26 ޑިސެމްބަރ 2024 - 10:51
އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގަށް ވެސް މެންޗެސްޓާ ސިޓީ ކޮލިފައި ނުވެދާނެކަމުގެ ބިރު އެބައޮތްކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ތިން ސީޒަނުގެ ޗެމްޕިއަން ޓީމަށް މި ސީޒަނުގައި ވަނީ މައްސަލަ ދިމާވެފަ އެވެ. އެ ޓީމުން ނެރެމުންދަނީ ދަށް ނަތީޖާތަކެކެކެވެ.
އެ ޓީމު އޮތީ ލީގުގެ ހަތްވަނައިގަ އެވެ. ތާވަލުގައި ސިޓީ އަށް ވުރެ މަގީގައި އޮތް ނޮޓިންހަމް ފޮރެސްޓް، ބޯންމައުތު އަދި އެސްޓަން ވިލާ އަކީ، މީގެ ކުރިން މިޑް ޓޭބަލް ޓީމުތަކުގެ ގޮތުގައި މަޝްހޫރުވި ޓީމުތަކެވެ.
ޕްރިމިއާ ލީގުން ޗެމްޕިއަންސް ލީގަށް ކޮލިފައި ވަނީ ގަދަ ހަތަރު ޓީމެވެ. މުޅި ލީގުގެ ޖުމުލަ ނަތީޖާ ރަނގަޅު ނަމަ ފަސްވަނަ ޓީމަށް ކޮލިފައިން ޖާގައެއް ލިބިދާނެ އެވެ.
ގާޑިއޯލާ ބުނީ ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވެއްޖެނަމަ އެކަން ވާނީ ސިޓީ އަށް ކުރިމަތިވާ ބޮޑު ގެއްލުމަކަށް ކަމަށެވެ.
"މާލީ ގޮތުން މައްސަލައަކަށް ވެދާނެ. އެކަމަކު އެކަންއެކަންޏެއް ނޫން. މިހާރު އަހަރެމެން މިއޮތީ ބޮޑު ރިސްކެއްގެ ތެރޭގައި. މިހެން ވެދާނެކަމަށް އަހަރެން ކުރިން ބުނިން. (އެކަމަކު އަހަރެން އެހެން ބުނުމުން) ބައެއް މީހުން ފެށީ ހޭން. (ހޭން ފެށި) ސަބަބަކީ އަހަރެމެން އަނެއްކާވެސް ލީގު ކާމިޔާބު ކުރާނެކަމަށް މީހުންނަށް ހީކުރެވުން." ގާޑިއޯލާ ބުންޏެވެ.
މެދުނުކެނޑި ކޮންމެ އަހަރަކު ބައެއް ޓީމުތަކުން ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދުމުން އެއީ މާ ބޮޑު ކާމިޔާބެއް ނޫން ކަމަށް ބައެއް މީހުން ދެކޭ ކަމަށް ގާޑިއޯލާ ބުންޏެވެ.
އެ މަގާމުގައި ގިނަ އަހަރުތަކެއް ދެމެހެއްޓި ޓީމުތަކުގެ ކުރިއެރުމަށް މަޑުޖެހުނެވެ. އާސެން ވެންގާގެ ދައުރުގައި ގަވާއިދުން ޗެމްޕިއަންސް ލީގުން ޖާގަ ހޯދަމުން ދިޔަ އާސެނަލް އަށް 19 އަހަރަށް ފަހު ޗެމްޕިއަންސް ލީގުން ޖާގަ ގެއްލުނީ 2016 ގަ އެވެ. މެންޗެސްޓާ ޔުނައިޓެޑުން 18 އަހަރުވަންދެން ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް ފަހު އެކަން ގެއްލުނީ 2014 ގަ އެވެ. ޗެލްސީން 13 އަހަރަށް ފަހު އެ ޖާގަ ގެއްލުނީ 2016 ގަ އެވެ. ލިވަޕޫލަށް ވިދިވިދިގެން ހަ އަހަރަށް ވުރެ ގިނައިން އެ ޖާގަ ހޯދިފައެއް ނުވެ އެވެ.
ގާޑިއޯލާ ބުނީ ސިޓީ އަށް ވެސް އެ ހާލަތު ދިމާވާނެ ކަމަށެވެ.
"މިދިޔަ 12 އަދި 11 އަހަރުގައި ޕްރިމިއާ ލީގުން ގަވާއިދުން ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދީ ސިޓީން. އެކަން އަހަރެމެންނަށް ހާސިލު ނުވެއްޖެނަމަ، އެކަން އެ ނުވީ އެކަން އަހަރެމެންނަށް ހައްގު ނުވާތީ. އަހަރެމެންނަށް އެންމެ ރަނގަޅަށް މަސައްކަތް ނުކުރެވުނީ. އަހަރެމެންގެ މައްސަލަތައް ގިނަ ވެގެން. އެ މައްސަލަތައް ހައްލު ނުކުރެވިގެން،" ޕްރިމިއާ ލީގުގައި މިއަދު އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެސްގައި ވާހަކަ ދައްމުން ގާޑިއޯލާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންހުސޭން
26 December 2024
ގާޑިއޯލާ ވަކިކޮށްފަ ސުޒޭނު އަށް ޓީމު ހަވާލުކުރަން ގޮވާލަން