ޗާގޯސްގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއެގޯ ގާސިއާގެ އަސްކަރީ މަރުކަޒުން ޖެޓެއް ފުރައިގެން ދަނީ: ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދިނަސް ޑިއެގޯ ގާސިއާ އޮންނާނީ އަދިވެސް އަސްކަރީ މަރުކަޒެއްގެ ގޮތުގައި.
15 ޖެނުއަރީ 2025 - 20:32
އިނގިރޭސި ވިލާތުގެ އިސްތިއުމާރުގެ ދަށުގައި އޮންނަ ޗާގޯސް މޮރިޝަސް އަށް ދޫކޮށްލުމަށް ކުރަމުން އަންނަ މަސައްކަތުގައި އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ބަހެއް އޮންނަން ޖެހޭނެ ކަމަށް އިނގިރޭސި ވިލާތުން މިއަދު ބުނެފި އެވެ.
ބީބީސީން ބުނެފައިވާ ގޮތުގައި މި މަހުގެ 20 ވަނަ ދުވަހު ޓްރަމްޕް މަގާމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން މޮރިޝަސް އަށް ޗާގޯސް ދޫކޮށްލުމުގެ އެއްބަސްވުން ފައިނަލްކޮށް، ސޮއިކުރުމަށް މަސައްކަތްކުރި އެވެ. އަދި މިއަދު މޮރިޝަސްގެ ކެބިނެޓުން އެ އެއްބަސްވުމަށް ރުހުން ދިނުމަށް ވެސް އޮތީ ނިންމައިފަ އެވެ.
އިންޑިއާ ކަނޑުގައި އެތައް ރަށެއްގެ މައްޗަށް އެކުލެވޭ މި ރަށްތަކުގެ ސިޔާދަތީ ބާރު އިނގިރޭސިވިލާތުން މޮރިޝަސްއާ ހަވާލުކުރަން ނިންމާފައި ވިޔަސް އޭގެ ތެރެއިން އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާގައި އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން އަސްކަރީ އެއާބޭސް ހިންގަން 99 އަހަރަށް ކުއްޔަށް ދޭން އޮތީ ނިންމައިފަ އެވެ.
ބޮޑުވަޒީރު ކިއާ ސްޓާމާގެ ތަރުޖަމާނު ވިދާޅުވީ ކޮންމެ އެއްބަސްވުމެއް ނަމަވެސް "އޭގެ ތަފްސީލާ މެދު އެމެރިކާ ސަރުކާރުން ވިސްނައި އެކަމުގައި ބަހެއް ބުނަން ފުރުސަތު ދިނުމަކީ ކޮންމެ ގޮތަކުން ބެލި ނަމަވެސް އެންމެ ރަނގަޅު ގޮތް" ކަމަށެވެ.
މި އެއްބަސްވުމަކީ އެމެރިކާގެ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތުގެ ސިޔާސީ ބޭފުޅުންގެ އިތުރުން އެމެރިކާގެ އާ ސަރުކާރުގައި ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް ވަޑައިގަންނަވާ މާކޯ ރޫބިއޯ ވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ.
މޮރިޝަސްގެ ބޮޑުވަޒީރު ނަވީން ރަމްގޫލަމް ކެބިނެޓުގެ ބައްދަލުވުމެއްގައި މިއަދު އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް ކުރިން ބެލެވިފައި އޮތަސް ފަހުން ވަނީ އޭނާގެ ބަންޑާރަ ނައިބު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ލަންޑަނަށް ވަޑައިގަންނަވާކަން އިއުލާނުކުރައްވައިފަ އެވެ.
އިނގިރޭސި ވިލާތުން 1965 ވަނަ އަހަރު ޗާގޯސް އައިލެންޑްސް ނުވަތަ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީގެ ކޮންޓްރޯލް ނެގީ އޭރު އިނގިރޭސި އިސްތިއުމާރުގެ ދަށުގައި އޮތް މޮރިޝަސް އަށް މިނިވަންކަން ދިނުމަށް ހެދި ޑީލެއްގެ ތެރެއިންނެވެ. މޮރިޝަސް އަށް 1968 ވަނަ އަހަރު އިނގިރޭސިން މިނިވަންކަން ދިން ނަމަވެސް ޗާގޯސްގެ ރަށްތައް ދޫކޮށެއްނުލަ އެވެ. އަދި އެތަނުގައި އޭރު އުޅުނު 1،000 އަށް ވުރެ ގިނަ މީހުން ބޭރުކޮށް، ޑިއޭގޯ ގާސިއާގައި އަސްކަރީ މަރުކަޒު ހަދަން ނިންމި އެވެ.
ޗާގޯސް އަކީ މޮރިޝަސްގެ ރަށްތަކެއް ކަމަށް އެ ގައުމުން ދައުވާކުރާއިރު، އދ.ގެ އެންމެ މަތީ ކޯޓުން އިސްތިޝާރީ ލަފައެއްގައި ވަނީ އިނގިރޭސިވިލާތުން އެ ރަށްތަކަށް ބާރު ހިންގުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމަށް ބުނެފަ އެވެ.
އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި މި މައްސަލައިގައި ސުވާލު އަމާޒުވުމުން ބޮޑުވަޒީރު ކިއާ ވަނީ އަސްކަރީ މަރުކަޒު ސަލާމަތްކުރަން އެންމެ ރަނގަޅު ގޮތަކީ މޮރިޝަސް އަށް ޗާގޯސް ދިނުން ކަމަށް ވިދާޅުވެ ނިންމުން ދިފާއުކުރައްވައިފަ އެވެ.
ނަމަވެސް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބަޑެނޯޗް ވިދާޅުވީ ބޮޑުވަޒީރު ގެންދަވަނީ "އިނގިރޭސި ވިލާތުގެ ބިންތައް ދޫކޮށްލުމަށް ސިއްރު އެއްބަސްވުމެއް ހެދުމަށް މަޝްވަރާ ކުރައްވަމުން" ކަމަށާއި އެ "ލަދުވެތިކަމުގެ އަގު ގައުމުގެ ޓެކްސް ޕޭޔަރުން އަދާކުރަންޖެހޭނެ" ކަމަށެވެ.
ބަޑެނޯކް ވިދާޅުވީ ޗާގޯސް އަކީ އިނގިރޭސިންގެ ސަރަހައްދެއް ނޫން ކަމަށް ބަލައި އެތަން ދޫކޮށްލެވޭ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި ބޮޑުވަޒީރު އަވަސްއަރުވާލައިގެން ނިންމަވަން އުޅެނީ ވަރަށް ނުރައްކާތެރި އެއްބަސްވުމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާކިހާ
18 January 2025
ޓުރަންޕު ޔޫކޭ ސަރުކާރުގަ ތި ފޯޅަވަހި މާލޭ މީހުނާ ހަވާލުކުރަން އަންގައިފިއްޔާ،،،، ދެން ޔޫކޭ ސަރުކާރުރައް ކެރޭނެތަ ފޯޅަވަހި މާލޭ މީހުނާ ހަވާލުކުރަން.؟؟؟؟
ޖަވާބެއް ބޭނުން
16 January 2025
މޮރިޝަސް އާ މާދުރުގައި އޮތް ޗާގޯސްއަކީ ކޮންއިރަކު މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްތަނެއްބާ؟ މޮރިޝަސްގެ ކޮން ވެރިކަމެއްގައި ކޮން ޒަމާނެއްގައިތޯ ޗާގޯސްގައި މޮރިޝަސް ވެރިކަން ކުރީ. އިނގިރޭސިން ޗާގޯސް ފޭރިގަތީ މޮރިޝަސްގެ ވެރިކަން އެތާ އޮއްވާތޯ؟ ފޭރިގަތް އެއްޗެއް އެހެން ބަޔަކަށް ދިނީމާ އެ ބައެއްގެ އެއްޗަކަށް ވާނެތޯ؟ ޗާގޯސް މީހުން މޮރިޝަސްއަށް ގެންދިޔައިމާތޯ ޗާގޯސް މޮރިޝަސްގެ ތަނަކަށް ވަނީ.؟ އެނގޭ ކުއްޖަކު ޖަވާބު ދީބަލަ
އިކްތިސޯދު
16 January 2025
މިކަމުގަ ޑޮނަލްޑުގެ ބަހެއް މުހިއްމެނޫ، ރައީސް މުއީޒް ވިދާޅުވީ ޗާގޯސް އަކީ ދިވެހިޖުމްހޫރިއްޔާގެ އިހްތިސޯސުގެ ބައެކޭ.
ހޯޅަވަހި
16 January 2025
ޗާގޯސްގެ އަށް މޮރިޝަސް ސިޔާދަތީ ބާރު އޮތްކަމަށް ބުނާ ބުނުން ބިނާވެފަައި އޮތީ ހަމައެކަނި ފްރެންޗް އަދި ބްރިޓިޝް އިސްތިއުމާރު ދުވަސްވަރު މޮރިޝަސް މެދުވެރިކޮށް ޗާގޯސް ބެލެހެއްޓުމާއި ޗާގޯސް ގައި ފްރެންޗުން ވަޒަންވެރިކުރުވި ކަޅު ނަސްލުގެ އަޅުންގެ މަދު ބަޔަކު މޮރިޝަސް އަށް ބަދަލުކުރިކުރުމެވެ. މި ނޫން އެހެން ކަމެއް ނެތެވެ. ދިވެހިންނަށް މިއަަށްވުރެ ފުރިހަމަ ދަޢުވާ އެއް ކުރެވެން އޮތެވެ. ބޮޑު ޖަވާހިރެއް ގެއްލުމުގެ އިތުރަށް ކަނޑުގެ ބައެއް ވެސް ގެއްލުނީއެވެ.
1
15 January 2025
ޓުރަންޕަކީ ކާކު؟ ހޯދަންޏާ ހޯދަބަލަ މުއިއްޒުގެ ބަސް އެސްޓޯނިއާއިން އޭނާ އެނބުރި އައީމާ.
ވޮޗްމޭން
15 January 2025
އޮނަރަބަލް އަފީފް މެން ނިކުމެ ފަޅޯވައްސާ އައްޑޫއާއި ކިހާ ކައިރިކަމާއި ދިވެހިރާއްޖެއަށް ޗައިނާ އަތް ގަދަ ކުރުމުންދާއިރު އެމެރިކާއަށް އެކަމުން އޮތް ނުރައްކާ ޓްރަމްޕަށް ކިޔާދޭންޖެހޭ. ޓްރަމްޕް ވަގުތުން ވަގުތަށް ހުވަދޫ - ފަޅޯވަހި ދެމެދު ދިވެހިރާއްޖެއިން ގަންނަން ހުށަހަޅާނެ ޔުނައިޓެޑް ސުވާދީން އައިލެންޑްސް ހަދަން. ނުވިއްކާފިއްޔާ އޭނަ ހަތިޔާރުވެސް ނަގަން ތައްޔާރުވާނެ. މީ އޮނަރަބަލް އަފީފް ދެކޭ ހުވަފެން ހަގީގަތަކަށް ހަދަން ލިބޭ އެންމެ ރަނގަޅު ފުރުސަތު.
ވޭމަންޑޫ
15 January 2025
އޭޝިއާގެ ބައެއް އިގިރޭސިން ބަނޑު ފަޅާލައިގެން މިއުޅެނީ ޓްރަމްޕުގެ ބަހެއް އޮންނާނީ އެމެރިކާގަ. މިކަމުގައި އޭޝިއާގެ ޤައުމުތަކުން ގޮތް ނިންމަންޖެހޭނީ. އިނގިރޭސިވިލާތް އެމެރިކާ އދ. ބެހޭތަނެއް ނޫންމީ. ޗާގޯސް އަކީ ދިވެހިންގެ ބިމެއް އިގިރޭސިން ޗާގޯސްގަ ތިބި ދިވެހިންނަށް ހެދި ގޮތެއް ސާފްކޮށް ދޭންޖެހޭނެއެވެ އިގިރޭސިން މަލިކުވެސް އިންޑިޔާ އަށް ދިނީ. މީ އިގިރޭސިންނާ އޭސިޔާއަށް ބާރުފޯރުވާނީ އޭސިޔާގެ ގައުމުތަކުން އެމެރިކާ އދ އިގިރޭސިންނާ ބެހޭތަނެއްނޫން.!!