ގިނަ ޑޮމެސްޓިކް އެއާޕޯޓުތަކެއް ހެދުމުގެ ބަދަލުގައި ވައިގެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމު ކުރެވޭނެ އެހެން ގޮތްތަކާ މެދު ވާހަކަ ދައްކަން ރަނގަޅު ކަމަށާއި އޭގެ ބަދަލުގައި އެއާސްޓްރިޕް ތައް ހަދައިގެން ކުދި މަތިންދާބޯޓުތައް ޖެއްސުމަކީ ކުރެވިދާނެ ކަމެއް ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު ބޭއްވި ޔޫތު ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ޒުވާނަކު ހުށަހެޅި ހިޔާލަކަށް ދެއްވި ޖަވާބުގަ އެވެ. "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް"ގެ ނަމުގައި ރޭ ބޭއްވި އިވެންޓުގައި އެ ޒުވާނާ ބުނީ ރާއްޖޭގައި ގިނަ އަދަދެއްގެ އެއާޕޯޓު އެޅުމުގެ ބަދަލުގައި ސީޕްލޭން އޮޕަރޭޓް ކުރުން ފަދަ އެހެން ގޮތެއް ހޯދިދާނެ ކަމަށެވެ.

އެ ވާހަކަ އަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސީޕްލޭން ހިދުމަތް ދިނުމުގައި އޮތް އެއް ހުރަހަކީ ސީޕްލޭނަކީ ރޭގަނޑު އޮޮޕަރޭޓު ކުރެވޭނެ އުޅަނދަކަށް ނުވުން ކަމަށެވެ.

"ދެން ހެދޭނެ ގޮތަކީ މިހާރު އަޅުގަނޑުމެން ތެރޭގައި ވާހަކަ ދައްކާ ކަމެއް، ބޮޑެތި ރަށްރަށުގައި، ބިން އޮތް ރަށްރަށުގައި ނޫނީ އެހާ ބިން ބޮޑު ނޫނަސް ހަަމަ ކޮންމެވެސް ވަރަކަށް އެއާސްޓްރިޕެއް، މި ގެންގުޅޭ ކުދިކުދި ސީޕްލޭން ސައިޒުގެ ބޯޓްތަކުގައި ވީލް ހަރުކޮށްފައި ގޮސް ޖެއްސޭނެ ވަރުގެ އެއާސްޓްރިޕް، ލޭންޑިން ސްޓްރިޕެއް ހަދާފައި އޭރުން ވަރަށް ގިނަ ރަށްތަކުގައި އޭރުން މަތިން ގޮސް ޖެއްސޭނެ ރޭގަނޑު ވެސް،" ރައީސް ވިދާޅުވި އެވެ.

ޒުވާނުންގެ ކޮންފަރެންސް ނިންމަން ރޭ ބޭއްވި ހަފުލާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ޒުވާނުންގެ ކޮންފަރެންސް ނިންމަން ރޭ ބޭއްވި ހަފުލާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އެ ސައިޒުގެ މަތިންދާބޯޓު ޖައްސާކަށް ކޮންމެހެން ބޮޑު އެއާޕޯޓެއް ބޭނުން ނުވެ އެވެ. ދިގުމިނުގައި 600 މީޓަރު ހުރި އެއާސްޓްރިޕެއް ހަދައިފި ނަމަ ސީޕްލޭން ސައިޒުގެ ބޯޓްތައް ޖެއްސޭނެ ކަމަށް ވިދާޅުވި އެވެ. ސީޕްލޭންތަކުގައި ފުރޮޅު ހަރުކޮށްގެން އެ ވަރުގެ ތަންތަނަށް ޖެއްސޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ޒުވާނުންގެ ކޮންފަރެންސް ނިންމަން ރޭ ބޭއްވި ހަފުލާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ޒުވާނުންގެ ކޮންފަރެންސް ނިންމަން ރޭ ބޭއްވި ހަފުލާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

އޭރުން ގިނަ އެއާޕޯޓުތައް ހަދާކަށް ނުޖެހޭނެ ކަމަށާއި ގިނަ ރަށްތަކަކަށް މަތިންދާބޯޓު ޖެއްސޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު ސަރުކާރުތަކުން ކުރިއްސުރެ ގެންގުޅެމުން އައި ސިޔާސަތަކީ ރާއްޖޭގެ ކޮންމެ ރަށަކުން 30 މިނެޓްގެ ތެރޭގައި ދެވޭ ހިސާބުގައި އެއާޕޯޓެއް އެޅުމެވެ. އެގޮތުން ގިނަ އެއާޕޯޓިތަކެއް އަޅަން އެ މަނިކުފާނު ވެސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.