ރައީސް މުއިއްޒު މިދިޔަ އަހަރުގެ ސެޕްޓެމްބަރު ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ އެކު އދ. ގެ މައި މަރުކަޒުގައި.--ފޮޓޯ: ރައީސް އޮފީސް
16 ޖެނުއަރީ 2025 - 07:18
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވާން މެދުވެރިވި ފަރާތްތަކުގެ އަގު ވަޒަން ކުރައްވާ ކަމަށާއި އެކަމަކު ފަލަސްތީނުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު އިޒްރޭލުން ދޭން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށާއި ހަމާސް އިން ރަހީނު ކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމަށް ދެ ފަރާތުން އެއްބަސްވުމާ ގުޅިގެން ރޭ "އެކްސް" ގައި ރައީސް މުއިއްޒު އެކަމުގެ ހިތްހަމަޖެހުން ފާޅުކުރެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި، 15 މަސް ވަންދެން މެދުކެނޑުމެއް ނެތި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދިޔަ ޖަރީމާތައް ހުއްޓާލަން އެއްބަސްވުމަކީ އެ މަނިކުފާނުގެ ހިތްޕުޅަށް ހަމަޖެހުން ލިބިވަޑައިގެންނެވި ކަމެއް ކަމަށެވެ.
"އެ ކަމަށް މެދުވެރިވި ހުރިހާ ފަރާތްތަކުގެ އަގު ރާއްޖެ އިން ވަޒަންކޮށް އެ ކަން ފާހަަގަކުރަން،" ރައީސް ވިދާޅުވި އެވެ.
އެކަމަކު، ރައީސް މުއިއްޒު އެންމެ ބޮޑަށް ބާރު އެޅުއްވީ، ހަމަލާތައް ހުއްޓާލުމަށް ނިންމި ނިންމުން ދެމެހެއްޓުމަށާއި ގެދޮރު ގެއްލިފައިވާ މީހުންނަށް އެ މީހުންގެ ވަޒަނަށް އަނބުރާ ދެވޭނެ ފުރުސަތު ފަހިކޮށްދިނުމަށެވެ. އެކަން ކަމާ ބެހޭ ފަރާތްތަކުން ކަށަވަރު ކުރުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ.
އިންސާނީ އެހީ އަށް ފުރުސުތު ދިނުމަށް، ބައިނަލްއަގުވާމީ މުޖުތަމައުގެ ކިބައިން އެ ރައީސް އެދިވަޑައިގަތެވެ. އަދި އިޒްރޭލުން ފަލަސްތީނަށް ދިން ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލުދޭން ޖެހޭނޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ފަލަސްތީނަށް ލިބުނު ގެއްލުމުގެ ބަދަލު ދޭން އިޒްރޭލަށް އަޅުގަނޑުމެން ގޮވާލަން. އަދި އިޒްރޭލުން ދިން ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކާއި ބިންތައް، އަލުން އާރާސްތުކުރުމަށް ބޭނުންވާ އަވަސް އެހީ ފަލަސްތީނަށް ފޯރުކޮށްދޭން ބައިނަލްއަގްވާމީ ފަރާތްތަކުގެ ކިބައިން އެދެން،" ރައީސް ވިދާޅުވި އެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި މި ސަރުކާރުން އަދި ރައީސް މުއިއްޒު އެކިއެކި ޕްލެޓްފޯމްތަކުގައި ވަރަށް ގިނަ ވާހަކަފުޅުތައް ވަނީ ދައްކަވައިފަ އެވެ. އދ ގެ ސަލާމަތީ މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ވަނީ ގައުމަކުން އިންސާނީ ހައްގުތަކަށް އަރައިގަންނަ އިރު، އެކަން ތަހައްމަލުކޮށްގެން ތިބެގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އެފަދަ ހާލަތެއްގައި، އެ ގައުމެއްގެ ކުޑަބޮޑު މިނަކީ ނުވަތަ އެ ގައުމެއްގެ މުއްސަނދިކަމަކީ ބަހަނާއަކަށް ވެގެން ނުވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައި ވެ އެވެ.
ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރުމުގެ ފުރަތަމަ މަރުހަލާގައި ހަމާސް އިން އިޒްރޭލުގެ 33 ރަހީނަކު މިނިވަންކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އޭގެ ބަދަލުގައި ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު އިޒްރޭލުގެ ޖަލުތަކުން މިނިވަން ކުރާނެ އެވެ.
ގައިދީން މިނިވަންކުރުމަކީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ އެވެ. ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތައް ފަށާނީ ދެ ފަރާތުން ގައިދީން މިނިވަންކޮށް ނިންމުމަށް ފަހު، އެއްބަސްވުން ތަންފީޒުކުރަން ފަށާތާ 16 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަށާޖެހިފަވާ އެމެރިކާގެ ދުނިޔެ
17 January 2025
ސައުދީ ގަތަރު ކުވައިތު އެކަނި ވެސް ފަލަސްތީން އާރާސްތު ކުރެވޭނެ، އެހެންނަމަވެސް އެމީހުން ވެސް ވެރިކަންތަކުގަ އެތިބެނީ އެމެރިކާއަށް ޖިޒްޔަ ދީގެން ގޮތަކަށް.
ޢަޑު
16 January 2025
ފުރަތަމަ ރައްޔިތުންނަށް ބަދަލު ދީބަލަ. އޭގެފަަހުން އެކަންތަކާއުޅޭ. މިއުޅެނީ ސަރުކާރު މަސައްކަތެއް ކޮށްފިއްޔާ އެތައްމަހެއްވާއިރުވެސް ފައިސާކޮޅު ނުލިބިގެން. މިހެން ހެދުމުން ރައްޔިތުންނަށް ގެއްލުމެއް ނުވޭތަ؟ އެކަމަކު އެންމެ ދުވަހެއް ލަސްވިޔަސް ޖޫރިމަނާއޭކިޔާ ރައްޔިތުމީހާގެ ފައިސާކޮޅު ކަޑާލާ. އެކަމަކު އެތައް ދުވަހެއް ފަހުން ސަރުކާރުން ފައިސާދިނަސް ސަރުކާރަށް ހީވާކަހަލަ ރައްޔިތުމީހާއަށް ގެއްލުމެއްނުވާނޭ. ބަދަލެއްވެސް ނުލިބޭ
ބާރުން ހައްގު ލިބެން އޮތީ
16 January 2025
ޢައްބާސް ބޭ... ބަދަލު ޖެހޭނީ ހޯދަން ހަމަ ބާރުން..އެމީހުނަށްވުރެ މުސްލިމުން އެތައްހާސް ގުނައެއް އިތުރު.. 46000 އަށްވުރެ ގިނަ ފުރާނަ ދުއްވާލި އިރު ޢަރަބި ވެރިން އެތިބީ ގަހުވަ ބޯން..
ނިޝާމްް
16 January 2025
ވަރަށް ތާއިދް. ގެއްލުމުގެ ބަދަލު ބޮޑުކޮށް އިޒްރާއިލުން ދޭންޖެހޭނެ. އަދި މިކަމާ އެހެންގައުމްތަކުގެ ވެރިންނާ މަޝްވަރާކޮށް ކަންކަން ކުރުން މުހިންމު.
ވަސީމާާ
16 January 2025
އަޅުގަނޑު ފަހުރުވެރިވަން ރާއްޖޭގެ ރައީސުލްޖުމޫހުރިއްޔާ ފަލަސްތީނުގެ ކަންކަމުގައި ގެންގުޅުއްވި ވަރުގަދަ ސްޓޭންޑަށް.
ވަސީމާމާ
16 January 2025
ސްޓޭންޑު ވަރުގަދަވީވީނުން ގޮސް ޕާސްޕޯޓު މަނާކުރާތާ އަހަރުވެގެން މިދަނީ؟؟؟؟
ޒުލޭޚާ-
16 January 2025
ތީގެ ވާނުވާއެއް ނޭންގޭ އެމެރިކާއިން ހަތިޔާރު ޝިޕްމަންޓްތަކާއި އެއްޗެތި ކޮންމެ ދުވަހަކު އޮއްސަނީ އިޒްރޭލުން ޖެނަސައިޑް ކުރަނީ ކާމިޔާބް ވެއްޖެ ކަން އިއުލާން ކުރީ ހަމާސުން.،
ޯގަޅިބޭ
16 January 2025
2023 އިން ފެށިގެން އިޒްރޭލާއި އެމެރިކާއިން ޖެނޯސައިޑް ކުރަނީ މީ 2025. ހަމާސްއިން ކާމިޔާބް އިއުލާނުކޮށްފި. މޮޅުވީ ހަމާސް. ޔަހޫދީން ބަލިވެއްޖެ.
ބަހުލޫލު
16 January 2025
ވަރަށް ފަސޭހަ ޖަވާބެއް. އަދި، އެންމެ ރަނގަޅުވީމުސް މިގޮތަށް ބުނިނަމަ. ލިބުނު ގެއްލުމުގެ ބަދަލު އިޒްރޭލުން ދޭންޖެހޭނެ. ނަމަވެސް އިޒްރޭލް މީހުންގެ ޕާސްޕޯޓްގައި އަންނަ މީހުން އައުމެއް ދިވެހިރާއްޖޭގެ ސަރުކާރަކުން މަނަލެއް ނުކުރާނެ.
ހަވަނަ
16 January 2025
މަހުމޫދު އައްބާސްއައްތަ ދޭންވީ ބަދަލު.. ފަލަސްތީނުގެ ހަލާކު..
ޑީިޑީި
16 January 2025
ރައީސް ގޮވާލައްވައިފިއްޔާ ވަރަށް ގިނަ ކަންކަން ވާކަން ފާހަގަކުރެވޭ.