ޖިހާދު: އޭނާގެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުގެ މައްޗަށް ހައި ކޯޓުން ވަނީ އަމުރުކޮށްފައި - ފޮޓޯ: މިހާރު
13 ޖެނުއަރީ 2025 - 15:12
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އެ މައްސަލައިގެ ޝަރީއަތް ހިންގަން ކްރިމިނަލް ކޯޓުގެ މައްޗަށް ހައި ކޯޓުން މިއަދު އަންގައިފި އެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ 2013 ވަނަ އަހަރު އޭނާ ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލުކުރެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ޖިހާދުގެ މައްޗަށް ކުރަނީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ އެވެ. އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލާފައިވަނީ އެ މައްސަލައިގެ ތަހުގީގު އަލުން ފެށި ސަބަބު ޖިހާދަށް އަންގާފައިނުވުމާއި ދައުވާގެ އޭގެ މައްޗަށް ބިނާވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަޔާނުގެ ސައްހަކަން ކަށަވަރު ކުރެވިފައިނުވާ ކަމަށް ބުނެ އެވެ. އެ ކޯޓުން ނިންމީ އެއީ ތަހުގީގުގެ އުނިކަމެއް ކަމަށެވެ.
ހައި ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ ދަށު ކޯޓުން މައްސަލަ ބޭރުކޮށްލާފައިވަނީ ގާނޫނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށް ކަމެއް ސާފުނުވާ ކަމަށެވެ. އަދި ތަހުގީގުގައި އަމަލުކުރި ގޮތުގެ ސަބަބުން ޖިހާދުގެ އެއްވެސް އަސާސީ ހައްގެއް ގެއްލިފައިވާ ކަން ވެސް ސާފުނުވާ ކަމަށް ހުކުމުގައިވެ އެވެ.
އެފަދަ ކަންކަމަކީ ދައުވާ އުފުލުމުގައި ހުރި އުނިކަމެއް ކަން ބަޔާން ކުރާ ގާނޫނީ ނައްސެއް ނެތް ކަމަށާއި އަަދި އަދީބުގެ ބަޔާނުގެ ސައްހަ ކަން ކަށަވަރުކޮށްފައިނުވާ ކަމަށް ދަށު ކޯޓުން ޝަރީއަތުގެ ކުރީގެ މަރުހަލާގައި ކަނޑައަޅާފައިވަނީ ގާނޫނީ ކޮން އަސާސެއްގެ މައްޗަށް ކަން ވެސް ސާފުނުވާ ކަމަށް ހައި ކޯޓުން ބުންޏެވެ.
އެހެންވެ، ދަށު ކޯޓުގެ ނިންމުމަކީ ގާނޫނީ ހަމަތަކާ ހިލާފު ނިންމުމެއް ކަމަށް ހައި ކޯޓުން ކަނޑައެޅި އެވެ. އަދި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އަމުރު ކުރެއްވި އެވެ.
މި މައްސަލާގައި ހައި ކޯޓުން ބާއްވާފައިވަނީ އެންމެ އަޑުއެހުމެކެވެ. އެ އަޑުއެހުމަށް ޖިހާދު ވަޑައިގެންނެވީ ގާނޫނީ ވަކީލަކާ ނުލަ އެވެ. ވަކީލަކު ނެތް ކަމާއި އަމިއްލައަށް ގާނޫނީ ނުކުތާތަކަކަށް ޖަވާބުދާރީވާން ނޭނގޭނެ ކަމަށް ވިދާޅުވެ ފުރުސަތު ދެއްވުމަށް ތަކުރާރުކޮށް ޖިހާދު އެދިވަޑައިގަތް ނަމަވެސް، ދައުލަތުގެ ވާހަކަތައް އަޑުއެހުމަށް ފަހު އަޑުއެހުން ނިންމާލީ އެވެ.
ޖިހާދަށް ވާހަކަ ދައްކަން ދިން ކޮންމެ ފުރުސަތެއްގައި ވެސް އޭނާ ތަކުރާރު ކުރެއްވީ ވަކީލަކު ބޭނުންވާ ކަމުގެ ޝަކުވާ އެވެ. ނަމަވެސް، އެ މައްސަލައަކީ ގާނޫނު އޮތްގޮތުން 14 ދުވަސް ތެރޭ ނިންމަން ޖެހޭ ބާވަތުގެ މައްސަލައަކަށްވާތީ އެ ފުރުސަތު ދެވެން ނެތް ކަމަށް ފަނޑިޔާރުން އެންގެވި އެވެ. ނަމަވެސް ހުކުމް އިއްވަން މިއަދު ބޭއްވި އަޑުއެހުމަށް ޖިހާދު ވަޑައިގެންނެވީ ވަކީލަކާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެސްގަންޑު
14 January 2025
ތިހެންވިއްޔާ ފަނޑިޔާރު މަސްއޫލިއްޔަތަށް އިހުމާލުވުމުގެ ދަޢުވާ ކުރަންވީނު. ފަނޑިޔާރު ކޮންމެ ފަދަމނުބައިނހުކުމެއް ކުރިޔަސް އޭނާގެ ވާޖިބު އެއަދާކުރީތޯ..ކޮބައިތޯ އަނެއް ޚަސްމުގެ ހައްޤުތައް. ވިއްސިވިހާލި ވެގެން ދުމަށްވެގެން ވައިގެ ތެރެއަށް ދިޔައިމާ އިންސާފު ދެވުނީތޯ.
ނަނާ241
13 January 2025
ތީ ވަރުގަދަ ޖިހާދެއްކުރާ މީހެއްތާ ދޯ
ޑރ ވާންޗޯ
13 January 2025
ޖިހާދުގެ މައްސަލަ ކުރީގަ ބޭރުކޮށްލީ ގޯސްކޮށް، އެހެންވީމަ މިފަހަރު ހައިކޯޓުން ރަނގަޅަށް ބޭރުކޮށްލީމަ ނިމުނީ!. ސަރުކާރުގެ ބޮޑުކޮމްޕެނީއެއްގެ ހެޑްވިއްޔަ!!!!.
ކަނބިލި
13 January 2025
ކޮބައިތޯ އެމްއެމްޕީއާރުސީ ކޮރަޕްޝަނުގެ އެހެން ބައިވެރިން. ޢަދުލުއިންސާފޭ ކިޔަނީ ކޮންމެ ސަރުކާރަކުންވެސް. ކަންހިނގަނީ އެހިނގާގޮތަކަށް. މިސަރުކާރުންވެސް ފޮނި ވައުދުތަކެއްވި. ޖޭއެސްސީވެސް އޮތީ ސިޔާސީ ފަރާތްތަކުގެ މުށުތެރޭގައި ސިސްޓަމަށް ނުފޫޒު ފޯރުވޭ ގޮތަށް.
ކޮރަލް
13 January 2025
މައްސަލަ ތައް އުޅޭ މީހެކެވެ. އެތެރެ އާ ބޭރުގެ މައްސަލަ ތަކެވެ.
ސަސި
13 January 2025
ޖިހާދު ހަމަ އެކަނި މި ނޫސް ކިޔަސް އެނގޭނެދޯ އޭނާގެ މައްސަލައެއް ކޯޓުގަ އެބަ އުޅޭކަން. މާ ބޮޑަށް ބިޒީ ކަންނޭންގެ ދޯ