ރާއްޖޭގެ ޑޮމެސްޓިކް ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ މަންޓާ އެއާ އިން އެ ކުންފުނީގެ އޭޓީއާރު މަތިންދާބޯޓުތަކުގެ އޮޕަރޭޝަންތައް އެއްކޮށް ހުއްޓާލައި، އެ ފްލީޓްގައި މަސައްކަތްކުރާ ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫން ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ.

މަންޓާ އެއާގެ ޑެޕިއުޓީ ސީއީއޯ އަހުމަދު މައުމޫން ސޮއިކުރައްވައި، އެ ކުންފުނީގެ އޭޓީއާރު ކްރޫންނަށް ފޮނުއްވާފައިވާ ރަސްމީ ނޯޓިސްގައިވާ ގޮތުން، އޮޕަރޭޝަންތައް ހުއްޓާލާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ.

މަންޓާ އެއާ އިން ބުނި ގޮތުގައި، އޭޓީއާރު އޮޕަރޭޝަންގެ އޮނިގަނޑަށް ބަދަލުތައް ގެނެސް، ވީހާ ވެސް ގިނަ ދުވަހަކު މުވައްޒަފުންގެ ވަޒީފާތައް ރައްކާތެރިކުރުމަށް ޓަކައި ކުންފުނިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ނަމަވެސް، ވިޔަފާރީގެ ދެމެހެއްޓެނިވިކަން އަލުން މުރާޖައާ ކުރުމަށް ފަހު، އޭޓީއާރު ފްލައިން އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ ދެމެހެއްޓެނިވި ހާލަތެއް މިހާރު ނެތް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ނިންމުން ނިންމަން ޖެހުނު މައިގަނޑު ދެ ސަބަބުގެ ތެރޭގައި، ޕާކިސްތާނުގެ ސައުތު އެއާ އާއެކު ކުރިއަށް ގެންދިޔަ ވެޓް-ލީޒް އޮޕަރޭޝަން ނިމުމަކަށް އައުމާއި ކުންފުނީގެ އޭޓީއާރު ފްލީޓްގެ އިންޖީނުތަކަށާއި ޓެކްނިކަލް ގޮތުން މެދުވެރިވަމުންދާ ތަފާތު މައްސަލަތައް ވަނީ ފާހަގަކޮށްފަ އެވެ. 

އޭޓީއާރު ފްލީޓުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ވަކިކުރަނީ، ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން، ވިޔަފާރީގެ އޮޕަރޭޝަން ހުއްޓާލުމާ ގުޅިގެން މުވައްޒަފުން ވަކިކުރާ ވަކިކުރުމެއްގެ ގޮތުގަ އެވެ.

މުޅި އޮޕަރޭޝަން ހުއްޓާލާތީ، މުވައްޒަފުން ވަކިކުރުމުގައި ވަކި 'ސެކްޝަން ކްރައިޓީރިއާ' އެއް ނުހިނގާނެ ކަމަށް ނޯޓިސްގައި ބުނެފައިވެ އެވެ.

ނަމަވެސް، ވަޒީފާއާބެހޭ ގަވާއިދުގެ ދަށުން ލުއި ދިނުމުގެ ގޮތުން، މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު 5:00 ގެ ކުރިން އަމިއްލައަށް އިސްތިއުފާ ހުށަހެޅުމުގެ ފުރުސަތު ކުންފުނިން ވަނީ ދީފަ އެވެ.

މި ފުރުސަތުގެ ބޭނުން ހިފައި، އިސްތިއުފާގެ އެއްބަސްވުމުގެ ދަށުން، ވަކިކުރުމުގެ ނޯޓިސް މުއްދަތުގައި ލިބެންޖެހޭ ފައިސާއާ އެއްވަރުގެ އަދަދެއް ކުންފުނިން އެ މުވައްޒަފަކަށް ދޭނެ ކަަމަށް ބުނެފައިވެ އެވެ.

މިއީ އޭޓީއާރު ކްރޫންގެ ގާބިލުކަން ނެތިގެން ނިންމި ނިންމުމެއް ނޫންކަން ފާހަގަކޮށް، އުނދަގޫ ހާލަތްތަކުގައި ވެސް މުވައްޒަފުން ދިން އެއްބާރުލުމާއި ހިދުމަތަށް މެނޭޖްމަންޓުން ވަނީ ޝުކުރު އަދާކޮށް، މަންޓާއިން މާފަށް އެދިފަ އެވެ.

މި ނިންމުމުގެ ސަބަބުން އަސަރުކުރާ ކޮންމެ މުވައްޒަފަކާ އެ ކުންފުނީގެ އެޗްއާރް ޑިޕާޓްމަންޓުން ވަކިވަކިން މުއާމަލާތުކޮށް، ނޯޓިސްގެ ޝަރުތުތަކާއި ފަހުގެ މުސާރަ އާއި އިނާޔަތްތައް ހަމަޖެއްސުމުގެ އިދާރީ ކަންކަން ކުރިއަށް ގެންދާނެ ކަމަށް މަންޓާ އިން ބުންޏެވެ.

ދ. ކުޑަހުވަދޫ އެއާޕޯޓަށް މަންޓާ އިން އޭޓީއާރު ދަތުރުތައް ފެށީ، ފެބްރުއަރީ 2019 ގަ އެވެ.

އޭގެ ފަހުން، މަންޓާ އިން ވަނީ ދަރަވަންދޫ، މަޑިވަރު، ކޫއްޑޫ އަދި އިފުރަށް އޭޓީއާރު އޮޕަރޭޝަންތައް ފުޅާކޮށްފަ އެވެ.