އިކްރާމް (މ): އޭނާގެ މައްޗަށް އިއްވީ ތިން މަހުގެ ޖަލު ހުކުމެއް --
12 ޖެނުއަރީ 2025 - 12:11
ހުޅުމާލޭގައި ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ކާރު ދުވި އިބްރާހިމް އިކްރާމްގެ މައްޗަށް ތިން މަހުގެ ޖަލު ހުކުމެއް އިއްވައި، 70،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
ހުޅުމާލޭގެ ދެވަނަ ފޭސްގައި މިދިޔަ އަހަރުގެ ޖުލައި މަހު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުމަތީގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އެ މައްސަލާގައި ހައްޔަރުކުރީ ކާރު ދުއްވަން އިން މ. ލޭންޑް އޮފް ގާޑެން އިބްރާހިމް އިކްރާމާއި ކާރުގައި އެވަގުތު ތިބި ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހްމާނާއި ގއ. ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހު އިސްމާއިލް އެވެ. އެ ކާރަކީ ޖިނާހުގެ ބެލުމުގެ ދަށުގައި އޮތް ކާރެކެވެ.
މި މައްސަލާގައި އިކްރާމް ވަނީ އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފަ އެވެ. އެހެންވެ، އޭނާގެ މައްޗަށް އަވަސް ނިޔާގެ ދަށުން ހުކުމް ކުރަން މިއަދު ކްރިމިނަލް ކޯޓުން އަޑުއެހުމެއް ބޭއްވި އެވެ.
އެ އަޑުއެހުމުގައި އިކްރާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އަދަބެއްގެ ގޮތުން އިއްވީ ތިން މަހުގެ ޖަލު ހުކުމެކެވެ. އަދި ޖޫރިމަނާގެ ގޮތުގައި 70،000ރ. ދައްކަން ހުކުމްކުރި އެެވެ.
މި މައްސަލައިގެ ބަންދުގައި އިކްރާމް ތިން މަހަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާތީ، ހުކުމްގެ ދަށުން އިކްރާމް ބަންދުގައި ހުންނާކަށް ނުޖެހޭނެ އެވެ.
މިއަދުގެ އަޑުއެހުމުގައި އިކްރާމް އަދި ދައުލަތުން ވެސް ބުނެފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް 118،000ރ. މިހާތަނަށް އިކްރާމް ވަނީ ދައްކައިފަ އެވެ.
އިކްރާމްގެ މައްޗަށް ކުރި ދައުވާ އާއި އިއްވި އަދަބު:
- މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ކުށުގެ ދައުވާ: ތިން މަސް ދުވަހަށް ޖަލަށްލުމާ އެކު 19،200ރ. އަށް މަސް ތެރޭ ދައްކަން
- އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ: ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކޮށް 44،800ރ. އަށް މަސް ތެރޭ ދައްކަން
- އެކްސިޑެންޓްވުމުން އެ ކަމުގެ ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާ: 5،400ރ. ޖޫރިމަނާގެ ގޮތުގައި އަށް މަސް ތެރޭ ދައްކަން
- އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ: 600ރ. އަށް މަސް ތެރޭ ދައްކަން
- މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދެ ދައުވާ: ބޭސްފަރުވާއަށް 24،000ރ. އަދި ސައިކަލަށް ލިބުނު ގެއްލުންތަކަށް 95،000ރ. އިކްރާމް ދައްކާފައިވާތީ ދެ ދައުވާ އަނބުރާ ގެންދިޔަ
އެކްސިޑެންޓާ ގުޅިގެން އިކްރާމް ދައުވާއަށް އިއުތިރާފްވީ ނަމަވެސް، އަނެއް ދެ މީހުން ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. ދައުލަތުން ވަނީ އެ ދެ މީހުންނާ ދެކޮޅަށް ހެކި ވެސް ހުށަހަޅައިފަ އެވެ.
އިކްރާމުއްރަހްމާންގެ މައްޗަށް ކުރަނީ އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެކްސިޑެންޓްވުމުން ރިޕޯޓް ނުކުރުމުގެ ދައުވާ އާއި އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ފޯރުކޮށް ނުދިނުމުގެ ދައުވާ އާއި ފަރުވާލެއް ނެތި ކުރާ ކަމަކުން އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތި ކުރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާ އެކެވެ.
ޖިނާހުގެ މައްޗަށް ކުރަނީ ހަތަރު ދައުވާއެކެވެ. އެއީ އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާއަކާއި ފަރުވާލެއް ނެތި ކުރާ ކަމަކުން އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތި ކުރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާއެކެވެ.
އެ މައްސަލާގައި ތިން މީހުން ވެސް ހައްޔަރުކުރީ އެކްސިޑެންޓް ހިނގުމުން އެ ސަރަހައްދު ދޫކޮށް ދިޔަ ފަހުންނެވެ. އޭގެ ތެރެއިން އިކްރާމް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުއްޓައި ހައި ކޯޓުން އޭނާ ކުރިން ދޫކޮށްލި އެވެ. ނަމަވެސް ފަހުން އެހެން އަމުރެއްގެ ދަށުން އޭނާ ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏޖސހކގ
13 January 2025
ކުށް ޤަބޫލުކޮށް ،އަނިޔާވި މީހާއަށް މާލީ ގޮތުން އެހީވެ، ޒިންމާ ނެގިކަމީ އިސްލާޙުވާން އިކްރާމް ބޭނުންވާ ކަމުގެ ހެއްކެއް. ކުށް ޤަބޫލު ކުރާ ކަމުގެ ވެސް ހެއްކެއް. އަނިޔާ ލިބުނު މީހާ ޝަކުވާ ނުކުރާނަމަ އަހަރެމެން މައްސަލަ ޖައްސާކަށް ނުޖެހޭނެ. އިކްރާމަށް ހިދާޔަތް ދައްކަވާށި. އަދި އަނިޔާވި މީހާ ދުޅަހެޔޮ ކުރައްވާށި. އެއްވެސް މީހަކަށް ނުދެއްކުނުދޯ އަނެއް 2 މީހުންގެ ވާހަކައެއް. ކުށް ޤަބޫލު ވެސް ނުކުރިޔޭ އަޅެ. ހުރި ނލފކަން ބަލާލަ. ހެކި ހުރި އިރު ވެސް
ސުންދުސް
13 January 2025
މީހަކަށް ބޮޑު އަނިޔާއެއް ދީފައި ޖަލަށް އެންމެ 3 މަސް؟
ނުރަބޯ
13 January 2025
އަނިޔާ ލިބުނުމީހާއަށް މާތްﷲގެ ރަޙްމަތް ފުޅުން، މާބޮޑު ކަމެއް ނުވުމަކީ އަނިޔާވެރިޔާއަށް ލުއި ޙުކުމެއް އަންނަންޖެހޭ ސަބަބެއް ނޫން. އެހެނީ އޭނާއަށް(އަނިޔާލިބުނު މީހާ) އެ ދިމާވީ މަރުގެ އެތިފަހަރެއް. ވީމާ އެއްމެމަދުވިޔަސް އެއް އަހަރުގެ ޖަލުޙުކުމެއް އަންނަން ޖެހޭނެ. އަދި ފަސް އަހަރަށް ވެހިކަލް ދުއްވުމުގެ ލައިސަންސް ހިފަހައްޓަން ވާނެ. އެއީ ޖުރްމާނާ ގެ އިތުރުން.
އިސްމާލި
13 January 2025
ވަރަށް ސަޅިއެއްނު. މީހެއްގެ ފުރާނަ ދާ ވަރު ކޮއްލާފައި، މުޅި އުމުރަށް ވޭނުގައި އުޅެންޖެހޭ ވަރު ކޮއްލީމަ 3 މަސް ޖަލަށް، އެ ވެސް ނިމިއްޖެ. ދެން އަނގަފުޅާކޮއްފަ އެއްލައްކަ ރުފިޔާ އޭ ކިޔާއިރު އެއްލައްކަ ރުފިޔާ އަކީ މި ކަހަލަ ވަޒީފާ އަދާނުކުރާ އެހެނަސް ސްޕޯޓްސް ކާރު ގެންގުޅޭ މީހުނަށް އެއްޗެއް ނޫން. ނުވިތާކަށް ތިޔަ ޖޫރިމަނާ ގަނޑުވެސް ލިބޭނީ ދައުލަތަށް އަދި ހަރަދުވާނީ ސިޔާސީންނަށް މުސާރަ ދޭން. މީގައި ހަގީގީ އަދަބު ލިބުނީ ކުއް ނުކުރާ މީހާއަށް.
ފަހެއް
12 January 2025
އަނިޔާވި މީހާ އާއި ދައުލަތާއި އިކުރާމާ އެއްބަސް ވެގެން ނިމުނު ކަމެއްގައި ރަގަޅަށް މި ލިޔުން ނުކިޔާ ދިވެހިންގެ ބަޔެއް މީހުން މި ޖަޖް ކުރަނީ ކީއްވެބާ؟ދިވެހިން ދިވެހިންގެ ގޮތުގައި
ތިވެސް ގޮތެއް
12 January 2025
މަރާލެވުނު މީހުނާވެސް މަޝްވަރާކޮށްފަ ނިންމީމަ އަސްލު ހުކުމް ސަޅިވާނީ
ފަހެއް
12 January 2025
ތަންކޮޅެއް ވާނުވާ އެގިބަލަ. އަނިޔާވި މީހާ ﷲ ގެ ރަހުމަަތްފުޅުން ސިއްހީ ގޮތުން އެެއްވެސް ގެއްލުމެއް ނުވޭ. ލިބުނު ގެއްލުމުގެ ބަދަލު އޭނާ އެދުނު 120000 އަށް ވުރެ ގިނަ ރުފިޔާ ދީފަވާ ކަމަށް އެބަ ބުނޭ ހަބަަރުގައި.
އާދަނު123
12 January 2025
މިއަށްވުރެއް އަވަސް ކުރަންވެއްޖެ ކޯޓުތަކުގެ ނިންމުންތައް، މީހުން މިކަންމަތިން ހަނދާންނޭތޭހާ ދުވަސް ކޮށްފަ ހުކުމް ކުރެވެނީ، އެކަމު ސިތާސީ މީހެއްގެ ކަމެއް ކުރަން ދަންވަރު ކޯޓް ހުޅުވައިގެންވެސް ވޭ
3 ގަޑިއިރު
12 January 2025
3 މަސް ތިޔަވަރު ގޭންގުސްތާރަކަށް މާގިނަ ދޯ؟ 3 ގަޑިއިރު އެކަޝީގެންވޭ.
ވޯލް
12 January 2025
ތިޔަ ސްޕޯޓްސް ކާރުތައް ހޯދާގޮތް ބަލާ ފިޔަވަޅު އެޅުން މާ މުހިންމު. ތިޔަ ވަރު ކުށަކށް 3 މަސް ޖަލުހުކުމަކާ 70ކޭ އެއީ އިންސާފު ލިބުމެއް ނޫން.
އަޙްމަދު.
12 January 2025
ތިޔަ އެކްސިޑެންޓްވި ސްޕޯޓްސް ކާރު ވަރަށްފަހުންވެސް އޮތް ސަލްމާން މިސްކިތްކައިރީގަ ޕާކުކޮށްފަ! ބީ ޒޯންގެ ނަންބަރ ޖަހާފައިން ބޯޑެއް (އެކްސިޑެންޓްވިއިރުވެސް އިން ނަންބަރު) އަދިވެސް އިނީ! ފުލުހުންނަކަށް މިކާރުތަކެއް ނުގެންދެވޭ ދޯ ޓޯކޮށްގެން ހުޅުމާލޭގަ އޮތް ބިމަކަށް! އާންމު މީހެއްގެ އެއްޗެއްނަމަ މިހާރު އޮންނާނީ ދަތްގަނޑު ޖަހާގެން ހަތަރެސްފަރާތުން ކޫރުން އަޅުވާލައިގެން ނަމަވެސް އެބިމަށް ގެންގިޮސް ކޮށްޕާފަކަން ޔަގީން!
ދޫނިރާއްޖެ
12 January 2025
ސާބަހޭ ތިކޮއްލި ހުކުމަށް. ތިވަރުގެ އިންސާފު ވެރި ހުކުމްތައް ވަރަށް މަދުވާނެ. ރިހާކުރު ފުޅިދޯ އެކަމު ....