ދުނިޔެ / ތާލިބާން

އިންޑިއާ އަކީ ސަރަހައްދުގެ މުހިންމު ބައިވެރިއެއް: ތާލިބާން

އަފްޣާނިސްތާނުގެ ބާޒާރެއް: ވިޔަފާރި ފުޅާކުރުމަށް އިންޑިއާއާ އެކު ގުޅުންތައް ބަދަހިކުރާނެ ކަމަށް ތާލިބާނުން ވަނީ ބުނެފައި. -- ފޮޓޯ: އޭއެފްޕީ

13 ޖެނުއަރީ 2025 - 09:17

އިންޑިއާ އަކީ ސަރަހައްދީ އަދި އިގްތިސާދީ މުހިންމު ބައިވެރިއެއް ކަމަށް އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ބުނެފި އެވެ.

ތާލިބާނުން މިހެން ބުނީ އަފްޣާނިސްތާނުގެ ވެރިކަން 2021 ވަނަ އަހަރު އަލުން ހޯދި ފަހުން އެ ދެ ގައުމުގެ މެދުގައި ބޭއްވި އެންމެ މަތީ ފެންވަރުގެ ވާހަކަތަކަށް ފަހު އެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ އާއި ތާލިބާނުންގެ ވަގުތީ ފޮރިން މިނިސްޓަރު އާމިރް ޚާން މުއްތަގީއާ އެކު މިދިޔަ ބުދަ ދުވަހު ދުބާއީގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ބައްދަލުވުމަށް ފަހު އަފްޣާނިސްތާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު ދެ ގައުމުން މަޝްވަރާކުރި ކަމަށެވެ. އަދި އީރާންގެ ޗާބަހާރް ބަނދަރު މެދުވެރިކޮށް ވިޔަފާރި ފުޅާކުރުމާ ބެހޭ ވާހަކަތައް ވެސް ކުރިއަށް ގެންދިޔަ ކަމަށް ބުންޏެވެ. އެއީ ވާދަވެރި ޕާކިސްތާނުގެ ކަރާޗީ އާއި ގްވާދާރުގެ ބަނދަރު ބޭނުން ނުކޮށް އިންޑިއާގެ މުދާ ސަޕްލައިކުރުމަށް އިންޑިއާ އިން އީރާންގައި ހަދަމުން އަންނަ ބަނދަރެކެވެ.

"އަފްޣާނިސްތާނުގެ ހަމަހަމަ އަދި އިގްތިސާދަށް އަމާޒުކޮށްގެން ގެންގުޅޭ ޚާރިޖީ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން އިސްލާމިކް އެމިރޭޓްސްގެ އަމާޒަކީ ސަރަހައްދީ އަދި އިގްތިސާދީ މުހިންމު ބައިވެރިއެއްގެ ގޮތުގައި އިންޑިއާއާ އެކު ސިޔާސީ އަދި އިގްތިސާދީ ގުޅުން ބަދަހިކުރުން،" އެ ބަޔާނުގައިވެ އެވެ.

މި ބައްދަލުވުމަށް ފަހު އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަފްޣާނިސްތާނުގެ ތަރައްގީގެ މަޝްރޫއުތަކުގައި ބައިވެރިވުމާއި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް އިންޑިއާ އިން ވިސްނަމުން އަންނަ ކަމަށެވެ.

އަފްޣާނިސްތާނުގެ އެތައް ހާސް ރެފިއުޖީންނަށް މިހާރުވެސް ހިމާޔަތްދޭ އިންޑިއާއިން ވަނީ އެ މީހުން އެނބުރި ގައުމަށް ގެންދިއުމަށް ބޭނުންވާ އެހީ ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ. ޕާކިސްތާނާއި އީރާނުން ވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެއް މިލިއަން ރެފިއުޖީން އަފްޣާނިސްތާނަށް ފޮނުވާލައިފަ އެވެ.

"އަފްޣާނިސްތާނުގެ ފަރާތުން އެދުނު އެދުމާ ގުޅިގެން، ސިއްހީ ދާއިރާއަށާއި ރެފިއުޖީން ރިހެބިލިޓޭޓް ކުރުމަށް އިންޑިއާއިން ފުރަތަމަ ފަހަރަށް އިތުރު މެޓީރިއަލް ސަޕޯޓް ދޭނެ،" އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އިންޑިއާ ހިމެނޭ ގޮތަށް، އެއްވެސް ގައުމެއްގެ ސަރުކާރަކުން ތާލިބާނުންގެ ސަރުކާރު ރަސްމީކޮށް ގަބޫލެއް ނުކުރެ އެވެ. ނަމަވެސް ތާލިބާނުން ވެރިކަމަށް އައިތާ އަހަރެއް ނުވަނީސް 2022 ވަނަ އަހަރުގެ ޖޫން މަހު އިންޑިއާއިން ވަނީ ކާބުލްގައި ހުންނަ އެ ގައުމުގެ އެމްބަސީ އަލުން ހުޅުވައި މިޝަން ހިންގުމަށް "ފަންނީ މާހިރުން" ގެ ޓީމެއް ފޮނުވައިފަ އެވެ.

އެކަމަކު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އަފްޣާނިސްތާނުގެ އެމްބަސީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ބަންދުކޮށްފަ އެވެ. އެއީ އަފްޣާނިސްތާން ސަރުކާރުން އައްޔަންކުރި ޑިޕްލޮމެޓުންނަށް އިންޑިއާއިން ވިސާގެ މުއްދަތު އިތުރުކޮށްނުދިނުމުންނެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454