މިހިސް ލޯންޗް ކުރި ރަސްމީޖަލްސާގައި ނަގާފަވާ ފޮޓޮއެއް--- ފޮޓޯ: ހެލްތު މިނިސްޓްރީ
26 ޑިސެމްބަރ 2024 - 13:44
ވެކްސިން ކާޑު އަންނަ ބުދަ ދުވަހުން ފެށިގެން ޑިޖިޓަލްކުރަން ނިންމައި، ސިއްހީ މުހިއްމު މައުލޫމާތު އޮންލައިންކޮށް ބެލޭނެ ޕޯޓަލްއެއް އިއްޔެ ލޯންޗުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގައި "މޯލްޑިވްސް އިންޓަގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް" (މިހިސް) ފައްޓަވައިދެއްވީ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
މިނިސްޓްރީން ބުނީ މިހިސްގެ ބޭނުމަކީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އާއްމުންނަށް ސިއްހީ މައުލޫމާތުތައް ރައްކާތެރިކަމާއި ފަސޭހަކަމާ އެކު ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. މި ޕޯޓަލްގެ އެންމެ މުހިއްމު އެއް ކަމަކީ ކުދިންގެ ހެދިބޮޑުވުމާ ގުޅޭ މައުލޫމާތުތައް ޑިޖިޓައިޒްކުރުމެވެ.
އެ ޕޯޓަލް ލޯންޗުކުރުމަކީ ސިއްހީ ދާއިރާގެ މައުލޫމާތު އެއްކުރަން މިހާރު ބޭނުންކުރާ އެހެން ސިސްޓަމްތަކުގައި ހިމެނޭ މައުލޫމާތުތައް އެއްތަންކުރުމާއި އެއްހަމަކޮށް އަދި އާއްމުންނަށް ފަސޭހައިން އެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، އަންނަ ބުދަ ދުވަހުން ފެށިގެން އުފަންވާ ކުދިންނަށް ޑިޖިޓަލް ވެކްސިނޭޝަން ކާޑު ދީ، ހެދިބޮޑުވުމުގެ ޗާޓާއި ހެދި ބޮޑުވަމުން އަންނަ މިންވަރު ދެނެގަނެވޭނެ މިންވަރާއި ކުއްޖާއަށް ދޭ ވިޓަމިން އަދި ފަނިބޭހުގެ މައުލޫމާތުތައް ޕޯޓަލް އިން ފެންނާނެ ކަމަށެވެ.
"މީގެ އިތުރުން ހެދިބޮޑުވަމުންދާ މިންވަރު މޮނިޓާކޮށް، ވެކްސިން ޖަހަންޖެހޭ ދުވަސް ކައިރިވުމުން ބެލެނިވެރިންނަށް ހަނދާންކޮށްދިނުމަށް މި ސިސްޓަމް މެދުވެރިކޮށް އެސްއެމްއެސް ޒަރިއްޔާއިން ނޮޓިފިކޭޝަން ލިބިގެންދާނެ އެވެ،" ހެލްތު މިނިސްޓްރީން ބުންޏެވެ.
އާއްމު ސިއްހަތު ނިޒާމުގެ ތެރެއިން އެ ހިދުމަތް ހާއްސަކޮށްފައިވާ މޮޑިއުލް ތަންފީޒުކުރަމުންދާ އަތޮޅުތަކުގައި ދިރިއުޅޭ މީހުންނަށް، އެ މީހެއްގެ ގައިންގަޔަނަށް ނާރާ ބަލިތަކާއި އޭގައި ހުރި ނުރައްކާތަކުގެ މައުލޫމާތު ޕަބްލިކް ޕޯޓަލް އިން ފެންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި ޕްރައިމަރީ ހެލްތު ކެއާ ޕްރޮގްރާމުގައި ބައިވެރިވެފައިވާ މީހުންގެ ތެރެއިން ފޮލޯއަޕް ހަދަން ޖެހޭ މީހުންނަށް، އެ ޓެސްޓުތައް ހަދަން ޖެހޭ ދުވަސް ކައިރިވުމުން ނޮޓިފިކޭޝަނެއް ވެސް ފޮނުވާނެ އެވެ.
އެ ޕޯޓަލް ފުޅާކުރަމުން، އާއްމު ސިއްހީ މައުލޫމާތުގެ އިތުރުން ޑޮކްޓަރަށް ދައްކައިގެން ހޯދާ ފަރުވާ އަދި ޓެސްޓުތަކުގެ ނަތީޖާތައް ވެސް ފެންނަން ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަންބުން
26 December 2024
މިކަހަލަ ކަންތައް ކުރުމުގެ ބަދަލުގައި ރާއްޖޭ އެންމެންގެ ސިއްހަތު ނިކަން ސުކުރީނުކޮށް ކެންސަރާ.ކިޑުނީ ބަލިތަކާ. ހިތުގެ ބަލިތަކާ. ހަކުރުބަލީގައި އުޅެނީ ކިހާވަރެއްތޯ ބަލައި ރައއކާތއރިކަމުގެ ފިޔަވަޅުތައް އެޅުން މާ މުހިއްމުކަމުގައި ދެކެން. ޖީލުތައް ސަލާމަތްކުރަން ފަށާނީ ކޮންއިރަކުންބާއޭ ހިތައް އަރަާ.
ޭހެހެ
26 December 2024
ބަންބުން އަށް ނޭގެނީނުން ރާއްޖޭގައި ސުކުރީނު ކުރަން ކުރާ މަސައްކަތް
މުދައްރިސް-1
26 December 2024
ތިޔަ ފާޑުގެ އެއްޗެއް މިމިސް އޭ ކިޔައިގެން އެޑިއުކޭޝަން ދާއިރާގަ ވެސް ތަންކޮޅެއް ކުރިން ބޭނުންކުރި، ނަމަވެސް ސިސްޓަމަށް ލޯޑު ބޮޑުވެ ކްރޭޝްވާތީ މިހާރުވަނީ ހުއްޓާލާފައި، ތިވެސް މި މަގުން ނުދާނެކަމަށް އުއްމީދު ކުރަން،