ފަލަސްތީނުގެ ޣައްޒާ ހިންގަމުން އައި މަޖިލިސް ވިއްސަކަށް އަހަރު ފަހުން އުވާލާފައިވާކަން ހަމާސްއިން ހޯމަ ދުވަހު އިއުލާނުކޮށްފި އެވެ.

މިއީ އެ ސަރަހައްދު ހިންގުން ފަންނީ ބޭފުޅުންގެ ކޮމިޓީއަކާ ހަވާލުކުރުމަށް، ސުލްހައިގެ އެއ މަގުފަހިކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

މި ފިޔަވަޅަކީ ހަމާސްގެ ސިޔާސީ މިސްރާބަށް އައި ބޮޑު ބަދަލެކެވެ. ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު 2006 ވަނަ އަހަރު ކާމިޔާބު ކުރުމަށްފަހު، ވާދަވެރި ފަތަހަ ޖަމާއަތުގެ އަތުން ޣައްޒާގެ ކޮންޓްރޯލް 2007 ވަނަ އަަހަރު އަތުލީއްސުރެ އެތަން ހިންގަމުން އައީ ހަމާސްއިންނެވެ.

މިދިޔަ އޮކްޓޯބަރު މަހު ހަމާސް އާއި އިޒްރޭލާ ދެމެދު ޣައްޒާގައި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރި ފަހުން، ޣައްޒާގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ވެރިކަމުގެ ކަންކަމުން އެއްފަރާތްވާން ތައްޔާރަށް އޮތް ކަމަށް އެ ޖަމާއަތުން ތަކުރާރުކޮށް ބުނަމުންދެ އެވެ. ނަމަވެސް، ހަމާސްގެ ހަތިޔާރު ބެހެއްޓުމާ ބެހޭ މައްސަލައަށް އަދިވެސް ހައްލެއް ހޯދިފައެއް ނުވެ އެވެ.

ޣައްޒާގައި ހުންނަ ހަމާސްގެ މީޑިއާ އޮފީހުގެ ވެރިޔާ އިސްމާއީލް އަލް-ޘަވާބިތާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ކުއްލި ހާލަތުގެ ކޮމިޓީގެ ވެރިޔާ ވަނީ ނޭޝަނަލް ކޮމިޓީ ފޯ ދަ އެޑްމިނިސްޓްރޭޝަން އޮފް ޣައްޒާ (އެންސީއޭޖީ) އަށް އިދާރީ އަދި ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ ކަންކަން ފަސޭހަކުރުމުގެ ގޮތުން އެ ކޮމިޓީ އުވާލަން ނިންމައިފަ އެވެ.

މިހާރު ގާހިރާގައި މަރުކަޒުވެފައިވާ އެންސީއޭޖީ އަކީ،  ހަމަލާބަދަލުކުރުން ހުއްޓާލުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހެދި އެއްބަސްވުން މެދުވެރިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދެވި "ބޯޑް އޮފް ޕީސް"  އިން އުފެއްދި ކޮމިޓީއެކެވެ.

ހަމާސްގެ ތަރުޖަމާނު ހާޒެމް ގާސިމް އޭއެފްޕީއަށް ވިދާޅުވި ގޮތުގައި، އެ ޖަމާއަތުން ވެރިކަމުގެ ބާރުތައް ދޫކޮށްލަން ނިންމީ "އުދުވާނާއި ފަނާކުރުމުގެ ހަނގުރާމަ ކުރިއަށް ގެންދިއުމަށް އިޒްރޭލުން ދައްކާނެ އެއްވެސް ބަހަނާއެއް ނުބޭއްވުމަށް" ޓަކަ އެވެ.

އެންސީއޭޖީގެ ވެރިޔާ އަލީ ޝާތު ވިދާޅުވީ، ބޭނުންވާ ވަސީލަތްތަކާއި ގާބިލުކަން ލިބުނުހާ އަވަހަކަށް މަސްއޫލިއްޔަތުތަކާ ހަވާލުވުމަށް އޭނާގެ ކޮމިޓީ އޮތީ "ސައްތައިން ސައްތަ ތައްޔާރަށް" ކަމަށެވެ.

"މި ކޮމިޓީ ކާމިޔާބުވުމުގެ އަސާސީ ޝަރުތުތަކަކީ އެއް ވެރިކަމެއް އޮތުމާއި، ސާފު މެންޑޭޓެއް ލިބިފައިވާ އެއް އުސޫލެއް އޮތުމާއި، އަދި އެއް ވެރިކަމެއްގެ ދަށުން ހިނގާ ހަތިޔާރު އެޅި އެންމެ ބާރެއް އޮތުން،" ޝާތު އެކްސްގައި ލިޔުއްވާފައިވެ އެވެ.

އެއާއެކު، ބޯޑް އޮފް ޕީސްއިން ބާރުއަޅާފައިވަނީ ޣައްޒާގައޮ ސުލްހަ ގާއިމުކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރު 2803 އިން ކަނޑައަޅާފައިވާ ގޮތަށް ހުރިހާ ހަތިޔާރެއް އެންސީއޭޖީގެ ކޮންޓްރޯލްގެ ދަށަށް ގެންދިއުމަށެވެ.

އިޒްރޭލުން އަނެއްކާވެސް ވަނީ ހަމާސްގެ ހުރިހާ ހަތިޔާރެއް ދޫކޮށްލަން ގޮވާލައިފަ އެވެ.

ދެ މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ، އަދި އިޒްރޭލުން ސުންނާފަތިކޮށްފައިވާ ޣައްޒާއަށް އެންސީއޭޖީ ވަނުމަށް އިޒްރޭލުން އިއުތިރާޒުކުރާތީ، އެ ކޮމިޓީ ގާހިރާގައި ބޭތިއްބޭތާ މަސްތަކެއް ވެއްޖެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ވިދާޅުވީ، ސަލާމަތީ މަޖިލީހުގެ ކަމާބެހޭ ގަރާރުތައް ކުރިއެރުވުމަށާއި، ހަމަލާބަދަލުކުރުން ހުއްޓާލުން ފުރިހަމައަށް ތަންފީޒުކުރުމަށާއި، އާންމުން ހިމާޔަތްކުރުމަށާއި، އަދި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަހެއްނެތި މަގުފަހިކުރުމަށް އެހީތެރިވެދޭ ނަމަ، ހަމާސްގެ މި ފިޔަވަޅަށް ސެކްރެޓަރީ ޖެނެރަލް މަރުހަބާ ވިދާޅުވާ ކަމަށެވެ.