މަޝްހޫރު ލަވަކިޔުންތެރިޔާ ދުއާ ލިޕާ އާއި އޭނާގެ ލޯބިވެރިޔާ ކެލަމް ޓާނާ.
29 ޑިސެމްބަރ 2024 - 06:18
އަލްބޭނިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދުއާ ލިޕާ އޭނާގެ ލޯބިވެރިޔާއާ އެންގޭޖުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ދުއާ އޭނާގެ ލޯބިވެރިޔާ، އިނގިރޭސި އެކްޓަރު ކެލަމް ޓާނާއާ އެންގޭޖުވިކަން އިއުލާން ނުކުރެ އެވެ. ނަމަވެސް، މިދިޔަ ހުކުރު ދުވަހު ކްރިސްމަސްއާ ދިމާކޮށް ދުއާ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓަކަށް ހަވާލާދީ ބައެއް ނޫސްތަކުން ބުނީ އެ ދެމީހުން އެންގޭޖުވެއްޖެ ކަމަށެވެ.
ދުއާގެ ޕޯސްޓުގައި ހުރި ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ވާތު ކަށި އިނގިލީގައި ބޮޑު އަނގޮޓިއެއް އަޅާފައިވެ އެވެ. ބެލެވޭ ގޮތުގައި އެއީ ޖަވާހިރު ބޭނުންކޮށްގެން ފަރުމާކޮށްފައިވާ އަނގޮޓިއެކެވެ.
އެ ޕޯސްޓުގެ ކޮމެންޓުތަކުގައި ވެސް ބައެއް މީހުން ވަނީ އެ ދެމީހުން އެންގޭޖުވީތޯ އަހައިފަ އެވެ.
ބައެއް ނޫސްތަކުން ވަނީ ދުއާ އާއި ކެލަމްގެ ގާތް މީހުންނާ ހަވާލާދީ ވެސް މި ޚަބަރު ކަށަވަރުކޮށްދީފަ އެވެ.
ދުއާ، 29، އާއި ކެލަމް، 34، ލޯބީގެ ގޮތުން ގުޅުނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.
ދުއާ ވަނީ އޭނާގެ ވޯލްޑް ޓުއާގެ ދަށުން މި އަހަރު ވަރަށް ގިނަ ގައުމުތަކުގެ ޝޯ ދީފަ އެވެ. އެންމެފަހުން އޭނާ ޝޯ ދިނީ މެލޭޝިއާ އާއި ތައިލެންޑުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުލޭހާ
29 December 2024
ނޭނގޭ. އޭނަ ނުބުނޭ!
ޙަޒް
29 December 2024
އިންޑިއާގައި ވެސް ޝޯދިން. އަދި ސައުތު ކޮރެއާގައި.