މ. މުލީ އެއާޕޯޓްގެ މަސައްކަތް ކުރަނީ: އެ އެއާޕޯޓް އަންނަ މާޗް މަހު ހުޅުވަން ދަނީ މަސައްކަތް ކުރަމުން --- ފޮޓޯ/ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ
29 ޑިސެމްބަރ 2024 - 14:13
މ. މުލީ އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިންމާފައިވާ ކަމަށާއި އަންނަ މާޗް މަހުގެ ފުރަތަމަ ދުވަހު އެއާޕޯޓު ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން މިއަދު ވިދާޅުވެއްޖެ އެވެ.
އެ އެއާޕޯޓް އަޅަން ކުރީގެ ސަރުކާރުން 2021 ވަނަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ އެވެ. އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމަން އެ ކުންފުންޏާ ހަވާލުކުރީ 212 މިލިއަން ރުފިޔާއަށެވެ. އެކަމަކު، ބަޖެޓުގެ ދަތިކަމާ ހެދި މަސައްކަތް ދިގުލައިގެން ދިޔައީ އެވެ.
މުބީން "މިހާރު" އަށް ވިދާޅުވީ އެއާޕޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް އެއްކޮށް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަނީ ޓާމިނަލް އަދި އެއާޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ފިނިޝިން މަސައްކަތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ މަސައްކަތްތައް ވެސް ހުރީ ނިމުމާ ކައިރީގައި،" މުބީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާޕޯޓް ހުޅުވުމަށް ބޭނުންވާ ފަޔަ ލޮރީ ގަންނަން އޯޑަރު ދީފައިވާ ކަމަށެވެ. އަދި އެ ތަކެތި ލިބުމުން މާޗް މަހުގެ އެއް ވަނަ ދުވަހު ޓެސްޓް ފްލައިޓް ޖައްސައި، އެއާޕޯޓު ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މުލީ އެއާޕޯޓް މަސައްކަތްތައް ނިންމައި މިދިޔަ ޖުލައި މަހު ވެސް އެއާޕޯޓު ހުޅުވަން ރީޖަނަލް އެއާޕޯޓުން މަސައްކަތްކުރި އެވެ. އެކަމަކު އޭރު އެ މުއްދަތަށް މަސައްކަތް ނިންމާފައެއް ނުވެ އެވެ.
މުލީ އެއާޕޯޓު ހިންގުމަށް ސަރުކާރުން ދާދިފަހުން ވަނީ ރީޖަނަލް އެއާޕޯޓް ކުންފުންޏަށް އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިސް
29 December 2024
ނުނިމޭ އެހެއްދެވީ ކަނޑައެޅިގެން ދޮގެއް އަދިވެސް ރަންވޭ ހަދަން ވެލިނެގި ތަންތަނަށް ވެލިވެސް އަޅާ ނުނިމޭ. އެ އުޅުއްވަނީ އެއާރޕޯޓް ނުނިއްމަވާ ޓެސްޓް ފުލައިޓް ޖައްސަން.
ޔާނި
29 December 2024
ތިޔަ އެއާޕޯޓަކީ މިފަހުން ހެދި އެންމެ ކަމުނުދާ ހުތުރު ޑިޒައިން،، އަނެއްކާ ހުސް ދަނގަޑު!
ފަރަންޖީ
29 December 2024
މޮޅެތި ފެންސީ ކޮށް ހަދާފަ ހުންނަ ޓާމިނަލްތައް ދޯ؟ މީދެން ކޮންފަދަ އިސްރާފެއްތަ؟ 10-12 އަހަރުވާއިރު ތި ރަނވޭގަނޑު ނުހުޅުވިގެން މިއުޅެނީ. މިވަރަށް އިސްރާފު ބޮޑުވީމައި ވާނީ އެހެންތާ؟
ބަކުރުބެ
29 December 2024
ދެން ޖެހިގެން އޮތް މުލަކުން އެދޭނެ އެއާޕޯޓެއް އަޅަން..
ޢަލީބާބާ
29 December 2024
ތިކަން ކުރަން އުޅޭނަމަ ނިމިއްޖީސް. ޙޯރަފުށި އަދި މުލި އެއަރޕޯޓް ފެށީ އެކު އެކީ. ދެން ބަލާބަލަ