މީގެ ދުވަސްކޮޅެއް ކުރިން، ހަމާސްގެ އަސްކަރީ ގޮފީގެ ވެރިޔާ އަވަހާރަކޮށްލުމުން އަލަށް އެ މަގާމަށް ހަމަޖެއްސި މުހައްމަދު އޫދާ އަވަހަރާކޮށްލަން އިޒްރޭލުން ޣައްޒާއަށް ހަމަލާ ދީފި އެވެ.
ހަމާސްގެ ދަށުން ހިންގާ ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނީ މި ހަމަލާ ދިނީ ޣައްޒާގެ ރިމާލް އަވަށަށް ކަމަށާއި މި ހަމަލާތަކުގައި މަދުވެގެން ހަތް މީހަކު ޝަހީދުވެ 20 މީހަކު ޒަހަމްވެފައިވާ ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒްގެ އިރުޝާދުގެ ދަށުން، ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ "ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފީގެ އާ ކޮމާންޑަރު އަދި އޮކްޓޯބަރު 7 ގެ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު" މުހައްމަދު އޫދާ އަށް ކަމަށެވެ.
ނަމަވެސް، އަންގާރަ ދުވަހުގެ މި ހަމަލާގައި އޭނާއަށް ވީ ގޮތެއް އަދި ނޭނގެ އެވެ.
އިއްޒުއްދީން އަލް-ގައްސާމް ބްރިގޭޑްސްގެ ވެރިޔާގެ މަގާމަށް އޫދާ ހަމަޖެއްސީ، މި މަހުގެ ކުރީކޮޅު ޣައްޒާއަށް ދިން ހަމަލާއެއްގައި ކުރީގެ ވެރިޔާ އިއްޒުއްދީން އަލް-ހައްދާދުގެ ބަދަލުގަ އެވެ.
"އޮކްޓޯބަރު 7 ގެ ހަމަލާގެ ތެރޭގައި އޫދާ އަދާކުރީ ހަމާސްގެ ޖާސޫސީ ވެރިޔާގެ ދައުރެވެ. އަދި އިއްޒުއްދީން އަލް-ހައްދާދުގެ ބަދަލުގައި އޭނާ އެ މަގާމަށް އައްޔަންކުރީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ،" ނަތަންޔާހޫ އާއި ކާޓްޒްގެ ބަޔާނުގައިވެ އެވެ.
އިޒްރޭލު ކުޑަކަކޫ މައްޗަށް ތިރިކުރުވި އޮކްޓޯބަރު 7 ގެ ހަމަލާއަށްފަހު، އެ ހަމަލާގެ ފަހަތުގައި ތިބި މޭސްތިރިން ހޯދައި ނައްތާލާނެ ކަމަށް ނަތަންޔާހޫ ވަނީ ވައުދުވެފަ އެވެ. އިޒްރޭލުގެ ރަސްމީ ހިސާބުތަކަށް ބިނާކޮށް އޭއެފްޕީ އިން ތައްޔާރުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހަމާސް އިން އޮކްޓޫވަރު 7 ގައި ދިން ހަމަލާތަކުގައި 1,221 މީހުން މަރުވެފައިވެ އެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، މި ހަމަލާގެ ބަދަލުހިފުމުގެ ގޮތުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 72,803 މީހުން ވަނީ ޝަހީދުކޮށްފަ އެވެ.
ޣައްޒާގަ އާއި ސަރަޙައްދުގެ އެކި ގައުމުތަކުގައި ތިބި ހަމާސްގެ އިސް ސިޔާސީ ލީޑަރުންނާއި އަސްކަރީ ކޮމާންޑަރުންނަށް އަމާޒުކޮށް ވަރުގަދަ ކެމްޕޭނެއް އިޒްރޭލުން ގެންދަނީ ހިންގަމުންނެވެ. މި ކެމްޕޭނުގައި ހަމާސްގެ ކުރީގެ ސިޔާސީ ވެރިޔާ އިސްމާއީލް ހަނިއްޔާ އާއި އޮކްޓޯބަރު 7 ގެ ހަމަލާގެ މައިގަނޑު މޭސްތިރިޔާ ކަމަށް ބެލެވޭ ޔަހްޔާ ސިންވާރާއި، ހަމާސްގެ އަސްކަރީ ގޮފީގެ ދުވަސްވީ ކޮމާންޑަރު މުހައްމަދު ދައިފް ވެސް ވަނީ އަވަހާރަކޮށްލައިފަ އެވެ.