ޔުނައިޓެޑްގެ ކެޕްޓަން ފެނާންޑޭޒް އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
12 ޖެނުއަރީ 2025 - 23:56
ލަންޑަން (ޖެނުއަރީ 12) - އިނގިރޭސި އެފްއޭ ކަޕްގައި ޕެނަލްޓީ ޖަހައިގެން 5-3 އިން ކުރި ހޯދައި މެންޗެސްޓާ ޔުނައިޓެޑުން އާސެނަލް ކަޓުވާލައި، މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ޕެނަލްޓީ ޖަހަން ޖެހުނީ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމު 1-1 އިން އެއްވަރުވުމުންނެވެ.
މެޗުގެ 52 ވަނަ މިނިޓުގައި ބްރޫނޯ ފެނާންޑޭޒް ޔުނައިޓެޑަށް ލީޑު ނަގައިދީފައި ވަނިކޮށް އޭގެ 11 މިނިޓު ފަހުން އާސެނަލް އަށް އެއްވަރު ކޮށްދިނީ ޑިފެންޑަރު ގެބްރިއެލް މަންގަޅޭސް އެވެ. އޭގެ ދިހަ މިނިޓު ފަހުން އާސެނަލް އަށް ލީޑު ނަގަން ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ކެޕްޓަން މާޓިން އޮޑެގާޑް ފޮނުވާލި ޕެނަލްޓީ، ޔުނައިޓެޑްގެ ތުރުކީ ކީޕަރު އަލްޓޭ ބަޔިންޑިއޭ ވަނީ މަތަކޮށްފަ އެވެ.
ޔުނައިޓެޑްގެ ތުރުކީ ކީޕަރު.-- ފޮޓޯ: އޭއެފްޕީ
ގެބްރިއެލް އާސެނަލް އަށް ގޯލު ޖަހައިދިނުމުގެ ދެ މިނިޓު ކުރިން ޔުނައިޓެޑްގެ ޑިއޯގޯ ޑަލޮޓް އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
އާސެނަލްގެ އޮޑެގާޑް އާއި ޑެކްލަން ރައިސް އަދި ތޯމަސް ޕާޓޭ ފޮނުވާލި ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް އެޓީމުން ދެވަނައަށް ފޮނުވާލި ކައި ހަވާޓްޒްގެ ޕެނަލްޓީ، މެޗުގެ ހީރޯ އަކަށް ވި ޔުނައިޓެޑްގެ ކީޕަރު ބަޔިންޑިއޭ މަތަކުރި އެވެ. ޔުނައިތެޑްގެ ޕެނަލްޓީތައް ޖަހައިދިނީ ފެނާންޑޭޒް އާއި އަމަޑް ޑިއާލޯ، ލެނީ ޔޯރޯ އަދި ލިސަންޑްރޯ މާޓިނޭޒްގެ އިތުރުން ޖޯޝުއާ ޒާކްޒީ އެވެ.
އާސެނަލްގެ ކުޅުންތެރިން ޕެނަލްޓީ ޝޫޓައުޓަށް ފަހު.-- ފޮޓޯ: އޭއެފްޕީ
މިއީ މިދިޔަ މަހު ލީގުގައި ވާދަވެރި މެންޗެސްޓާ ސިޓީ ބަލިުރި ފަހުން ޔުނައިޓެޑް މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. ސިޓީ ބަލިކުރި ފަހުން ޔުނައިޓެޑް ވަނީ ޓޮޓެންހަމް އަތުން ބަލިވެގެން ލީގް ކަޕްގެ ކުއާޓާ ފައިނަލުން ކަޓައިފަ އެވެ. އަދި ލީގުގައި ބޯންމަތާއި ވުލްވްސް އަދި ނިއުކާސަލް އާ ދެކޮޅަށް ލަނޑެއް ނުޖެހި ބަލިވެފައި ވާއިރު، ލިވަޕޫލް އަތުން ވަނީ ޕޮއިންޓެއް ހޯދައިފަ އެވެ.
އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި މިރޭ ޓޮޓެންހަމް ވަނީ ފަސްވަނަ ޑިވިޝަންގެ ޓެމްވޯތާ ވާދަކޮށް އިތުރު ވަގުތު ކުޅެގެން 3-0 އިން މޮޅުވެފަ އެވެ. އަދި ނިއުކާސަލް ޔުނައިޓެޑް ވަނީ 3-1 އިން ހަތަރުވަނަ ޑިވިޝަންގެ ބްރޮމްލީ ބަލިކޮށްފަ އެވެ.
މުބާރާތުގެ ތިންވަނަ ބުރުގައި ރޭ މެންޗެސްޓާ ސިޓީ ވަނީ 8-0 އިން ހަތަރުވަނަ ޑިވިޝަންގެ ސެލްފޯޑް ސިޓީ ބަލިކޮށްފަ އެވެ. ޗެލްސީ ރޭ 5-0 އިން ހަތަރުވަނަ ޑިވިޝަންގެ މޯކަމްބޭ އަތުން މޮޅުވެފައި ވާއިރު ލިވަޕޫލް ވަނީ 4-0 އިން އެކްރިންގްޓަން ބަލިކޮށްފަ އެވެ. އަދި ޕްރިމިއާ ލީގުގެ ތިންވަނައިގައި މިވަގުތު އޮތް ނޮޓްނަމް ފޮރެސްޓް ވަނީ ރޭ 2-0 އިން ލޫޓަން ޓައުން ބަލިކޮށްފަ އެވެ.
އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ނުކުންނާނީ، ވެން ނިސްޓެލްރޫއީގެ ލެސްޓަ ސިޓީއާ ދެކޮޅަށެވެ. ލެސްޓާ ވަނީ ރޭ ކިއުޕީއާރާ ވާދަކޮށް 6-2 އިން މޮޅުވެފަ އެވެ. ލިވަޕޫލް ބައްދަލުކުރާނީ ރޭ ބްރެންޓްފޯޑް 1-0 އިން ބަލިކުރި ޕްލައިމަތު އާޖައިލްއާ ދެކޮޅަށެވެ. ޗެލްސީ އާއި ބްރައިޓަން ބައްދަލު ކުރާއިރު، ޓޮޓެންހަމް ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ.
މެންޗެސްޓާ ސިޓީ ބައްދަލުކުރާނީ، އަންގާރަ ދުވަހުގެ ރޭ ޑާބީ ކައުންޓީ އާއި ލޭޓަން އޮރިއެން ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަފައިދާ
13 January 2025
ޔުނައިޓެޑް ކުޅުންތެރިން ކިރިޔާ ޗާރޖް ކޮށްލާ އިރަށް ފައުލް، އާސެނަލް ގެ ޖީސަސް މެން ފެނާންޑޭޒް ގައިގަ އެލިގެން އޮތަސް މެޗުގެ ރެފްރީ އަކަށްހުރި އާސެނަލްގެ ސަޕޯޓަރ އެންޑްރިއު މެޑްލީ އަށް ހަމަ ވާކަމެއް ނޫން، ހަވަޓްސް އަށް ރަނގަޅަށް ބޯޅަ ނުޖެހުނީމަ ކާރީގަ ހުރި މެގުއަރޭ އެއްވެސް ކަމެއް ނުކުރަނީސް ހަމަ ހުރެފަ ޕެނަލްޓީ އެއް ދިނީ ވެސް މެޑްލީ އާސެނަލް މޮޅުކުރަން ބޭނުންވާތީ، ޑަލޯ އަށް ދެއްކި 2 ކާޑުވެސް އެއީ އާސެނަލް ކުޅުންތެރިއެއް ނަމަ ނުދައްކާނެ 2 ދެކާޑް
އަހުމިއްޓޭ
13 January 2025
ނިސްޓެލްރޫއީ މޮޅުވާނެ ހަތަރުވަނަ ބުރުގަ.
މުލޭ
13 January 2025
ރޭގެ މެޗަކީ 10 މީހުން 12 މީހުންނާ ދެކޮޅަށް ކުޅުނު މެޗެއް. މުޅި މެޗުގެ ހީރޯއަކީ ކީޕަރު. ރެފްރީއަަށް ވެސް ކުރެވޭނީ ވަކިވަރެއްތާދޯ!
ގާޑިއޯލާ
13 January 2025
ޓްރަސް ތަ ޕްރޮސެސް