެސް ގިނައީ ކުޑަކުދިންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓްރީން އަންގާރަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ވަނީ މި ހަމަލާތައް ކުށްވެރިކޮށް، މިއީ އަނިޔާވެރި އަދި ކަނޑައެޅިގެން ދެކޮޅުވެރިކަމުގެ ހަމަލާއެއް ކަމަށް ބުނެފަ އެވެ.
"އިސްލާމިކް އެމިރޭޓްސް އިން މި ފިނޑި އަމަލަށް ޖަވާބެއް ނުދީ ދޫކޮށެއްނުލާނެ. މި ގައުމުން ދެކެނީ އިސްތިގުލާލާއި ސިޔާދަތު ދިފާއު ކުރުމަކީ އޮންނާނެ ހައްގެއް ކަމަށް،" ތާލިބާނުން އެ މީހުންގެ ސަރުކާރަށް ދީފައިވާ ނަން ބޭނުންކޮށްގެން ނެރުނު ބަޔާނުގައިވެ އެވެ.
އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުތަކުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން މިދިޔަ މާޗް މަހު ދިން ނުރައްކާތެރި ވައިގެ ހަމަލާތަކެއްގައި ވެސް އާންމުންގެ އަށް މީހަކު މަރުވެފައިވާ ކަމަށް ތާލިބާނުން ބުނެ އެވެ.
ތާލިބާނުންގެ އޮފިޝަލުން ވިދާޅުވީ މަރުވި މީހުންނަކީ ވަޒީރިސްތާނުން ޕާކިސްތާނުގެ ބޯޑަރު ހުރަސްކޮށް ފިލައިގެން ދިޔަ ބަޔަކާއި އާންމުން ކަމަށެވެ.
ޕަކްޓިކާގެ ބޯޑަރު އޮންނަ އުތުރު ވަޒީރިސްތާނަކީ ހަނގުރާމަވެރިން ގިނަ އަވަށަކަށް ވާއިރު، 9/11 އަށްފަހު އަފްޣާނިސްތާނު ހިފުމުގެ ތެރޭގައި ޕާކިސްތާނުގެ އަސްކަރީ ހަމަލާތަކާއި އެމެރިކާގެ ޑްރޯން ހަމަލާތަކުގެ އަމާޒަކަށް ވެސް އުތުރު ވަޒީރިސްތާނު ވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލީލީ
26 December 2024
މުސްލިމުންނަށް އަދު ވެފައި މިވަނީ ކިހިނެތްހެއްޔެވެ. ހަޤީޤީ ދުޝަމަނުންނަށް ހިމާޔަތާ ރައްކާތެރިކަން ދީގެން ހަމަ ތިމާމެންގެ ދީނަށް ނިސްބަތްވާ އަހުންނާއި އުހުތުން ކަތިލަނީއެވެ. އިސްލާމީ އުންމަތް އެއްބައިކުރާނެ ލީޑަރަކު މިއަދު މިއުންމަތަށް ބޭނުން ޖެހިފައިވެއެވެ.