ކުރީގެ ނައިބު ރައީސް ޖިހާދު: ލިޔުންތައް ހަވާލުކުރަން ކޯޓަށް ގެންދަން ޖެހުނީ ފުލުހުންގެ ބެލުމުގެ ދަށުން - ފޮޓޯ: މިހާރު
07 ޖެނުއަރީ 2025 - 17:28
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ދައުވާ ބޭރުކޮށްލި މައްސަލައިގެ އިސްތިއުނާފަށް ބޭނުންވާ ލިޔުންތައް ހަވާލުކުރަން އޭނާ ކޯޓަށް ހާޒިރު ކުރަން ޖެހުނީ ކޯޓު އަމުރެއް ނެރެގެން ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް އެ ކޯޓުން ބުނެފި އެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ 2013 ވަނަ އަހަރު އޭނާ ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލުކުރެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ޖިހާދުގެ މައްޗަށް ކުރަނީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާ އެވެ. އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
އެ މައްސަލާގައި މިއަދު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ވިދާޅުވީ މައްސަލައިގެ ލިޔުންތައް ހަވާލުކުރަން ވެސް ޖިހާދު ކޯޓަށް ހާޒިރުކުރަން ޖެހުނީ ފުލުހުންގެ މައްޗަށް އަމުރެއް ނެރެގެން ކަމަށެވެ.
ޖިހާދު ވިދާޅުވީ އޭނާގެ މައްސަލައެއް ކޯޓުގައި އޮތްކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އޭނާ ރާއްޖެ ވަޑައިގަތީ ވެސް މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އޭނާގެ ގެއަށް ފުލުހުން ދިޔުމުން ފުލުހުންނާ އެކު ކޯޓަށް ހާޒިރުވެ ވަޑައިގަތް ކަމަށާއި މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކު ކަމަށް ވިދާޅުވި އެވެ. އެހެންވެ ވަކީލަކު ހޯދައި ލިޔުންތައް ދިރާސާކުރަން ފަސް ދުވަހުގެ ވަގުތު ދެއްވުމަށް ޖިހާދު އެދިވަޑައިގެންނެވި އެވެ.
ނަމަވެސް، ފަނޑިޔާރު ވިދާޅުވީ މިފަދަ މައްސަލަތަކަކީ ކޯޓަށް ހުށަހެޅޭ ތާރީހުން ފެށިގެން 14 ދުވަސް ތެރޭ ނިންމަން ޖެހޭ ބާވަތުގެ މައްސަލައެއް ކަމަށާއި އެހެންކަމުން، ދައުވާ ލިބޭ ފަރާތުން އެދޭ މިންވަރަށް ވަގުތު ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އިތުރު ވަގުތު ބޭނުންވާ ކަމަށް ޖިހާދު ވިދާޅުވަނީ ލިޔުންތައް އިއްޔެ ލިބުނު ކަމަށް ވިދާޅުވެ އެވެ. ނަމަވެސް، ފަނޑިޔާރު ވިދާޅުވީ ލިޔުންތައް ހިފައިގެން ކޯޓު އޮފިސަރު ޖިހާދު އުޅުއްވާ ގެއަށް ދިޔުމުން އެ ގޭގެ މެއިޑް އެންމެ ފުރަތަމަ ޖިހާދު ގޭގައި އުޅުއްވާ ކަމަށް ބުނެ ފަހުން އައި ފޯނު ކޯލަކާ އެކު ގޭގައި ނޫޅުއްވާ ކަމަށް ބުނެފައިވާ ކަމަށެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި، ފުލުހުންގެ އަމުރެއްގެ ދަށުން ލިޔުންތައް ހަވާލުކުރަން ޖެހުނީ ވެސް ގެއިން ލިޔުންތަކާ ހަވާލު ނުވުމުންނެވެ.
"ބޭރު މީހުން މި ތިބެނީ. އެހެންވީމާ އޭނާއަށް ނޭނގި އޮވެދާނެ. އަޅުގަނޑު އިއްޔެ ލިޔުންތަކާ މި ހަވާލުވީ. ވަކީލެއް ހޯދުމުގެ މަސައްކަތް ވެސް އަޅުގަނޑު ކުރިން،" ޖިހާދު، ފަނޑިޔާރުގެ ވާހަކައަށް ޖަވާބު ދެއްވި އެވެ.
ޖިހާދު ވިދާޅުވީ، އޭނާއަކީ ކޯޓުތަކަށް ފިލައިގެން އުޅޭ މީހެއް ނޫން ކަމަށާއި މީގެކުރިން ވެސް ކޯޓުގެ އެންގުންތަކާ އެއްގޮތަށް ހާޒިރުވެފައިވާ ކަމަށެވެ. ކޯޓަށް އެއްބާރުލުން ނުދޭ ކަމަށް ފަނޑިޔާރުން ވިދާޅުވާތީ، ދެރަވާ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.
މައްސަލަ ބައްލަވާ ބެންޗުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވީ ގާނޫނަކުން ވަކި މުއްދަތެއްގައި މައްސަލަތައް ނިންމަން ކަނޑައަޅާފައިވާއިރު، އަދި އެހެން މައްސަލަތަކުގައި ވެސް އެގޮތަށް އެ ފުރުސަތު ނުދޭތީ ޖިހާދަށް ހާއްސަކޮށް ވަކި އެ ފުރުސަތު ދެވެން ނޯންނާނެ ކަމަށެވެ. އެހެންވެ، ދައުވާއަށް ޖަވާބުދާރީވާން ޖިހާދަށް ތިން ފަނޑިޔާރުން ވެސް އެންގެވި އެވެ.
ނަމަވެސް، ވަކީލަކު ނެތް ކަމާއި އަމިއްލައަށް ގާނޫނީ ނުކުތާތަކަކަށް ޖަވާބުދާރީވާން ނޭނގޭނެ ކަމަށް ވިދާޅުވެ ފުރުސަތު ދެއްވުމަށް ތަކުރާރުކޮށް ޖިހާދު އެދިވަޑައިގެންނެވި އެވެ.
ފަނޑިޔާރުން ނިންމެވީ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދާށެވެ. އަދި ދައުވާއާ ގުޅިގެން ދައުލަތުން ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރަން ފުރުސަތު ދެއްވި އެވެ. ދައުލަތުގެ ވާހަކަތަކަށް ރައްދު ދޭން ދިން ފުރުސަތުގައި ވެސް ޖިހާދު އެދިވަޑައިގެންނެވީ ވަކީލެއްގެ ފުރުސަތު ދެއްވުމަށެވެ.
ނަމަވެސް، ފަނޑިޔާރުން އެ ފުރުސަތު ނުދެއްވައި، މައްސަލައިގެ އަޑުއެހުންތައް ނިންމާލެއްވި އެވެ. އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ މައްސަލައިގައި ހުކުމް އިއްވުމެވެ.
ޖިހާދަށް ކުރާ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ހުށަހެޅި މައްސަލަ ހައި ކޯޓުން ފުރަތަމަ ބޭރުކޮށްލީ ޖިހާދު ދިރިއުޅުއްވާ އެޑްރެސް ސާފުނުވާ ކަމަށް ބުނެ އެވެ.
ދެވަނަ ފަހަރަށް އެ މައްސަލަ އަލުން ހުށަހެޅުމުން އެ ކޯޓުން ނިންމީ އަލުން މައްސަލަ ހުށަހަޅަން ދިން މުއްދަތު ހަމަވެފައިވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އެ ނިންމުމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ކުރިން އޮތީ ތާއީދުކޮށްފަ އެވެ.
ނަމަވެސް، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ނިންމާފައިވަނީ އެ މައްސަލަ ބަލައިގަތުމުގެ ހުއްދަ ދޭން ފެންނަ ކަމަށެވެ. އެގޮތަށް ނިންމީ އެ މައްސަލަ އަލުން ހުށަހަޅަން ހައި ކޯޓުން ކުރިން ދިން 15 ދުވަހުގެ މުއްދަތުގެ ތެރޭގައި އެ މައްސަލަ ކޯޓަށް ހުށަނޭޅުނީ ޖިހާދު ކޯޓަށް ހާޒިރުކުރުމުގެ އިންތިޒާމް ހަމަނުޖެހި، އެ މުއްދަތުގެ ތެރޭގައި އޭނާ ރާއްޖޭން ބޭރަށް ވަޑައިގެންފައިވާތީ ކަމަށް ދައުލަތުން ބުނާތީ އެވެ.
އެއީ އަމިއްލަ ބާރުނުފޯރާ ފަދަ ސަބަބެއް މެދުވެރިވެގެން ހިނގާފައިވާ ކަމަކަށް ވާތީ އެ މައްސަލަ ބަލައިގަތުމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.
ހައި ކޯޓުން މިގޮތަށް ނިންމިއިރު، އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކުރިން ނިންމި މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވެސް ކުރިން އޮތީ އިސްތިއުނާފުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަންބެއްޔާ
10 January 2025
ޗަރީއަތް ނިމެންދެން ބަންދު ކުރުމަށް ގޮވާލަން
ނާދިރު
08 January 2025
އާޒިމާ ޝުކޫރުގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުން ހަމަ އެހައި ބޮޑު. އުފެދުމުގައިވެސް ބާތިލޭ ކިޔާފައި އެކުރި ކަންކަން...ކިތައް ހާސް މިލިޔަން ތޯ ދިވެހި ދައުލަތުން، އޭގެ ބަދަލުގައި ޖީއެމް އާރްް އަށް ދައްކަން ޖެހުނީ؟ މިހާރު 17 އަހަރު ނިމުނީ..ދެން މަޑުމަޑުން އެެއާޕޯޓު މާ ފުރިހަމަ ސިފައެއްގައި ދިވެހީންނަށް ލިބޭނެ. އެ އެއްބަސްވުން ބާތިލު ނުކުރިނަމަ. އެ އެއްބަސްވުން ރަނގަޅުކަމުން ހެޔޮ ބަދަލެއް ފެނިދާނެތީ ފަޔަށް ހިނިއެރީ!
ލާރިނެތްސޮރު
08 January 2025
އަހަރެން ފިނޭންސުގަ އުޅުނުއިރު މަ ދެކެ ބިރުން ތޯއްޗެ އޮފީހުގަ ގިނަދުވަސްވެ އަދި މީނާގެ 'ހެޔޮކަން' ލިބިފައިވާ މުވައްޒަފުންގެ ބޭނުން ހިފަގެން މަށަށް އަނިޔާވެރިވާން ކަމަށް އުޅުނީވެސް މިކަހަލަ ކަންތައް މީނަ ކުރާތީ! މިހާރު ހުންނާނީ ފިސާރި ރަނގަޅަށް ކަލްޗަރަށް ފެތިފަ!
ހަމީމު
08 January 2025
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސާރވިސް އޮތީރިޓީ ގެ ޗެއަރމަންގެ ޙާލަތު. އޯ މައި ގޯޑު. ދެން ވިސްނާ މިޤައުމުގެ ޙާލަތު . ސަހަރޯ ހީވެ.
ސަންޑޭ
08 January 2025
ޖިހާދު ފެންނަނީ ވަރަށް ކަންނެތް ފަރުވާކުޑަ ލޮނުމަޑު މީހެއްގެ ގޮތުގައި. ދައުލަތުގެ އިސް މަޤާމުތަކަށް މިކަހަލަ މީހުން ލަނީ ، އޭގެ މަތިން ތިބޭ މީހުންނަށް މިކަހަލަ މީހުން ލައްވާ ބޭނުންހާ ސަކަރާތެއް ޖަހަން ފަސޭހަ ވާނެތީ.
ގަރުދިޔަ
08 January 2025
ހަބަރުލިޔާެއިރު ދިމާވެގެން އުޅޭ މައްސަލިގެ ބެކްގުރައުން ސޯޓީ ނޫނީ އަސްލު ސޯޓީ ވެސް ލިލެލަބަލި. ތިކަމެއް ހިންގިތާ މިހާރު 12 އަހަތުވަނީ، އިންސާފު ނުލިބޭއިރު، ކަމުގެ ހަގީގަތް ރައްޔަތުންނަށް އެންގެންޖެޖޭ.
ލޮއްލަ
07 January 2025
ގާނޫނުތަކާ ކޯޓާ ޕޮލިހުން ޖެހެނީ މިވެރިން ފަހަތުން ސަލާންޖަހައި އާދޭސް ކުރަންމުން ދުވަން. ޗިޓު ހަވާލުވޭތޯޔާ ޝަރީއަތަށް އެއްބާރުލުންދޭތޯ އާދޭސްކުރަން. ޣައިރު ހާޒިރުގަ ކިތަށް ހުކުމް އިއްވާފަވޭބާ. ބާރުގަދަމީހާއަށް މޮޅުގޮތް. އާދައިގެ މީހާއަށް ދެރަގޮތް. ކޮރު ގާނޫނު އަސާސީގެ ފުރިހަމަކަން ދެއްތޯ
ލަދުންމަރު
07 January 2025
ވަރެއްގެ ބޭފުޅެއްތާ މީ. ރާއްޖޭގެ ހަބަރުދަބަރު ކިރިޔާ އެނގޭ މީހަކަށްވެސް އެނގޭނެ މިބޭފުޅާ ނުހޯދިގެން އުޅޭކަން. އަނެއްކާ ބޭރުމީހެއް ވީމަ ނޭނގިދާނެއޯ ގޭގަ ޖިހާދު އުޅުއްވާކަން ނޫންކަން. ތިވަރު މެއިޑެއް ގެންގުޅެން ހެޔޮވެދާނެތަ؟ މީހަކު އުޅޭނޫޅޭކަން ނޭނގޭވަރުގެ ބޭރު މީހެކޯލަ. އަޖައިބުވެ އަންތަރީސް. އެކަމު ދައުލަތުގެ އިއްޒަތްތެރި ވެރިޔެކޯ
އދރ1
07 January 2025
ރ ޔާމިންގެ ވިސްނުން ރަގަޅުކަން މި ހާމަ ވަނީ . ހުުރިހާ ނުބައެއް ހަދާފައި ކައިރީގައި ތިބި މީހުންގެ ބޮލަށް ހުރިހާ ކަމެއް ކަނޑާލާފައި ޖަގަހައިގައި އިދެގެން މާ އިނޮސަންޓް ވެގެން އުޅެނީ
ނައިސްގާއީ
07 January 2025
އީގޯގެ މައްސަލަޔެއް އުޅޭހެން ހީވަނީ. ކޮން އިތުބާރެއްބާ އޮންނާނީ ރީތި ނަމެއް ކިޔަސް ތިޔަ ލީޑުކުރާ ތަނަށް އާންމުންނާ ބޭރު މީހުންގެ؟
ކަނބިލި
07 January 2025
މިގޮތަށް އެންމެން ވެސް ކޯޓަށް ގެނެވި މައްސަލަތައް ބެލޭ ނަމަ މިގައުމުގައި އިންސާފު އޮންނާނެ. 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސް ޑިމޮކްރަޓިކު ވެރިކަމެއް ރައްޔިތުން ގެނައީ އަދުލު އިންސާފު ގެއްލުމުން. ނަމަވެސް 16 އަހަރު ފާއިތުވީ އިރުވެސް ރައްޔިތުންގެ އިތުބާރެއް ޝަރުއީ ދާއިރާއަކަށް ނުލިބޭ. ބަދަލެއް ނުފެނޭ.