މީހެއްގެ އަތުގައި އޮތް ސިނގިރޭޓު ފޮށްޓެއް.-- ފޮޓޯ: މިހާރު
02 ޖެނުއަރީ 2025 - 20:57
ދުންފަތް އުފެއްދުމަށް ބޭނުންކުރާ ތަކެތި ރާއްޖެ އެތެރެކުރުން މަނާވިޔަސް، ދުންފަތާ ދުރުވުމަށް ހަދާ ސެޒޭޝަން ފަރުވާއަށް ބޭނުންވާ ނިކޮޓިން ޕެޗް ފަދަ ބާވަތްތައް އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ދުންފަތުގެ ބާވަތްތައް އަމިއްލައަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ނުކުރެވޭނެކަން އަންގައި ހެލްތު މިނިސްޓްރީން ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ފާތިމަތު ދިޔާނާ އަށް ފޮނުވި ސިޓީއެއް ޝޯޝަލް މީޑިއާގައި މިއަދު ވަނީ އާންމުވެފަ އެވެ. މިދިޔަ މަހު 24 ގައި އެ ސިޓީ ފޮނުވުމުގެ ކުރިން ހެލްތު މިނިސްޓްރީން ވަނީ އިތުރު އެހެން ސިޓީއެއް ވެސް ކަސްޓަމްސް އަށް ފޮނުވައިފަ އެވެ.
"މިހާރު"އަށް ލިބިފައިވާ އެ ސިޓީގައި ބުނެފައިވާ ގޮތުގައި، ދުންފަތުގެ އިސްތިއުމާލުން ދުރުހެލިވުމަށް އެދޭ މީހުންނަށް އެހީތެރިވެ، އެކަމަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަކީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ސަރުކާރަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ. އެ ހިދުމަތް ވީހާ ވެސް އަވަހަށް ފެށުމަށް ނިންމާފައި ވާތީ، އެކަމަށް ބޭނުންވާ "ނިކޮޓިން ރިޕްލޭސްމަންޓް ތެރެޕީ (އެންއާރުޓީ) ރާއްޖޭގެ ހުރިހާ ރަށެއްގައި ހުންނަ ފާމަސީތައް މެދުވެރިކޮށް ފޯރުކޮށްދިނުމަށް އެސްޓީއޯ އިން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ސިޓީގައި ބުންޏެވެ.
އެ މަގުސަދުގައި އެސްޓީއޯ އިން އިމްޕޯޓްކޮށްފައިވާ ނިކޮޓިން ގަމް ޝިޕްމެންޓެއްގެ އިމްޕޯޓް ޑިއުޓީ މާފުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް އެ ސިޓީގައި ހެލްތު މިނިސްޓްރީން ކަސްޓަމްސްގައި އެދިފައިވެ އެވެ.
"މިގޮތުން، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހުގައި ދުންފަތުގެ ބާވަތްތައް މަނާކުރެވިފައިވާއިރު، ސެޒޭޝަން ފަރުވާއަށް ބޭނުންވާ ބާވަތްތައް އިސްތިސްނާ ކުރެވިފައިވާކަން ފާހަގަކޮށްލަމެވެ. އިތުރު މައުލޫމާތެއްގެ ގޮތުގައި ދަންނަވަމެވެ. މިފަދަ ތަކެއްޗަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބޭހެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ އެއްޗެކެވެ،" އެ ސިޓީގައި ބުންޏެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާކަމަކަށް ވާތީ، ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ ނަމަ ހިފަހައްޓަން ހެލްތު މިނިސްޓްރީން ކަސްޓަމްސް އަށް އެންގި ސިޓީ މިއަދު ސޯޝަލް މީޑިއާގައި އާންމުވުމާ އެކު ބައެއް މީހުން ވަނީ އޭގެ ތެރޭގައި ސިޒޭޝަންގެ ފަރުވާއަށް ބޭނުންވާ އެއްޗެހި ނުވަތަ ނިކޮޓިން ޕެޗު ވެސް މަނާވި ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނަމަވެސް ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގައިވާ ގޮތުގައި، ދުންފަތުން ދުރުހެލިވުމަށް "ސެޒޭޝަން" ފަރުވާގެ ތެރެއިން ދެވޭ އަދި ކަމާ ބެހޭ ފަންނީ އިދާރާތަކުން ކަނޑައަޅައި ހުއްދަކޮށްފައިވާ ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ ނުވަތަ ފަރުވާގެ ގޮތުގައި ބޭނުންކުރާ މި ކަހަލަ އެހެން ބާވަތްތައް މި ގާނޫނުގެ ބޭނުމަށް ދުންފަތުގެ ބާވަތްތައް ކަމަށް ނުބެލެވޭނެ އެވެ.
އެޗްޕީއޭގެ އޮފިޝަލަކު މިއަދު "މިހާރު"އަށް ވިދާޅުވީ ދުންފަތް އުފައްދަން ބޭނުންކުރާ ތަކެއްޗަކީ ރާއްޖެ އެތެރެކުރުން ގާނޫނީ ގޮތުން މަނާ ތަކެތި ކަމަށް މިފަހުން ގާނޫނަށް ގެނައި އިސްލާހުގައި އޮތީ ކަނޑައަޅާފައި ކަމަށެވެ. އެހެންވެ، ތަންފީޒީ އިދާރާތަކަށް އަންގާފައި ވަނީ އެ ގާނޫނުގައި ބުނެފައިވާ ގޮތަށް ގާނޫނު ތަންފީޒުކުރަން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު އަނޫޝް
03 January 2025
ދުންފަތާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތް ހަމަ ބަރާބަރު
ހޭބަލިވެދާނެ
03 January 2025
އެހެންތަ؟ ސިނގިރޭޓް އެކަމަކު އެތެރެ ކުރެވޭ. ވަރަށް ބަރާބަރެއްނު.
އަފްލާޒް
03 January 2025
ސިޔާސީ ވިޔަސް މިކަހަލަ ދޮގު ނުފަތުރަން ގޮވާލަން. ދެރަ ކަމެއް
އަފާފް ސައީދު
03 January 2025
މިކަހަލަ ކަންކަން ނުވާނެ އޮޅުވާލަން. އެތައް ބަޔެއްގެ ހައްގު ގެއްލޭނެ މީގެން
ދިޔާމް
03 January 2025
ބަޔަކު ހަމަ މިކަހަލަ ކަންކަން އޮޅުވާލަނޫ އޭ. މީ އަސްލު ލިބޭ މިހާރުވެސް
ސަމީރާސައިދު
03 January 2025
މަބުނީ އެއުޅޭ ޔޫސޭ މަންމަ މިހާރުވެސް އެބައިން ދުންފަތް ފުނޑުކޮށްގެން އެއްޗިސް މިކްސްކޮށްގެން ގުޑުގުޑާއަށް އަޅާ ދުންބޯފަތް މޮޑެން. އެހުއްދަތަ
އަލި
03 January 2025
"ސެޒޭޝަން". ރާއްޖޭގެ ހުރިހާ ނޫސްތަކެއްގައި މިގޮތަށް ލިޔަމުންދާތި އަޅުގަނޑަށް ހީވަނީ، ހެލްތު މިނިސްޓްރީއިން ދެއްވާ ޚަބަރުގައި މިގޮތަށް އޮންނާތީ ތިބޭފުޅުން ލިޔުއްވާ ގޮތެއް ކަމަށެވެ. އެކަމަކު ދަންނަވަންތޯއެވެ! ދުނިޔޭގެ އިނގިރޭސިން ވާހަކަ ދައްކާ އެއްވެސް ގައުމެއްގައި މި ލަފުޒު "ޒ" ލައިގެން ނުކިޔައެވެ. ކިޔަނީ "ސެސޭޝަން" މިގޮތަށެވެ.
މަރިއަމް ޝައުފާ
03 January 2025
ދުއްފަތް ހުއްޓުވުމަށް މި ސަރުކާރުން މި ކުރާ މަސައްކަތަށް ފުރިހަމައަށް ތާއީދުކުރަން
ހަމްދާ
03 January 2025
ސިނގިރޭޓް އެތެރެކުރުން އޯކޭ ވުމަކީ މިކަމުގައި ގޯސްކަމެއްވާކަމުގެ ދަލީލެއް
ޒަޔާނު
03 January 2025
ދުންފަތުން މި ގައުމު އެބަޖެހޭ ސަލާމަތް ކުރަން
ނަފީލު
03 January 2025
ކުރީ ސަރުކާރުން ބެލީ ސިނގިރޭޓު ބުއިން ހުއްޓުވުމުގެ ބަދަލުގައި އެތަންތަން ހެދޭތޯ
އަސީލު
03 January 2025
ރާއްޖޭގައި ގައިން ގަޔަށް އަރާ ބަލިތަށް ގިނަވަނީ ދުންފަތުގެ ސަބަބުން