ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި އަޑު އުފުލަނީ. -- ފޮޓޯ: އޭއެފްޕީ
15 ޖެނުއަރީ 2025 - 22:17
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށާއި ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމަށް ދެ ފަރާތުން އެއްބަސްވެއްޖެ އެވެ.
އެއްބަސްވުމާ ބެހޭ މައުލޫމާތު އެނގިވަޑައިގަންނަވާ އޮފިޝަލަކު މިކަން އޭއެފްޕީ އަށް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
"ޣައްޒާގެ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވީ ގަތަރުގެ ބޮޑުވަޒީރު ހަމާސްގެ މަންދޫބުންނާއި އިޒްރޭލުގެ މަންދޫބުންނާ ވަކިވަކިން ބޭއްވެވި ބައްދަލުވުންތަކަށް ފަހު،" ނަން ހާމަ ނުކުރަން ޝަރުތުކޮށް އޭއެފްޕީއާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.
އޭގެ ފަހުން އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް ވިދާޅުވެ މަރުހަބާ ވިދާޅުވެފަ އެވެ.
ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެއްޖެ ކަމުގެ ޚަބަރާ އެކު ޣައްޒާގައި އާންމުން ދަނީ އުފާ ފާޅުކުރަމުންނެވެ.
އެއްބަސްވުން ތަންފީޒުކުރުމުގެ ފުރަތަމަ މަރުހަލާގައި ހަމާސް އިން އިޒްރޭލުގެ 33 ރަހީނަކު މިނިވަންކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އަދި އޭގެ ބަދަލުގައި ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު އިޒްރޭލުގެ ޖަލުތަކުން މިނިވަންކުރާނެ އެވެ.
ގައިދީން މިނިވަންކުރުމަކީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ އެވެ. ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތައް ފަށާނީ ދެ ފަރާތުން ގައިދީން މިނިވަންކޮށް ނިންމުމަށް ފަހު، އެއްބަސްވުން ތަންފީޒުކުރަން ފަށާތާ 16 ވަނަ ދުވަހު އެވެ.
ޣައްޒާގެ އުތުރު ސަރަހައްދުން ނެރެލާފައިވާ ފަލަސްތީނުގެ އާންމުން އެނބުރި އެ ސަރަހައްދަށް ދިއުމުގެ ހުއްދަ ވެސް އެއްބަސްވުމުގެ ދަށުން ލިބޭނެ އެވެ. އިޒްރޭލުގެ ހިސާރުކުރުމާ ހެދި ކާބޯތަކެއްޗާއި އަސާސީ އެހެނިގެން ސާމާނު ވެސް ހުސްވެފައިވާ ޣައްޒާއަށް މި އެއްބަސްވުމުގެ ދަށުން އިންސާނީ އެހީ ވެސް ގިނަ އަދަދަކަށް ފޯރުކޮށްދޭން ޖެހޭނެ އެވެ.
އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި އިޒްރޭލު ސިފައިން ފަލަސްތީނުގެ އާންމުންގެ ސަރަހައްދުތަކުން ފައިބަން ފަށާނެ އެވެ. އެކަމަކު ޣައްޒާ-މިސްރު ބޯޑަރު ކައިރީ އަދި ތިބޭނެ އެވެ. މީގެ އިތުރުން އިޒްރޭލުން ޣައްޒާ ތެރޭގައި ބަފަ ޒޯނެއް ވެސް ގާއިމުކުރާނެ އެވެ. މިއީ އެއްބަސްވުމަކަށް އައުމުގައި އެންމެ ބޮޑު މައްސަލައަކަށްވި ކަންތަކެވެ.
ހަމާސް އިން އިޒްރޭލު އަންހެން ސިފައިންގެ ފަސް މީހަކު މިނިވަންކުރަން ނިންމާފައި ވާއިރު އެ މީހުންގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ 50 މީހަކު ދޫކޮށްލަންޖެހޭނެ އެވެ. މީގެ ތެރޭގައި އިޒްރޭލުގެ ކޯޓުތަކުން ކުށްވެރިން ކަމަށް ކަނޑައަޅައި އުމުރަށް ޖަލަށް ލާފައިވާ 30 މީހަކު ވެސް ހިމެނެ އެވެ.
އެއްބަސްވުމުގެ ފުރަތަމަ މަރުހަލާއިން ބޭރުން ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. ނަމަވެސް އޮފިޝަލުން ވިދާޅުވެފައިވަނީ އިޒްރޭލުން ބޭނުންވަނީ ހުރިހާ ރަހީނުން ސަލާމަތްކުރަން ކަމަށާއި އެހެންވެ ހެޔޮ ނިޔަތުގައި އެއްބަސްވުމުގެ ދެ ވަނަ މަރުހަލާ ކަމަށްވާ ހަމަލާތައް ހުއްޓާލުމާ ހަމަޔަށް ދާނެ ކަމަށެވެ. މިކަމުގެ ނަތީޖާ އަކީ ޣައްޒާއިން އިޒްރޭލުގެ ހުރިހާ ސިފައިންނެއް ފޭބުން ކަމުގައި ވެސް ވެދާނެ ކަމަށް ބައެއް އޮފިޝަލުން ވިދާޅުވި އެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށީ އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ހަމާސް އިން ދިން ކުއްލި ހަމަލާތަކަށް ފަހުގަ އެވެ. އިޒްރޭލުގެ ހާހަކަށްވުރެ ގިނަ މީހުން މަރާލައި 250 އަށް ވުރެ ގިނަ މީހުން އެ ހަމަލާތަކުގައި ރަހީނުކުރި އެވެ.
ބަދަލު ހިފުމަށް އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 46،645 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. އަދި 110،000 އަށް ވުރެ ގިނަ މީހުންނަށް ބޮޑެތި ޒަހަމްތައް ލިބިފައިވާ ކަމަށް ވެސް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޖެނޮސައިޑް ކޮންވެންޝަނާ ހިލާފް އަމަލުތައް ހިންގާ ކަމަށް ބެލެވޭ ކަންކަން ހުރުމުން އެފަދަ އަމަލުތައް ވަގުތުން ހުއްޓާލައި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދޭން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވެސް ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އަމުރު ނެރެފަ އެވެ. އަދި އޭގެ ފަހުން ވެސް މިފަދަ އަމުރެއް ނެރެފައި ވާއިރު މިއިން އެއްވެސް ކަމަކަށް އިޒްރޭލު ތަބައެއް ނުވެ އެވެ. މި އަމުރުތަކަށް ބޯ ނުލަނބާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރަން ވެސް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޭމަންޑޫ
16 January 2025
އަލްހަމްދު ލިއްލާހި ﷲ ހަމްދުކުރަން މީ އެމެރިކާއިން ފޮރުކޮއްދޭ ހަތިޔާރު އުފައްދާ ކާރުހާނާއަށް ގޮތް ނޭގޭ މަސްސަލަ ތަކެއް ދިމާވެގެން ހައްލުނުކުރޭ ހިސާބަށް ދިއުމުން ހަތިޔާރު މަދުވުމުގެ ސަބަބުން ހަތިޔާރު ނޫފެއްދޭތީ ހުއްޓާލަނީ އަނެއްކާވެސް ހަތިޔާރު އިތުރުވާތަނުން ފަށާނެއެވެ މަމިހެން ބުނީތީވެސް ބަލަންތިބޭތި މީމިވަގޮތަކީ އޮޅުވާލެވޭނީ ލެވޭމީހުން ކައިރީގައި މީހަމާސްއިން ހަމަލާތައް ދޭންވި ވަގުތު ޔަހޫދީން ފުޑާލެވޭނެ މިވަގުތު ހަމަލާތައް ދީފިއްޔާ ހަމަސްއިން
އަސަރު68
16 January 2025
46645 މީހުން ޝަހީދުކޮށް މުޅި ގައްޒާ ބިމާ ހަމަވީމަ، ދެން އިތުރަށް ކުރާނެކަމެއް ނޯންނާނެ. މިހާރު އިޒްރޭލުން އެވަނީ އެތަނުން ނުކުންނާނެ ގޮތެއް ނޭނގިގެން. ކޮންމެހެން ސުލްހަވެ ހަނގުރާމަ ހުއްޓާކަށް ނޫން. ޔަހޫދީންނަކީ ކޮބައިކަން މަމެންނަށް އެނގޭ. ދެފަހަރު ދެގޮތަށް ބުނުމާ އެއްބަސްވާގޮތާ ޚިލާފަށް ކަންކުރުމަކީ އެމީހުންގެ އާދަ. ކަށީގާ ހިފާފާވާކަމެއް. މުސްލިމުންމަރާ ތިޔަނުލަފާ ޖައްބާރުންނަށް ވޭންދެނިވި ގެއްލުމާ އަނިޔާ ލިބޭނޭގޮތް މިންވަރުކުރައްވާށި. އާމީން.
ޞޮހޮލާ އިދުރީސީ
16 January 2025
ޢިދުރީހުގެ ފުއްކިބައިގަ ހުރި ލޮލައް ފެންނަ ގޮތް ކަމަށް ވެދާނެ ..
ވަސް
16 January 2025
އިޒްރޭލޭ ތިޔަ ކިޔާ ބައިގަނޑަށް އިތުބާރެއް ނުކުރަން!
މެޓްރިކްސް ހުސެއިނާ
16 January 2025
މާދަމާ މަޖްލިސް ޖަލްސާ އެއް ބާއްވާފައި އިޒްރޭލް ޕާސްޕޯޓް މަނާ ކުރާބިލް ވެސް ބޭރުކޮށްލަން ވާނެ.. މިހާރު ދެން ބިލް ގެ ބޭނުމެއް ނެތޭ ކިޔާފައި..
ފަލަސްތީނަށް ހަޤީޤީ މިނިވަންކަން ލިބެންޖެހޭ
16 January 2025
އިޒްރާއީލްއަކީ މިހެންވާ އެއްވެސް އެއްބަސްވުމަކަށް އަމަލުކުރި ބައެއްނޫން. ދެންވެސްއަމަލެއްނުކުރާނެ. ގާޒާގެ އިމާރާތްތައްއޮތީ ބިމާހަމަކޮށްފައި. އިންސާނުންނަށް ދިރިނޫޅެވޭނެވަރަށް އަސާސީ ޚިދުމަތްތައްފުނޑާލާފައި. މިއީ ފަލަސްތީންގެ ރައްޔިތުންނަށް ވަގުތީގޮތުން ލިބޭނެހިތްހަމަ ޖެހުމެއް. ހަމަދުވަސްކޮޅަކުން ފަލަސްތީންގެ ރައްޔިތުން އެމީހުންގެ އަމިއްލަގެދޮރުން / ބިންތަކުންނެރި ހާލުގައި ޖައްސާނެ، ހައްޔަރުކޮށް ޖަލަށް ލާނެ. އަރަބި ވެރިން ފަލަސްތީނަށް ހެވެއްނޭދޭނެ
ޖުއްބާ
16 January 2025
ޝުކުރިއްޔާ ރައީސް ޑޮނަލްޑް ޓްރަމްޕް!!!
އިދްރީސް
16 January 2025
45000 މީހުން މަރުވުމަކީ ކާމިޔާބެއްނޫން. 1200 މީހުން، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން މަރާ ރަހީނުކުރުމަކީ އިސްލާމީ ގޮތްކަމަށް ޤަބޫލުކުރަން ދަތި. ގެއްލިފައިވާ ފަލަސްޠީނުގެ ބިން އަނބުރާހޯދުމަށް އެއަށްވުރެ ރަނގަޅުގޮތެއް ހޯދަންޖެހޭ. އެގޮތެއް ފެންނަންދެން ރައްޔިތުންނަށް ފައިދާވެ، ސުލްޙަވެރިކަމާއި ރައްކާތެރިކަމާއެކު ދިރިއުޅުމަކީ ދީން ބާރުއަޅާގޮތް ނޫންބާ؟
ބިދުރީސް
16 January 2025
ކެކެ. ގޮތް ފެންނަންދެން ތިބެ މަޑުމަޑުން މަރުވަމުން ގޮސް މަރުވެ ހުސްވަންދެން ތިބުމަކީ މާމޮޅު ގޮތެއްނޫން. ޖަލެއްހެން ބަންދުކޮށްގެން ކާއެތިކޮޅުވެސް ބަލާ ފާސްކޮށްފައި ނޫނީ ނެވެއްދޭ ހާލަތެއްގައި ތިބި ބަޔަކަށް އެއްއަހަރު ވަންދެން ހަމަލާ ދީގެންވެސް ކާމިޔާބެއް ނުލިބުމަކީ ވަރަށްބޮޑު ޖޯކެއް. އިސްރާއީލުގެ ޖަލުތަކުގައި ކުޑަކުދިން ރަހީނުކޮށްގެން އެތައް އަހަރަކު ގެންގުޅެންވީމަ އޯކޯ. އައްޒާ މީހުން އިސްރާއީލުގެ ބަޔަކު ރަހީނު ކުރީމަ ހަޖަމެއް ނުވޭ.
ލަކުޑިބޯ
16 January 2025
ތިދައްކަނީ އޯޕަން އެއާ ޕްރިޒަން އެއްގައި ތިބި ސެކްންޑް ކްލާސް ސިޓިޒެންސްގެ ދަރަޖާއިގައި އުޅޭ ބައެއްގެ ވާހަކަ. 15 މަސް ދުވަހުން މުޅި ދުނިޔެއަށް ހުއްޓުވަން ނުކުޅެދުނު ކަމެއް ކިހިނެއް ތިބުނާހެން ހައްލުވާނީ. އެމެރިކާ ބޭނުން ވުމުން އެހުއްޓުނީ. ހަނގުރާމަކޮށް ބޭރުކޮށްގެން ނޫން ގޮތަކަށް އިސްރާއީލުން ފަލަސްތީނުގެ އޮކިއުޕައިޑް ލޭންޑްވެސް ދޫނުކުރާނެ. ޔަހޫދީންގެ ވާހަކަ ތިދައްކަނީ.
އަލީ ބަސީރު2
15 January 2025
އެވަރު ކަމެކޭ! ދެބައިމީހުން ތިޔަ ތަޅާފޮޅަނީ! ބަސްއަހައިގެން ރީތިކޮށް އުޅެބަލަ!
ކަސީރު
16 January 2025
ދެން އަނެއްކާވެސް ޖަލެއްހެން ބަންދުކޮށްގެން ކާއެތިކޮޅުވެސް ޗެކްކޮށްފައި ނޫނީ ނުވެއްދޭ ހާލަތުގައި ޢައްޒާކެ ރައްޔިތުން ތިބެންވީ؟ ތިވިސްނަނީ އޮކްޓޯބަރ ހަތަކާއި އަމައަށް.
ދޮޅި ހުސޭނު
15 January 2025
މިހާ އުފާވެރި ހަބަރެއް އަދި މިއަހަރަކު ނުލިބޭ. މިއީ އަހަރު ފެށުމުގެ ގޮތުން ލިބުނު އެންމެ އުފާވެރި ހަބަރު