02 ޖެނުއަރީ 2025 - 14:10
އާސެނަލްގެ ބައެއް ކުޅުންތެރިންނަށް ވައިރަހާއި އިންފެކްޝަނުގެ ބަލިމަޑުކަން ކުރިމަތިވެފައިވާ ވަގުތެއްގައި ވެސް ބްރެންޓްފޯޑް ބަލިކުރަން އާސެނަލްގެ ޓީމު ކުރި ހިތްވަރަށް ކޯޗު މިކަލް އާޓެޓާ ތައުރީފް ބަންޑުންކޮށްލައިފި އެވެ.
ހުޅަނގު ލަންޑަނުގެ ބްރެންޑްފޯޑްގައި އިއްޔެ ކުޅުނު މެޗު އާސެނަލްއިން ކާމިޔާބު ކުރީ 3-1 ންނެވެ. މެޗުން ހޯދި ތިން ޕޮއިންޓާ އެކު އާސެނަލް ވަނީ އެއްވަނައިގައި އޮތް ލިވަޕޫލުގެ ފަހަތުގައި ވިއްދައިފަ އެވެ. ދެވަނައިގައި އާސެނަލް އޮތީ ލިވަޕޫލާ ހަ ޕޮއިންޓްގެ ފަރަގެއްގަ އެވެ.
އުނދަގޫ ވަގުތެއްގައި ހޯދި ތިން ޕޮއިންޓްގައި އާޓެޓާ ފާހަގަ ކުރި ކުޅުންތެރިން ކުރި ބުރަ މަސައްކަތެވެ. ވައިރަހާއި އިންފެކްޝަނުގެ އަސަރުކޮށް ކައި ހަވާޓްޒް އަށް ޓީމުގައި ބައިވެރިއެއް ނުވެވުނެވެ. އާސެނަލްގެ ބައެއް އެހެން ކުޅުންތެރިންނަށް ވެސް އެ އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށް އާޓެޓާ ބުންޏެވެ.
މެޗުން ފުރުސަތު ދިން ކުޅުންތެރިންގެ ކިބައިން ފެނުނީ ޓީމަށް އެހީތެރިވުމުގެ އަޒުމެއްގައި ތިބިތަން ކަމަށް އޭނާ ބުންޏެވެ.
"އަހަންނަށް ފެންނަނީ ކޮންމެ ކުޅުންތެރިޔަކު ވެސް ކޮންމެ ހާލަތެއްގައި ވެސް ކުޅެން ބޭނުންވާކަން. އަހަރެމެންގެ ވިސްނުމާ އެއްގޮތަށް ކޮންމެ ހާލަތެއްގައި ވެސް އެ ގާބިލުކަން ނެރެވިދާނެތޯ؟ ދެން ޖަވާބަކީ ނޫނެކޭ،" އާޓެޓާ ބުންޏެވެ.
"އެކަމަކު އަހަރެމެންނަކަށް ނޭނގެ އެހެން ކަމެއް ދިމާވެއްޖެއްޔާ ދެން (ވާނެ ގޮތެއް) އަހަރެމެންނަށް އެހެން މައްސަލަތަކެއް ދިމާވެދާނެ. – މި ދުވަސްވަރު އަބަދުވެސް ކަރުތެރޭގައި އިންފެކްޝަންތަކާއި ވައިރަސްތައް ހުރޭ."
ކުރިން ކުޅުމާ ދުރުގައި ހުރި ރިކޯޑޯ ކެލަފިއޯރީ އިއްޔެ ގެ މެޗުގައި ކުޅުމަށް އަނބުރާ އައި ފަދައިން އެހެން ކުޅުންތެރިން ވެސް ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށް އާޓެޓާ ބުންޏެވެ.
މެޗުގައި އާސެނަލްގެ ލަނޑުތައް ޖެހީ ގެބްރިއަލް ޖެސޫސް، މިކެލް މޮރީނޯ އަދޮ ގެބްރިއަލް މާޓީނެލީ އެވެ. ބްރެންޓްފޯޑްގެ ލަނޑު ޖެހީ ބްރަޔަން އެމްބިއުމޯ އެވެ. އެއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި އޭނާ ޖެހި 11 ވަނަ ލަނޑެވެ.
މީގެ ދެ އަހަރު ކުރިން ޕްރިމިއާ ލީގުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހެދި އީތަން ނުވާނޭރީ އަށް އާޓެޓާ ވަނީ މެޗުން ފުރުސަތު ދީފަ އެވެ. އިއްޔެގެ މެޗަކީ އޭނާ ރެކޯޑް ހެދި މެޗަށް ފަހު ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. މިހާރު އުމުރުން 16 އަހަރުގެ ނުވާނޭރީ ޕްރިމިއާ ލީގުގައި ފުރަތަމަ ފަހަރަށް ކުޅުނީ ސެޕްޓެމްބަރު 2022 ގަ އެވެ. އޭރު އޭނާގެ އުމުރަކީ 15 އަހަރާއި 181 ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy