ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ދަތުރުތައް މާދަމާއިން ފެށިގެން، ކުރީގެ އިންޓަނޭޝަނަލް ޓާމިނަލުން ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އެމްއޭސީއެލް އިން ވަނީ ވެލާނާ އެއާޕޯޓުގެ ޓާމިނަލް 2 އިން ޑޮމެސްޓިކް ދަތުރުތައް ފެށުމަށް އެތަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ޓާމިނަލް އެއްކޮށް މަރާމާތުކޮށްފަ އެވެ.
މާދަމާއިން ފެށިގެން ޑޮމެސްޓިކްގެ ހުރިހާ ވައިގެ ދަތުރުތަކެއް ކުރާނީ އެ ޓާމިނަލުން ކަން އެމްއޭސީއެލް އިން މިއަދު "މިހާރު" އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. މާދަމާ ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި އެ ޓާމިނަލް ހުޅުއްވައިދެއްވާނީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ނުވަތަ ޓާމިނަލް 1 މިދިޔަ އަހަރު ޖުލައި 26 ގައި ހުޅުވައި، މިދިޔަ އަހަރުގެ ނިޔަލަށް ހުރިހާ އިންޓަނޭޝަނަލް އެއާލައިންތަކުގެ ދަތުރުތައް ވަނީ އެ ޓާމިނަލަށް ބަދަލުކޮށްފަ އެވެ.
ޑޮމެސްޓިކް ވައިގެ ދަތުރުތައް ޓާމިނަލް 2 އަށް ބަދަލުކުރުމާ އެކު، ކުރީގެ ޑޮމެސްޓިކް ޓާމިނަލް މާދަމާ ބަންދުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގައި ޑޮމެސްޓިކް ވައިގެ ދަތުރުތައް ކުރަނީ ތިން އެއާލައިނަކުންނެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި މަންޓާ އެއާ އަދި ވިލާ އެއާ އިންނެވެ.
ވެލާނާ އެއާޕޯޓުގައި ޒަމާނީ ފެންވަރުގެ ޓާމިނަލެއް ހަދަން މީގެ 12 ވަރަކަށް އަހަރު ކުރިން ފެށި ބިޔަ މަސައްކަތް އެއްކޮށް ނިންމާލައި މިދިޔަ ޖުލައި 26 ވަނަ ދުވަހު އެ ޓާމިނަލް ރަސްމީކޮށް ހުޅުވައި ވަނީ ބޭނުންކުރަން ފަށައިފަ އެވެ. އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އެ ޓާމިނަލުން 40 އަށް ވުރެ ގިނަ އެއާލައިނަކަށް މިހާރު އަންނަނީ ހިދުމަތް ދެމުންނެވެ.
އާ ޓާމިނަލުގެ މަސައްކަތް ސައުދީ ބިންލާދިން ގްރޫޕުން ފެށީ 2016 ވަނަ އަހަރު އެވެ. މަސައްކަތް ފެށީ 300 މިލިއަން ޑޮލަރުން ނިންމާ ގޮތަށް ކަމަށް ވިޔަސް އެ މަސައްކަތް ނިމުނު އިރު ޕްރޮޖެކްޓްގެ އަގު 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) އަށް އެރި އެވެ.