"ޕުޝްޕާ 2"ގައި ރާއްޖެ ކަމަށް ދައްކާ މަންޒަރުގެ ސްކްރީންޝޮޓެއް.
31 ޑިސެމްބަރ 2024 - 07:04
އިންޑިއާގެ މި އަހަރުގެ އެންމެ އަގުބޮޑު ފިލްމު ކަމަށްވާ "ޕުޝްޕާ 2" ބަލަން ސިނަމާއަށް ދިޔަ ބައެއް މީހުން މި ވާހަކަ އެބަ ދައްކަ އެވެ. އެ ފިލްމުގެ މަންޒަރެއްގައި ދައްކަނީ ރާއްޖެ ހެއްޔެވެ؟
"ޕުޝްޕާ"އަކީ އިންޑިއާގެ ވަކި ހިސާބަކުން ނޫނީ ނުލިބޭ ލަކުޑީގެ ބާވަތެއް ވަގަށް ވިއްކުމުގެ ވިޔަފާރިކުރާ ގޮތް ދައްކައިދޭ ދެކުނު އިންޑިއާގެ މަސާލާ ސްޓައިލުގެ އެކްޝަން ފިލްމެކެވެ.
މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ޕުޝްޕާ 2"ގައި ހިމެނޭ މަންޒަރެއްގައި ދައްކަނީ އެ ލަކުޑި ގަންނަން ބޭނުންވާ އެ ގައުމުން ބޭރުގެ މުއްސަނދި މީހަކަށް މި ވިއްކުމަށް ސިއްރު ޑީލެއް ހެދުމަށް ޕުޝްޕާ ރާއްޖެއަށް އަންނަ ތަނެވެ. ރާއްޖޭގެ ރިސޯޓެއްގައި ހުންނަ ހަމީދު ކިޔާ މީހަކަށް މި ބާވަތުގެ ލަކުޑި ވިއްކުމަށް 5،000 ކްރޯޑް ރުޕީސްގެ ޑީލެއް އެމީހުން ހަދަ އެވެ.
"ޕުޝްޕާ 2"ގައި ރާއްޖެ ކަމަށް ދައްކާ މަންޒަރުގެ ސްކްރީންޝޮޓެއް.
އެ މަންޒަރުގައި ދައްކަނީ ރާއްޖޭގެ ރިސޯޓެއްގެ ގޮނޑުދޮށެވެ. މޫދުގައި ވޯޓާ ވިލާތައް ވެސް ހުރެ އެވެ.
ދެކުނު އިންޑިއާގެ ކުޅަދާނަ އެކްޓަރު އައްލޫ އަރްޖުން ލީޑު ރޯލު ކުޅޭ "ޕުޝްޕާ 2"ގެ އެއްވެސް މަންޒަރެއް ރާއްޖޭގައި ނެގިކަން އަދި ޔަގީން ނުވެ އެވެ.
"ޕުޝްޕާ 2"ގައި ރާއްޖެ ކަމަށް ދައްކާ މަންޒަރުގެ ސްކްރީންޝޮޓެއް.
ބައެއް ނޫސްތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފިލްމުގެ މަންޒަރުތައް މެލޭޝިއާ އާއި ޖަޕާނާއި ތައިލެންޑާ އަދިވެސް އެހެން ބައެއް ގައުމުތަކުގައި ނަގަން ޕްލޭންކުރި އެވެ. އެކަމަކު ބަޖެޓު ތަން ނުދިނުމުގެ ސަބަބުން އެ މަންޒަރުތައް ނެގީ ހެއިދަރުއާބާދުގައި ހުންނަ ރަމޯޖީ ފިލްމު ސިޓީގެ ސްޓޫޑިއޯތަކުގައި ބޮޑެތި ސެޓުތައް ހަދައިގެންނެވެ. ފިލްމުގެ ހުރިހާ މަންޒަރެއް ވެސް ނެގީ އިންޑިއާގެ އެކި ހިސާބުތަކުގަ އެވެ.
"ޕުޝްޕާ 2"ގެ އުފެއްދުންތެރިން ކުރިން ބުނެފައިވާ ގޮތުގައި، އެ ފިލްމުގެ ނިމުން އެކި ގޮތްގޮތަށް އެކި ތަންތަނުގައި ޝޫޓްކޮށްފައިވެ އެވެ. އެކަމަކު، ފިލްމުގައި ހިމެނީ އުފެއްދުންތެރިން ބޭނުންވި ނިމުމެވެ. އެއީ ފިލްމުގެ ނިމުން ސްޕޮއިލްވުމާއި ލީކުވުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން ކުރި ކަމެކެވެ.
ގާތްގަނޑަކަށް 500 ކްރޯޑް ރުޕީސް (58.5 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން ހެދި މި ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި މިހާތަނަށް ވަނީ 1720 ކްރޯޑް ރުޕީސް (201 މިލިއަން ޑޮލަރު)ގެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަހުރަބު
31 December 2024
ސަން ސިޔާމް އޮޅުވެލި ރިސޯޓްކަން އެއީ ހަމަ ޔަގީން ކަން.
ފަންޓީ
31 December 2024
ހާދަ ނުސާފޭ... ވަގު ކޮޕީއެއްތަ އަނެއްކާ؟
މުއާޒު މުހައްމަދު ރަޝީދު
31 December 2024
އެއީ ރާއްޖޭގެ މަންޒަރެއްގެ ގޮތުގައި ބެލެވޭ. ޢެ މަންޒަރުގައިވާ ޕިކަޕްގެ ރަޖިސްޓްރީ ނަންބަރު ބައްލަވާ. ޢެއީ ރާއްޖޭގެ ރަޖިސްޓްރީ ނަންބަރެއް.