އުމްރާގެ އުސޫލާ ހިލާފުވި ކުންފުނިތަކުގެ ނަންތައް އާންމުކުރާނީ ޖޫރިމަނާ ނުދައްކައިފި ނަމަ ކަމަށް މިނިސްޓްރީން ބުނޭ.
15 ޖެނުއަރީ 2025 - 11:56
ރާއްޖެ އިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ޚިލާފުވި 19 ކުންފުނީގެ ނަން އާއްމުކުރާނީ ޖޫރިމަނާ ދައްކަން ކަނޑައަޅާފައިވާ މުއްދަތުގައި ޖޫރިމަނާ ނުދައްކައިފި ނަމަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އުމްރާއަށް މީހުން ގެންދިޔަ ބައެއް ކުންފުނިތަކުން ވަނީ މި އަހަރު ވެސް އުސޫލާ ޚިލާފުވެފަ އެވެ. މި މައްސަލާގައި މިނިސްޓްރީން ވަނީ 19 ކުންފުންޏެއް 5،000 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. މީގެ ތެރޭގައި އުމްރާއަށް މީހުން ނުގެން ގޮސް އޮޅުވާލައިގެން އެމްއެމްއޭ އިން ޑޮލަރު ގަތް ކުންފުންޏެއްގެ މައްސަލަ ވެސް މިނިސްޓްރީން އަންނަނީ ބަލަމުންނެެވެ.
އުސޫލާ ޚިލާފަށް ބައެއް ކުންފުނިތަކުން އަމަލުކުރުމުން އުމްރާ އަށް ދިޔަ ބައެއް މީހުންނަށް މިފަހަރު ވެސް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އަލް-ހިޖުރަ ކިޔާ ކުންފުންޏަކުން އުމްރާއަށް މީހުން ގެންދިޔައީ އެއްކޮޅު ޓިކެޓް ނަގައިގެންނެވެ. އެ މީހުންނަށް ނާދެވި މައްކާގައި ތާށިވުމުން، ރާއްޖެ ގެނެސްދިނީ ސަރުކާރުގެ ހަރަދުގަ އެވެ.
އުމްރާގެ އުސޫލާ ޚިލާފުވި ކުންފުނިތަކެއް ޖޫރިމަނާކޮށްފައިވާ ކަމަށް މިނިސްޓްރީން ހާމަކުރި "މިހާރު"ގެ ހަބަރަށް ކޮމެންޓްކުރި ގިނަ ބަޔަކު ވެސް އެދުނީ އެ ކުންފުނިތަކަށް ސަމާލުވާން ނަންތައް އާއްމުކޮށްދިނުމަށެވެ.
މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ކުންފުނިތަކުގެ ނަން އާންމުކުރާނީ ޖޫރިމަނާ ނުދައްކައިފި ނަމަ ކަމަށެވެ.
އުމްރާ ކުންފުނިތަކާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވި ގޮތުގައި އޮޅުވާލައިގެން ޑޮލަރު ނެގި ކަމަށް ތުހުމަތުކުރެވޭ ކުންފުނީގެ މައްސަލަ ސާބިތުވެއްޖެ ނަމަ، 30،000ރ. އިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓާނެ އެވެ. އަދި އެ މައްސަލަ ތަހުގީގުކުރަން ފުލުހަށް ވެސް ހުށަހަޅާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އެކަމަކު މިހާތަނަށް އެ ކުންފުނީގެ ނަން ވެސް އާންމުކޮށްފައި ނުވަނީ އެކަން ކަށަވަރުނުވާތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ކުންފުނީގެ މައްޗަށް ތުހުމަތުކުރަނީ ފުރުމުގެ ޓިކެޓާއި ޑޮކިއުމެންޓްތައް ހުށަހެޅުމުން ޑޮލަރު ދޫކުރާތީ ފޭކު ޑޮކިއުމެންޓް ހުށަހަޅައިގެން ޑޮލަރު ހޯދި ކަމަށެވެ. އެ ކުންފުނިން މީހުން އުމްރާއަށް ނުގެންދާ ކަމަށް ވެސް ވެ އެވެ.
އުމްރާއަށް މީހުން ގެންދާ ގިނަ އަދަދެއްގެ ކުންފުނިތަކަށް ފިޔަވަޅު އަޅާފައި އަލް-ހިޖްރަ ޓްރެވެލްސް އެންޑް ޓުއާސް އިން މީހުން ގެންގޮސް ހާލުގައި ޖެއްސި މައްސަލައެއް ފެންމަތިވި ފަހުންނެވެ.
އެ މައްސަލާގައި މިނިސްޓްރީން ވަނީ ހިޖްރަ ގްރޫޕް އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަދި ހުއްދަ ބާތިލުކޮށްފަ އެވެ. އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ނުދޭން ވެސް ވަނީ ނިންމައިފަ އެވެ.
އަލް ހިޖްރަ ގްރޫޕާ ދެކޮޅަށް ފިޔަވަޅު އެޅިއިރު މިދިޔަ އަހަރު ރޯދަ މަހު އުމްރާއަށް މީހުން ގެންދިޔަ އަލް-މަޝްއަރު ޓުއާސްގެ ހަވާލުގައި ދިޔަ މީހުން ވެސް ގެންނަން ޖެހުނީ ސަރުކާރުންނެވެ.
އެ މައްސަލާގައި އެ ކުންފުނީގެ ހިއްސާދާރުންނަށް ދައުވާކުރަން ވަނީ ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުންނާރު ދީދީ
15 January 2025
މައްސަލަޔެއް ނެތް ކުންފުނިތަކުގެ ލިސްޓު އާންމުކުރަންވީނު ދެން. އެ ނޫނީ ހުރިހާ ކުންފުންޏެއް މިހާރު ތިބޭނީ ތިޔަ ބަދުނާމުގައި ނޫންތަ؟
ހަމްދާ
15 January 2025
5000 ރުފިޔާ ދީފަ ބޭނުން ގަވާއިދެއް އުސޫލެއް ފުނޑާލާ ފިލައިގެން އުޅެވޭނެ ފުރުޞަތު އޮތުމަކީ ހަމައެއް ނޫން
ޖަމީލް އުސްމާން
15 January 2025
ފައްކާދޯ. 5000 ރުފިޔާ އިިން ޖޫރީމާނާ ކުރީ. މަގޭ ދަރިވެސް ތިއިން ގުރޫޕެއް ހިންގާ. އެހެންވީމާ ކިހިނެއް ދަރި ބަދުނާމުވެދާނެ ފަދަ ކަމެއް ކުރާނީ. މީ އިޚްލާސްތެރިކަން. ގައުމާ ރައްޔިތުންނާ ހެދި ރައްޔިތުންގެ ފަޅީގައި ގަދަފައި ވިއްދައިގެން ތިބެ ކުރާ ކަންތައް.
ގިބުލަ
15 January 2025
އަމިއްލަ މަސްލަހަތު ކުރިއަރުވަން ވެރިން ކުޅޭ ކުޅިވަރެއްމީ. ޢުމްރާ ގުރޫޕުތަކުގެ އަގު ވައްޓާލާފަ މަޝްހޫރު ދެތިން މީހަކު މީގެ މަނަޕޮލީ ނަގަން ދުރާލާ ރޭވިގެން ކުރާ ކަމެއް. ފައިސާއަށް ދެރަވަރުކޮށް މިކަން ކުރާ މީހުން ވަރަށް ގިނަ. އެމީހުން ހާމަ ކުރަން ޖެހޭ.
އޮނަރަބްލް ސިންގާ
15 January 2025
5000 ރުފިޔާ ދެއްކީމައި މަކަރު ހެދި ކުންފުނީގައި ތިބިމީހުންގެ ނައްތައް ސިއްރުކޮށްދޭނަން .
ދަލޭކަ ދައިތަ
15 January 2025
މިގައުމުގެ އެންމެ ބޮޑު އަދަބު. ޖޫރިމަނާކުރުން . ޖޫރިމަނާ ދައްކައިފިނަމަ ހުދު ކާފޫރަށްވީ، ނުދައްކައިފިނަމަ ލިސްޓަށް ނަން އަރުވާލާނެ. (ލިސްޓަށް ނަން އަރުވާލުން މީކީ އާދައިގެ އަދަބެއްނޫނޭ. އަދި ދުނިޔޭގެ ގިނަގައުމުތަކަށް ނޭގެނީ) އެއަށްފަހު ވާންއުޅޭ ރައީސްގެ ހެޔޮފުޅުކަމުން އެއްދޮނުގައި ޖޫރިމަނާ މާފުކުރަންވީ. ރައްޔިތުން ތިބެންވީ ބޮނޑި ލިބިލިބި.
ޢެޑްމުންޑޯ
15 January 2025
ޖޫރިމަނާ ދެއްކުމުން އެކުންފުނިތައް މިވަގުތަށް ސާދްތާހިރުވީ ، ދެންވެސް ދިވެހިންނަށް އޮޅުވާލާ މަކަރާއި ހީލަތް ހެދުމުގައި ދެމިތިބޭނީ ،.ވީމާ ތިޔަކުންފުނިތައް ނުވަތަ ކުންފުނިތަކުގެ ވެރިން ހާމަކޮށް ތިމީހުންގެ ފަރާތުން ރައްޔިތުން ސަލާމަތްކުރުމަކީ ތިބޭފުޅުންގެ ވާޖިބެއް ،
ޭައައިޘަ
15 January 2025
ޢަސްލުވެސް.
ގިބުލަ 1
15 January 2025
ޢެކަމަކު ސަރުކާރުން ގުރޫޕު ތަކުގެ އަގު ވައްޓާލުން ބަލައެއްނުގަނެވޭ. އެއް ބަޔަކު މިކަންވެސް ކޮށްގެން ގިނަ ރައްޔިތުންނަށް އުމްރާ ކުރެވޭނީ. ދެތިން މީހަކަށް އޮން އެރައިވަލް ވިސާ ގައި އަގު ހެޔޮ ކޮށް މިކަން ވެދާނެ. ޢެކަމަކު ތަންދޮރު ނުދަންނަ ނިކަމެތި މީހާ މިކަން ކުރާނެ ގޮތެއް ކޮބާ؟
ތުނިތަ
15 January 2025
ތީދެން ކޮން ޑްރާމާއެއް؟ ޢިއްޔެ ފިޔަވަޅޭކިއީ ސުރުޚީއަޅަންތޯ؟
ނާޑުވާ
15 January 2025
ސަރުކާރަށް މުހިއްމީ ފައިސާ ކަން ވަރަށް ސާފު. އާންމު ރައްޔިތުންނާ ސީދާ ގުޅުންހުރި މިފަދަ ކަންކަމުގަ މަޢުލޫމާތު ސިއްރު ކުރުމަކީ މުސްތަޤްބަލުގައިވެސް އިތުރު ރައްޔިތުން މިފަދަ ކުންފުނި ތަކުގެ ޝިކާރައަކަށް ވުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމެއް. ޖޫރިމަނާގެ ނަމުގައި ސަރުކާރަށް ނުވަތަ މިނިސްޓަރުގެ ޖީބަށް ފައިސާފޮށްޗެއް ލުމަކީ ގްރޫޕްތަކުން ހަދާފައިވާ ގޯސްތައް ފޮރުވަންޖެހޭ ކަމަކަށް ހެދުމަކީ މި ސަރުކާރުން ކުރާ ވަރަށް ވިޔާނުދާ ކަމެއް. މިކަން ހަރުކަށި އިބާރާތުން ކުއްވެރިކުރަން
ގިބުލަ 2
15 January 2025
ގުރޫޕު ތަކުން ކާން ބޯން ދީ ބޭސް ފަރުވާ ކޮށް ދީނީ ނަސޭހަތްދޭނެ މީހުން ގެންދަން ޖެހޭ. ޢެވެސް ހަރަދު ދީގެން. ޙިލޭ ސާބަހަށް މިކަން ކުރެވޭ ނަމަ މަ ތައްޔާރު އެންމެ ލޯ ލާރިއެއް ނުނަގާ މީހުން ގެންދަން. ސަރުކާރުން ބޮޑު އަގު ނެގުން އެންމެނަށް އޯކޭ. ޢެކަމަކު ގުރޫޕު ތަކުން ސޭމް އަގު ނެގުން ހަޖަމު ނުވޭ. ޙަސަދަ ހުރިހާ ކަމެއްގައި ދިވެހިން ދަންނަނީ
ހާމަކުރަންވާނެ
15 January 2025
ޖޫރިމަނާ ދެއްކިޔަސް ނުދެއްކިޔަސް ނަން ހާމަކުރަންވާނެ. އެހެން ނޫނީ ރައްޔިތުންނަށް ސަމާލުވާން އެނގޭނީ ކިހިނެތް
ސަހީމު
15 January 2025
މާސްޓަރ ޕްލޭން ވަރަށް ފައްކާ. ކުދި ކުދި އެޑްމިނިސްޓްރޭޓިވް ކަންކަމުގައި އެންގުމަކާ ވެސް ނުލާ އެބަހުރި ޖޫރިމަނާ ކޮށްފައި. މިކިޔަނީ އެތައް ޒަމާނެއް ވަންދެން ރައްޔިތުންނާއި ގާތުން ހެޔޮ އަގުގައި ސަތޭކައިގެ ހިދުމަތް ދިނީމަވެސް ސަރުކާރުން ކަރު ހިއްކައިގެންފާ ތިބިވަރު. ޙައްޖު ކޯޕަރޭޝަންގެ ފެންވަރުވެސް ތިހީކުރާހާ ފުރިހަމައެއް ނޫން. ޢެވެސް ބޮޑު ވިޔަފާރި އެއް. ޙަގީގަތް ނޭނގޭ މީހުން ކިޔާނީ ސަރުކާރުން ދޭ ފައްކާ ހިދުމަތޭ.