ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް އައިރީނާ ބައްދަލުވުމުގައި ތަގުރީރުކުރައްވަނީ.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
13 ޖެނުއަރީ 2025 - 11:15
މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީއަށް 17 މެގަވޮޓް އިތުރުކުރެވިފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ތޯރިގް ވަނީ ޔޫއޭއީގެ އަބޫ ދާބީގައި މިހާރު ކުރިއަށް ގެންދާ އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ (އައިރީނާ) އެސެމްބްލީގެ 15 ވަނަ ޖަލްސާގައި އިއްޔެ ތަގުރީރު ކުރައްވައިފަ އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިޔާދަކުރަނިވި ހަކަތައިގެ ގާބިލިއްޔަތުކަން އެންމެ އަހަރެއްހާ ދުވަހުގެ ތެރޭގައި 53 މެގަވޮޓުން 70 މެގަވޮޓަށް އިތުރުކުރެވިފައިވާ ކަމަށް ތޯރިގުގެ ތަގުރީރުގައި ވިދާޅުވި ކަމަށެވެ. އެއީ 17 މެގަވޮޓްގެ އިތުރުވުމެކެވެ.
މިނިސްޓްރީން ކުރިން ބުނި ގޮތުގައި، މި ސަރުކާރު އައިރު ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ އިންސްޓޯލްޑް ކެޕޭސިޓީއަކީ 53 މެގަވޮޓެވެ. އެއީ ބޭނުންކުރާ ހަކަތައިގެ އެންމެ ހަތަރު ޕަސެންޓެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް އައިރީނާ ބައްދަލުވުމުގައި ތަގުރީރުކުރައްވަނީ.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
ރާއްޖެއިން ތެލަށް ބާރޯސާވާ ވަރު ކުޑަކުރަން 2028ގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
އައިރީނާ ބައްދަލުވުމުގައި ތޯރިގް ވިދާޅުވީ 170 މެގަވޮޓުގެ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް އެކި މަރުހަލާތަކުގައި މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެ ކަހަލަ ކުދި ގައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ކަމަށާއި ދުނިޔޭގެ ގައުމުތަކުން އެއްބަސްވެފައިވާ 1.5 ޑިގްރީގެ އަމާޒަށް ވާސިލުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް ތޯރިގް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
13 January 2025
މިދިޔަ އެއްއަހަރު ދުވަހުގެތެރޭގައޭ ބުނަން ލަދުގަންނަންޖެހޭނެ.
އޮނަރަބްލް އަފީފު ދީދީ
13 January 2025
ކ.މާލޭސަރުކާރުން ހަދާ ޤަވާއިދުގެސަބަބުން މިކަމުގައިވެސް އަހަރުމެން އައްޑޫސިޓީގެ ރައްޔިތުންނަށްވަނީ ހުރަސްތައް ކުރިމަތިވެފަ. މިމީހުންގެ ރަށުގައި ގެއާއި ފިހާރަތައް ހަދާފައި ހުރިގޮތުން ސޯލާރ ޕެނަލް ހަރުކުރެވެން ނެތް ކަމަށްވިޔަސް އައްޑޫސިޓީގެ ގެތެކާއި ފިހާރަތައް ހުރީ މިކަން ކުރެވޭ ފަދަ ގޮތަކަށް. އައްޑުއަށް ބޭނުންވާވަރަށް FENAKA އިން ކަރަންޓް ނުއުފެއްދޭތީ ވިޔަފާރިވެރިން ބޭނުންވިޔަސް ކޯޓާ ހަމަވެއްޖެ ކަމަށްބުނެ ސޯލަރ ހަރުކުރަން މިހާފު ފުރުސަތެއް ނުދޭ.
ސޭކުބެ
13 January 2025
ތިބުނާ 17 މެގަވޮޓުގެ ތެރެއިން ބޮޑުބަޔަކީ މިދިޔަ ސަރުކާރުން ހުޅުލެ/ހުޅުމާލެ ހައިވޭގަ ޖަހާފަހުރި ސޯލާޕެނަލްތައް. ތިމަންމެންނަށް އަދިކުރެވުނީ ކުޑަމިންވަރެއް. އިތުރުފުޅު ހެއްދެވީމާ ވާނީ ބޭޒާރު.
ރިބަން11
13 January 2025
ހަމައެކަނި އިންސްޓޯލްކޮށްލުންތޯ މަސައްކަތަކީ. ތިޔައީ އެތައްއަހަރުތަކަކަށް ކުރެވެމުން އައިސްފައި ހުރި މަސައްކަތްތަކެއްގެ ނަތީޖާ. ރިބަން ކަނޑާލިޔަސް އަދި އެއީކީ "އަހަރެއްހާދުަވަހުގެތެރޭގައި" ވީކަމެއް ނޫންތާ. ވާހަކަ ދައްކާއިރު ހަގީގަތް އޮޅޭގޮތަށް ނުބުނެ، ތިޔައީ މިދިވެހި ރާއްޖެ ހޯދި ކުރިއެރުމެއް ގޮތަށް ނިސްބަތްކުރުން ރަނގަޅުވާނެ، ހަމައެކަނި "އެންމެ އަހަރެއްގައި" އުޅުނު ބަޔަކަށް ނިސްބަތްކުރުމަށްވުރެ.
ޓސުނާމީ
13 January 2025
ކުރީ ސަރުކާރު ހަރުކޮށް ނިންމައި ކަނެކްޝަން ދިން ސޯލާގެ ވާހަކަ ދޯ؟ އެންމެ އަހަރެއްތެރޭގައޭ؟ ދޮގު ހަދާއިރު އެއްވެސްކަހަލަ ބިރުވެތިކަމެއްވެސް ނެތް ދޯ؟ ފެށުންވެސް ދޮގުން. އަދިވެސް ދޮގު. ނިމުމަކަށްވާނީވެސް ދޮގު ކަން ނޭނގެ.
އައްބެ
13 January 2025
މިހާރު ނެތޭ ދޮގުނުހަދާ ސަރުކާރެއް. މައުމޫނު، އަންނި، ޔާމީން، އިބޫ މިއެންމެންވެސް ކުރީ އެކިފެންވަރުގައި ދޮގާއި ވައްކަމޭ.