މުލީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން އާންމުންނާ ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
20 މެއި 2025 - 11:25
ރައީސް ޑރ. މުހައްމަދު މުއިއްޒު، މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް މުލީގައި މިއަދު ހުޅުއްވައިދެއްވައިފި އެވެ.
ރައީސް މުއިއްޒު މުލި އެއާޕޯޓް ހުޅުއްވައިދެއްވީ މިއަދު ހެނދުނު މި ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މުއްޔަށް ރައީސް ވަޑައިގަތުމުން މި ރަށުގެ ރައްޔިތުން ވަނީ އެއާޕޯޓުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ ކެބިނެޓް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނިން ހިންގާ މުލި އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖެއްސީ މިދިޔަ މަހު 25 ގަ އެވެ.
މުލީ އެއާޕޯޓަކީ ރާއްޖޭގައި ހުޅުވި 19 ވަނަ އެއާޕޯޓެވެ. އަދި 14 ވަނަ ޑޮމެސްޓިކް އެއާޕޯޓެވެ.
President Dr @MMuizzu arrives in M. Muli Island to officially inaugurate the Muli Airport - a key pledge of his presidency.
— The President's Office (@presidencymv) May 20, 2025
Upon arrival the President and his delegation was warmly welcomed by the island’s community. pic.twitter.com/6BKIIKkA2X
މިއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ހެދި އެއާޕޯޓެކެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 212 މިލިއަން ރުފިޔާއަށެވެ. އެކަމަކު ބަޖެޓުގެ ދަތިކަމާ ހެދި އެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔައީ އެވެ. ފަހުން ކުރި ހަރަދުތަކާ އެކު މުޅި ޕްރޮޖެކްޓަށް 540 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.
ރީޖަނަލް އެއާޕޯޓްސް އިން ބުނެފައިވާ ގޮތުގައި، މުލި އެއާޕޯޓުގެ ކޮމާޝަލް އޮޕަރޭޝަންތައް ފެށުމަށް، ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރާ މޯލްޑިވިއަން އާއި ވިލާ އަދި މަންތާ އެއާލައިނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ބުނީ، މީހުން ދިރިއުޅޭ 8 ރަށް މ. އަތޮޅުގައި އޮންނައިރު އެ އަތޮޅުގެ 5،000 އަށް ވުރެ ގިނަ މީހުންނަށް މުލީ އެއާޕޯޓާ އެކު އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.
މޯލްޑިވިއަން އިން މި މަހު ވަނީ މި އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ފަށައިފަ އެވެ. އެއީ ކޮންމެ ހޮނިހިރު ދުވަހު ބާއްވާ ފްލައިޓެކެވެ. މި ވަގުތު އެއްކޮޅު ޓިކެޓެއްގެ އަގަކީ ހުރިހާ ޓެކްސްއެއް ހިމަނައިގެން 999ރ. ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
"މި ވަގުތު ހަފުތާއަކު އެއް ފްލައިޓު މުއްޔަށް މި ބާއްވަނީ. އެކަމަކު ތަރުހީބަށް ބަލާފައި ފްލައިޓުތައް އިތުރު ކުރާނެ،" އެ އެއާލައިންގެ އިސްވެރިއަކު މިއަދު ވިދާޅުވި އެވެ.
މުލި އެއާޕޯޓު މަޝްރޫއުގެ ދަށުން ވަނީ 14 ހެކްޓަރުގެ ބިންހިއްކައި، 1،812 މީޓަރު ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތްކޮށްފަ އެވެ. އަދި ޕެސެންޖާ ޓާމިނަލަކާ އެކު، 1،500 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހަދާފައިވެ އެވެ.
މުލީ އެއާޕޯޓު ހަދާފައި ވަނީ އެއްފަހަރާ 150 ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށެވެ. ރޭގަނޑު ވެސް ފްލައިޓުތައް ޖެއްސޭ ގޮތަށް ހެދި އެ އެއާޕޯޓުގައި ފަޔާ ސްޓޭޝަން ޓަވަރާ އެކު ސަލާމަތީ އިތުރު ކަންކަން ވަނީ ގާއިމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝުކުރިއްޔާ.
20 May 2025
ރަށު އެއަރޕޯޓް އަޅަން ބިން ހިއްކަވައިދެއްވީތީ ރައީސް ޔާމީނުއަށް ޝުކުރިއްޔާ. އެއަރޕޯޓް އަޅުއްވާ ހުޅުވުމާ ގާތަށް ގެންގޮސްދެއްވީތީ ރައީސް ސޯލިޙުއަށް ޝުކުރިއްޔާ. އެއަރޕޯޓް ހުޅުއްވާދެއްވީތީ ރައީސް މުޢިއްޒުއަށް ޝުކުރިއްޔާ. މުލި އަދި މުލި ކައިރި ރަށްރަށު މީހުންނަށް މަރުޙަބާ!
ހަބީބު
20 May 2025
ބޭކާރު ހަރަދެއް ބޮޑެތި މަރާމާތު ހުންނާނެ މުސާރަޔާ މުވައްޒަފުންގެ ހަރަދާ ދެކޮޅު ނުޖެހޭ ވަރައް ގަމާރު ކަމެއް ކޮންމެ ބަޔަކު ކުރިޔަސް
ނަމެއްނެއް
20 May 2025
"މިއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ހެދި އެއާޕޯޓެކެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 212 މިލިއަން ރުފިޔާއަށެވެ. އެކަމަކު ބަޖެޓުގެ ދަތިކަމާ ހެދި އެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔައީ އެވެ. ފަހުން ކުރި ހަރަދުތަކާ އެކު މުޅި ޕްރޮޖެކްޓަށް 540 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ." މިވެސްދެން .. އެޅި އެއަރޕޯރޓް އަކަށް ހަދައިފި...
ވަން ޓޫ
20 May 2025
ކޮންމެ ރަށަކަށް އެއަޕޯޓެއް ކޮންމެ ރަށަކަށް ޓަރޝަރީ ހޮސްޕިޓަލެއް ކޮންމެ ރަށަކަށް ޔުނިވަރސިޓީ އެއް. މި ހުންނަނީ ވާ ވަރުގެ ކަންކަމެއް ނޫން.
ފަންނު
20 May 2025
މާފަންނުގައި އެއަރޕޯޓެއް އަޅައިފިއްޔާ މުއިއްޒުއަށް ބޯކޮށް ވޯޓު ލިބޭނެ. މ.އަތޮޅުގެ އާބާދީއަށް ވުރެ މާފަންނުގެ އާބާދީ ހަތަރު ގުނަ ބޮޑުވާނެ.
ހަސަންބެ
20 May 2025
ަޝުކުރިއްޔާ ރައިސް ސޯލިހު, މީމު އަތޮޅުގެ ފަރާތުން
ހުލާސާ
20 May 2025
މިވެސް މަހަކު ދެފަހަރު ހުޅުވާ ތަނެއްތަ? އަދި ޖެހޭނެ ރަސްމީ ރަސްމީކޮށް ހުޅުވަން..
އިމްދާދް
20 May 2025
މި ސަރުކާރުގެ ސްޕީޑް ހަމަ ހަލުވިވީއޭ
މައުރޫފް އަލީ
20 May 2025
ވަރަށް މުހިންމު އެއަރޕޯޓެއް މި ހުޅުވާލީ. ޒަމާންތަކެއް ފަހުން ދުވަސް އައިސް މިޖެހުނީ
އެހެނަސް
20 May 2025
މަސައްކަތް ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާއި ހަވާލުކުރީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު 2014 ވަނަ އަހަރުގައެވެ މުލީގެ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އެމްޓީސީސީންނެވެ. އެމްޓީސީސީއާ އެއާޕޯޓުގެ މަސައްކަތް ހަވާލު ކުރީ، 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. ރަނގަޅު ކޮއްލާ މިއީ އަސްލު ކަން ހިނގާ ދިޔަގޮތް