ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން އިސްނަގައިގެން އެކުލަވާލާފައިވާ ސުލްހައިގެ ޕްލޭނައިގެން ކުރިއަށްދާން ތައްޔާރަށް އޮތްކަން ހަމާސްއިން ހޮނިހިރު ދުވަހު އަނެއްކާވެސް ޔަގީންކޮށްދީފި އެވެ. އަދި އެއްބަސްވުމުގެ ފަހުގެ މަރުހަލާތަކަށް އިޒްރޭލުން އެއްބަސްވެފައިނުވާތީ، އިޒްރޭލަށް ޕްރެޝަރު ކުރުމަށް ހަމާސްއިން ވަނީ ގޮވާލައިފަ އެވެ.

ހަމާސްއިން އިން ވަނީ އެއްބަސްވުމުގެ މިހާރު ކުރިއަށް ހުރި މަރުހަލާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޣައްޒާގައި އުފައްދާ ފަލަސްތީނުގެ އާ ވެރިކަންކުރާ ކޮމިޓީއަކާ ހަތިޔާރު ހަވާލުކުރުމަށް ތައްޔާރަށް އޮތްކަން އަންގައިފަ އެވެ.

"ހަމާސް އާއި ފަލަސްތީނުގެ އެހެން ޖަމާއަތްތަކުން ވަނީ، އިޒްރޭލުން އެއްބަސްވުމަށް އަމަލުކުރަން ފެށުމުން، ސުލްހައިގެ ދެވަނަ މަރުހަލާ ތަންފީޒުކުރަން ތައްޔާރަށް ތިބިކަން މެދުވެރިންނަށް ކަށަވަރުކޮށްދީފައި،" ނަން ހާމަނުކުރުމަށް އެދި ހަމާސްގެ މަސްއޫލުވެރި އަކު އޭއެފްޕީއަށް ވިދާޅުވި އެވެ.

އިޒްރޭލުން އެއްބަސްވުމަށް އަމަލުކޮށް، ދެވަނަ މަރުހަލާއަށް ދިއުމަށް މަޖުބޫރުކުރުވުމަށް އެމެރިކާ ސަރުކާރުން އިޒްރޭލަށް ޕްރެޝަރު ކުރުމަށް ވެސް އެ މަސްއޫލުވެރިޔާ އެދިވަޑައިގަތެވެ.

އިޒްރޭލުގެ އާންމު އިންތިހާބު އޮކްޓޫބަރު މަހު ބާއްވާއިރު އެ އިންތިހާބުގައި ވާދަކުރާ އަދި އިޒްރޭލުގެ ކަނާތުފިޔައިގެ ސިޔާސީ ފަރާތްތަކުގެ ބޮޑު ނުރުހުމެއް އަމާޒުވެފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންގާރަ ދުވަހު ވަނީ ޓްރަމްޕުގެ ބޯޑް އޮފް ޕީސްއި ން ހުށަހެޅި "ޑްރާފްޓް" އެއްބަސްވުމަށް އިޒްރޭލުން އެއްބަސްވެފައި ނުވާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް، ޓްރަމްޕް މިދިޔަ ހަފްތާގައި ވަނީ ހަމާސްއިން ހަތިޔާރު ބެހެއްޓުމަށް އެއްބަސްވުމަކީ ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. އަދި ބޯޑް އޮފް ޕީސްއިން ބުނެފައިވަނީ ހަމާސްއިން ހަތިޔާރު ބެހެއްޓުމާ އެކުއެކީގައި، އިޒްރޭލުން ޣައްޒާގެ ބޮޑު ސަރަހައްދަކުން ފައުޖުތައް ބޭރުކުރާނެ ކަމަށެވެ.

އޭގެ ފަހުން، ހޯމަ ދުވަހު ނަތަންޔާހޫ ވަނީ ބޯޑް އޮފް ޕީސްއިން ޣައްޒާއަށް ކަނޑައަޅާފައިވާ ހައި ރެޕްރެޒެންޓެޓިވް ނިކޮލާއި މްލަދެނޯވްއާ ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުމަށް ފަހު ނަތަންޔާހޫ ބުނީ އިޒްރޭލުން ފަހަތަށް ޖެހޭނީ ހަމާސްއިން އެއްކޮށް ހަތިޔާރު ބެހެއްޓުމުން ކަމަށެވެ. މީގެއިތުރުން، އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާއަށްފަހު، ހަމާސްއާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްގެންދާނެ ކަމަށް އިޒްރޭލު ސިފައިން ވަނީ ބުނެފަ އެވެ.

ނަމަވެސް ޣައްޒާގައި އިޒްރޭލުން ހިންގާ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްދިޔަ ނަމަވެސް، ފަހަކަށް އައިސް ހަމަލާތަކުގެ ނުރައްކާތެރިކަން ކުޑަވެފައިވާ ކަމަށް ފާހަގަކުރެވެ އެވެ. ހޮނިހިރު ދުވަހު ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި ތިން މީހަކު ވަނީ ޒަޚަމްވެފަ އެވެ.

ޓްރަމްޕު މެދުވެރިވެގެން، ދެފަރާތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އައިފަހުން، ވެސް އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 1,257 މީހުން ވަނީ ޝަހީދުވެފަ އެވެ. މި މައުލޫމާތު އާންމުކޮށްފައިވަނީ ހަމާސްގެ ދަށުން ހިންގާ ޣައްޒާގެ ހެލްތު މިނިސްޓްރީންނެވެ. އަދި އދ. އިން ވެސް މި ތަފާސްހިސާބުތަކަކީ ތެދު މައުލޫމާތު ކަމަށް ބުނެ އެވެ. މި މުއްދަތުގެ ތެރޭގައި އިޒްރޭލު ސިފައިންގެ ތެރެއިން މަރުވެފައިވަނީ ފަސް ސިފައިން ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ރިޕޯޓްކޮށްފައިވެ އެވެ. -- އޭއެފްޕީ