14 ޖެނުއަރީ 2025 - 09:34
ފޫޅުމާ ސަންފާ ނުވަތަ ތުއްތައްމަ އަކީ މުޅި ޅ. އަތޮޅުގައި މަގުބޫލު ފޫޅުމަޔެކެވެ. އެއީ ކުރީގެ މަޝްހޫރު ދިވެހި ބޭސްވެރިޔާ ނައިފަރު ދޮންކަލޭފާނުގެ ދަރިވަރެކެވެ. މީހުން ވިއްސުމާއި، ފަތްޕިލާވެލިން ބޭސްކުރުމުގައި ބައި ގަރުނަށްވުރެ ގިނަ ދުވަސް ހޭދަކުރި ފަހުން އުމުރުން 110 އަހަރުގައި މީގެ 16 އަހަރު ކުރިން އޭނާ ނިޔާވީ އެވެ.
އެއީ ނައިފަރުގައި މިދިޔަ ހުކުރު ދުވަހު ބީއެމްއެލްގެ ސްޓާޓްއަޕް ގްރާންޓުގެ އެހީގައި "ނަޒާ ހެލްތު ފިޒިކަލް ރިހެބިލިޓޭޝަން ސެންޓަރު" ހުޅުވި ސަންފާ ނަޒާހަތު (ނަޒާ) ގެ މަންމަ ފަރާތު މުނިމާމަ، ސަންފާ މޫސާ އެވެ. ނަޒާގެ އެންމެ ކުޑައިރުގެ ހަނދާންތަކާއި އިންސްޕިރޭޝަންތައް ގުޅިފައިވަނީ އެ މާމައާ އެވެ.
ނަޒާގެ މަންމަ ފަރާތު މާމަ ނިޔާވުމުން މާމައެއްގެ ގޮތުގައި ގިނަ ވަގުތު ހޭދަކުރީ މުނިމާމަ ސަންފާއާ އެކީގަ އެވެ. ގޭތެރެއިން އިވޭނީ ބޭސްވެރިކަމުގެ ވާހަކަ އެވެ. މުނިމާމަ ކިޔައިދިން ބޭސްވެރިކަމުގެ އެކި ވާހަކަތަކާއި، ފޫޅުމާކަމުގެ ތަޖުރިބާތަކުން ހިތްޖެހި ނަޒާ ބޮޑުވީ ގައިނަކޮލޮޖިސްޓަކަށް ވުމުގެ އުންމީދުގަ އެވެ.
ނަޒާ ހެލްތް ފިޒިކަލް ރިހެބިލިޓޭޝަން ސެންޓަރުން ކުރި ޕޯސްޓެއް.
ނައިފަރުން އޯލެވެލް އާއި އޭލެވެލް ނިންމައި ނަޒާ އުންމީދުކުރަމުން އައީ އެމްބީބީއެސް ކިޔަވަން ސްކޮލަޝިޕަކަށް ނުވަތަ ލޯނެއް ލިބޭނެ ދުވަހަކަށެވެ. އެކަމަކު އެ އިންތިޒާރަށް ނިމުމެއް ނަ އެވެ. އެހެންމެ ފަހުން އޭނާ ނިންމީ އެ ދާއިރާގެ އެހެން ރޮނގުތަކުން ކުރިއަށް ދެވޭނެ ގޮތެއް ހޯދާށެވެ.
"އަބަދުވެސް ވިސްނަނީ ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ. އެމްބީބީއެސް ކިޔަވަން އަމިއްލަ އަށް ހަރަދުކުރެވެން ނެތީމައި ޓްރައި ކުރީ ސްކޮލަޝިޕެއް ނޫނީ ލޯނަކަށް. އެކަމަކު އެ ފުރުސަތު ލިބުނީ ފިޒިއޮތޮރޮޕީ ކިޔަވަން. އެ ހިސާބުން ގަބޫލުކުރީ ނަސީބުގައި މިގޮތަށް ވާން އޮތީމައޭ މިހެންވީ،" ނަޒާ ބުންޏެވެ.
ނަޒާ ބުނި ގޮތުގައި ފިޒިއޮތެރަޕީއަށް ހިތްޖެހި މި ރޮނގުން ކުރިއަށްދާން ޝައުގުވެރިވީ އިންޑިއާގެ ބެންގަލޫރުގެ ރަޖީވް ގާންދީ ޔުނިވާސިޓީ އޮފް ހެލްތު އެންޑް ސައިންސް ޔުނިވާސިޓީއަށް ގޮސް ކުރެވުނު ތަޖުރިބާތަކުންނެވެ. ބެޗްލަސް ޑިގްރީ އިން ފިޒިއޮތެރަޕީ ފުރިހަމަކުރި މި ދުވަސްތަކަކީ ނަޒާ ސިފަކުރި ގޮތުގައި ހަޔާތުގެ އެންމެ އުފާވެރި ދުވަސްތަކެވެ.
ކޮންމެ ގައުމެއްގައި ކޮންމެ ރޮނގަކުން ކިޔެވިޔަސް ނަޒާ އަބަދުވެސް ބޭނުންވީ އޭނާގެ ރަށަށް ހިދުމަތްކޮށްދޭށެވެ. މާލޭގެ ހަލަބޮލި ދިރިއުޅުމާއި، ބޮޑު ކުއްޔަކީ އޭނާއަށް އެންމެ ކަމުދާ ގޮތެއް ނޫނެވެ. އެހެންކަމުން ކިޔެވުން ފުރިހަމަކޮށް 2021 ގައި އެނބުރި ރަށަށް އައިސް، ފިޒިއޮތެރަޕީގެ ލައިސަންސް ލިބުނީ 2022 ވަނަ އަހަރުގެ ޖެނުއަރީގަ އެވެ.
އުންމީދުކޮށްގެން ހުރި ގޮތަށް ރަށުން ވަޒީފާ ނުލިބުނަސް، ނަޒާގެ ހިތްވަރަކަށް ބަދަލެއް ނާދެ އެެވެ. އަމިއްލައަށް ދެތިން އިކުއިޕްމަންޓް ގަނެގެން އޭނާ މަސައްކަތްކުރަންފެށީ ރަށުގެ އެކި ގޭގެއަށް ގޮސް ތެރަޕީތައް ނަގައިދޭށެވެ. ހެނދުނު ހެނދުނާ ފަށާ ގޮތަށް، ފިރިމީހާގެ ސައިކަލުގައި ބޮޑު ދަބަހެއް ކޮނޑުއަޅުވައިގެން ފަހަރަކު ގެއަކަށް ދިޔައީ، އޭނާއަށް ލިބުނު ހުނަރާއި ފަންނުގެ ބޭނުންކޮށް، މީހުންނަށް ކޮންމެވެސް ހިދުމަތެއް ކޮށްދެވޭތޯ އެވެ.
"ވަރަށް ދެރަވި ވަޒީފާ ނުލިބުނީމާ. އެކަމަކު ފިރިމީހާ ބުނި ހިނގާށޭ އަމިއްލައަށް މިކަން ކުރަން. އެ ލިބުނު ތަޖުރިބާއިންނާއި ރަށުގެ އެކި ކުޅިވަރު ޓީމުތަކާ އެކު ކުރެވުނު މަސައްކަތްތަކުން ދަސްވި ކަންކަމަށް ބަލާފައި ސްޓާޓްއަޕަށް އެޕްލައި ކުރީ."
އަމިއްލައަށް މަސައްކަތް ފެށިތާ ދެ އަހަރު ފަހުން ބީއެމްއެލްގެ ގްރާންޓް ލިބި އެއް ފުރާޅެއްގެ ދަށުން އެކި އުމުރުފުރާތަކަށް ހާއްސަ އަދި އެކި ހާލަތުގައި ތިބި ބަލި މީހުންނަށް ބޭނުންޖެހިފައިވާ މުހިންމު މި ހިދުމަތް ދޭން މިއަދު އޭނާ ފަށައިފި އެވެ.
ނަޒާގެ ސެންޓަރު މަންމަ އާއި ބައްޕަ ހުޅުވައިދެނީ --- ފޮޓޯ: ނަޒާ
ނަޒާގެ ރިހެބިލިޓޭޝަން ސެންޓަރުން، އެކި ކަހަލަ ޖިސްމާނީ އިންޖަރީތަކާއި، ސްޓްރޯކްގެ މައްސަލަތައް ހުންނަ މީހުންނަށް ފިޒިކަލް ރިހެބިލިޓޭޝަން ދެ އެވެ. ބޮޑަށް ތަދު ފިލުވުމާއި ކަސްރަތަށް އަމާޒުކޮށް ފަރުވާތައް ފަރުމާކުރާއިރު މިވަގުތު ވެސް ހަ ސްޓްރޯކް ޕޭޝަންޓުންނާއި، 10 ޕޯސްޓް އޮޕަރޭޓިވް ޕޭޝަންޓުން އަންނަނީ ސެންޓަރުން ހިދުމަތް ލިބިގަންނަމުންނެވެ. އަދި ކްލިނިކަލް ތެރަޕީތައް ކަމަށްވާ އަލްޓްރާ ސައުންޑް ތެރަޕީ، އިލެކްޓްރޯ ތެރަޕީ، ލޭޒާ ތެރަޕީ އަދި ރާއްޖޭގައި ވަރަށް މަދު، ޝޮކްވޭވް ތެރަޕީ އަދި ބަދަ ދެމުން ފަދަ ފަރުވާތައް ވެސް އަންމަ މަހު ފަށާނެ އެވެ.
ބެންގަލޫރުގައި ކިޔަވަމުން ދިޔައިރު ފިޒިއޮތެރަޕީގެ އެކި ދާއިރާތަކުން ހާއްސަ ކުރު ކޯސްތައް ފުރިހަމަކުރުމުގެ ފުރުސަތު ލިބުނުއިރު ނަޒާއަށް އެންމެ ގިނައިން ލިބުނީ އަންހެނުންގެ ސިއްހަތާ ގުޅުން ހުރި ކޯސްތަކެވެ. އަދި ކިޔަވައި ނިމުމަށްފަހު ވެސް، އަމިއްލައަށް ބެންގަލޫރުން އެ ދާއިރާގެ އެހެން ކުރު ކޯސްތަކެއް ވެސް ފުރިހަމަކުރި އެވެ. ލޭބަ ފިޒިއޮތެރަޕީ، އެންޓިނޭޓަލް އަދި ޕޯސްޓް ނޭޓަލް ފިޒިއޮތެރަޕީން ނަޒާ ވަނީ ތަމްރީނުވެފަ އެވެ.
ނަޒާ ރިހިބިލިޓޭޝަން ސެންޓަރުގެ އެތެރެ.
ނަޒާގެ ބީއެމްއެލް ގްރާންޓް ޕްރޮޕޯޒަލްގެ ވެސް އެންމެ ހާއްސަވި އެއް ކަމަކީ މިއީ އެވެ. އޭނާގެ ސެންޓަރުގައި އުމުރުން 65 އަހަރުން މަތީގެ އަންނުންނަށާއި، ދަރިމައިވާ އުމުރުގެ މީހުންނަށް ހާއްސަ ހަ ކްލާހެއް ނަގައިދެ އެވެ. އަދި މިހާރުވެސް މި ކްލާސްތަކުގައި ހަމައެކަނި ނައިފަރުން 90 ކްލައިންޓުން ބައިވެރިވެ އެވެ. މީގެ ތެރޭގައި މެޓް ޕިލާޓޭއާ ޔޯގާ ވެސް ހިމެނެ އެވެ.
"އަސްލު އަންހެނުންނަށް ވަކީން ހާއްސަކުރަން ބޭނުންވީ ކުރިން ގޭގެއަށް ގޮސް ފަރުވާދިން އިރު ތިބޭނެ ވަރަށް ގިނަ، 65 އަހަރުން މަތީގެ އަންހެން ޕޭޝަންޓުން. ފިޒިއޮތެރަޕީއަށް ފަހު ގޭގައި އެއްވެސް ވަރަކަށް ކަސްރަތެއް ނުކުރޭ. އެހެންވެ ތަދުތަކެއް ނުފިލައި. އެއީ ގަވާއިދުން ކަސްރަތު ނުކުރެވޭތީ. އެހެންވެ ބޭނުންވީ އެ ޕޭޝަންޓުންނަށް ވެސް ގްރޫޕް ކްލާސްތަކެއް ނަގައިދޭން،" ވިމެން ހެލްތު ކްލާސްތަކާ ބެހޭގޮތުން ނަޒާ ކިޔައިދިނެވެ.
ގްރޫޕްކޮށް މިފަދަ ކްލާސްތައް ނެގުނަސް، ކޮންމެ ކްލައިންޓަކަށް ވެސް ދެނީ އެ މީހެއްގެ ޖިސްމާނީ ގާބިލްކަމާއި ސިއްހީ ހާލަތާއި ބޭނުންތަކަށް ފަރުމާކޮށްގެން ތައްޔާރުކުރެވޭ ވަކިވަކި ކަސްރަތުތަކެކެވެ. މާބަނޑުމީހުންނާއި ވިހެއުމަށް ފަހު އަންނަ މީހުންނާއި ދަރިމައިވާ އުމުރުގެ މީހުންގެ ކްލާސްތަކަށް ވެސް ޑިމާންޑް ބޮޑެވެ.
"ބަރުދަން ލުއިކުރުމަކީ މި ކްލާސްތަކުގެ އެންމެ ލީސްޓް ވޮރީ. ވިހައިގެން އަންނައިރު ވަރަށް ގިނައިން ޕެލްވިކް ފްލޯގެ މައްސަލަތައް ހުރޭ، އަދި ބަނޑުގެ މަސްތައް އިރައިގެން ގޮސްފައި ހުރުން ކަހަލަ ކަންކަންވެސް ވަރަށް އާންމު. އެހެންވެ އެކަހަލަ ކަންކަމަށް އަމާޒުކޮށް ފިޒިއޮތެރަޕީ މިދެނީ. އެކަމަކު ނަތީޖާ ފެންނައިރު ވަރަށް ބޮޑަށް ބަރުދަން ވެސް ލުއިވޭ،" ނަޒާ ބުންޏެވެ.
ނަޒާ ހެދި ޑްރައި ނީޑްލިން ކްލާހުގެ ފަރިތަކުރުމުގެ ތެރެއިން--
ފިޒިއޮތެރަޕީގެ ހިދުމަތަކީ އަތޮޅުތެރޭގައި ވަރަށް ތަދު ހިދުމަތެކެވެ. މިވަގުތު މި ސެންޓަރުގައި ނަޒާގެ އިތުރަށް ތިން އެސިސްޓެންޓުންނާއި އެޓެންޑެންޓަކާއި އިތުރު ފިޒިއޮތެރަޕިސްޓެއް މަސައްކަތްކުރެ އެވެ. އަދި ކުރިއަށް އޮތް މަހުގައި އިތުރު މުވައްޒަފުން ގުޅޭނެ އެވެ.
ގްރާންޓްގެ އެހީ ލިބުނަސް، ނައިފަރުން ތަނެއް ކުއްޔަށް ނަގައިގެން، މި ހުރިހާ ވަސީލަތްތަކާ އެކު އެތަން ތައްޔާރުކުރުމަށް އިތުރު ގިނަ ހަރަދުތަކެއް ހިނގި އެވެ. އެ ހުރިހާ ހަރަދަކީ ވެސް ހޯމް ވިޒިޓްތަކުންނާއި އަމިއްލައަށް އެކި ގްރޭޑްތަކުގެ ކުދިންނަށް ޓިއުޝަން ދީގެން އޭނާ އެއްކުރި ފައިސާ އެވެ. މައިންބަފައިންނާއި ފިރިމީހާގެ އެހީތެރިކަން ޝުކުރުވެރިކަމާ އެކު ނަޒާ ފާހަގަކޮށް އޭނާ ފަހުރުވެރިކަމާ އެކު ބުނީ ސެންޓަރުގެ ލޯގޯ އާއި ފާރުތަކުގެ ކުރެހުންތަކާއި ސްޓިކާތަކާއި ގްރެފިކްސްތައް ހެދުމުގެ ހުރިހާ ކަމަކީ ވެސް ހަމަ ނައިފަރުގެ އެކި ހުނަރުވެރި ޒުވާނުންގެ މަސައްކަތް ކަމަށެވެ.
Through our Startup Grant, we are supporting the opening of NazaHealth, a physical rehabilitation center in Lh. Naifaru by Sanfa Nazahath Ahmed! 🙌
— Bank of Maldives (@bankofmaldives) January 13, 2025
This project aims to improve the health and motor abilities of those who are living with deformities, disabilities, and… pic.twitter.com/6RTep10tfL
އުމުރުން 29 އަހަރުގައި ނަޒާ ހުޅުވި މި ސެންޓަރަކީ މުޅި ނައިފަރަށް ވެސް ޝަރަފެކެވެ. މުނިމާމައަށް އޮތް ލޯބި ނަޒާގެ ނަމުގެ ކުރިން ވެސް ޖާގަ ހޯދިހެން، ނަޒާގެ މި ހިދުމަތަކީ ތާއަބަދަށް ދެމިގެންދާނެ ފޫޅުމާ ސަންފަގެ ލެގަސީ އެވެ. އެއް ސަންފަ އަށް ފަހު އަނެއް ސަންފާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރަކާތް ލައްވާށީ!
01 March 2025
بسم الله ماشاءالله اللهم بارك
މިދޫ...
15 January 2025
މި ހަބަރު ކިޔާލާފަ ހަމަ އުފަލުން ރޮވިއްޖެ.ނަޒާ ތިއަންނަނީ ހުވަފެންތަށް ހަގީގަތަކަށް ހަދަމުން. ކާމިޔާބީއަށް އެދި ދުއާކުރަން. މުޖަތަމައުއަށް ފައިދާހުރި ނުހަނު ބޭނުންތެރި މަސައްކަތެއް ފެށީތީ މުޅި ރ.އަތޮޅުން ނަޒާއަށް މަރުހަބާކިޔަން. ވ ވ ވ އުފާވެއްޖެ
އައިމިނާ
14 January 2025
ސަންފައަށް އިތުރުކާމިޔާބާއި ކުރިއެރުމަށް އެދެން. ހިތްވަރުކޮށްލާތި.
ވގދ
14 January 2025
ސަންފަ އަށް ކާމިޔާބީ އަށް އެދެން. ތިހިސާބަށް އައުމަށް ތި ކުރި ހިތްވަރަށް ސާބަސް. އުފެއްދުން ތެރި ކަމަކީ ވަޒީފާ އަކުން ހާޞިލް ވާ އެއްޗެއް ނޫން.
ފޮނިޓައްޕު ހަސަނު
14 January 2025
ތިޔައީ ވުސްނުން ތޫނު ހީވާގި އަންހެން ކަބަލުންްކީ. މާތްﷲ ނަޒާގެ ތިޔަހިއްވަރަށް ކާމިޔާބު ފާގަތި ދުވަސް ތަކެއް ދައްކަވާށި.
ހުސެން ރިޔާޒް
14 January 2025
މި ކަހަލަ ދަރިން މި ޤައުމަށް ބޭނުމީ. ޝުކުރިއްޔާ ނަޒާހާ.
ގަބުޅި ކަތީބު
14 January 2025
އަނެއްކާ މިނިސްޓަރުގެ ރުހުން ލިބިގެންބާ ތިކަން ތިކުރަނީ؟ ރުހުން ނެއްތިއްޔާ ތިކަން ކުރިޔަށް ނުކަނޑާނެ ހެން ހީވަނީ..
ނައިފަރޭ
14 January 2025
މަރުހަބާ. ކާމިޔާބަށް އެދެން.
ފުންއަސަރު
14 January 2025
ނަޒާ އުންމީދުކުރަމުން އައީ އެމްބީބީއެސް ކިޔަވަން ސްކޮލަޝިޕަކަށް ނުވަތަ ލޯނެއް ލިބޭނެ ދުވަހަކަށް. އެ އިންތިޒާރަށް ނިމުމެއް ނައުމުން، އެންމެފަހުން އޭނާ ނިންމީ ލިބުނު ފުރުސަތުގާ ފިޒިއޮތޮރޮޕީ ކިޔަވަން. އެ ހިސާބުން ގަބޫލުކުރީ ނަސީބުގައި މިގޮތަށް ވާން އޮތީމައޭ މިހެންވީ. ނިންމި ނިންމުން ވަރަށް ރަނގަޅު. ހަގީގީ ނަސީބު އަތުޖެހުމަށް ލައްކަހުރަސް ކުރިމަތިވާނެ. ދެންއޮތީ ލިބުނު މޮޅައިގެން ކުރިޔަސް ދިއުން. އެދެނީ ބުރަމަސައްކަތުގެ ފޮނިމީރުކަން ނަޒާއަށް ލިބުން.
ފަހުދުނާމާ
14 January 2025
ހެޔޮ ޖަޒާ ދެއްވާ ވިޔަފާރީގައި ބަރަކާތް ލައްވާށި. ރާއްޖެ ތެރޭގައި މިފަދަ ކަންކަން ކުރަން އިސްނަގާ ފަރާތްތަކަށް ސަރުކާރުންވެސް އެބަ ޖެހޭ އެހީތެރިވެދޭން. ހުރިހާ ކަމެއް ހަމައެކަނި މާލެއިން ފުއްދައިގެން ނޫޅެވޭނެ.
ރައްޔިތުމީހާ.
14 January 2025
އެހެންވެ ބެންކުން އެއޮތީ ޚަރަދުކޮށްދީފައެއްނު؟