ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާގެ ކުރިން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން އެކަމުގެ މައުލޫމާތު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދިން ކަމަށް ބުނާ ރިޕޯޓަކާ އެކު ނަތަންޔާހޫއަށް އިދިކޮޅުގެ ޕްރެޝަރާ ކުރިމަތިވެއްޖެ އެވެ.
ހާރެޒް ނޫހުން، އެ ނޫހުގެ ރިޕޯޓަރުން ނެރެން އުޅޭ ފޮތަކުން ނަގާފައިވާ މައުލޫމާތުތަކާ ހަވާލާދީ ބުނެފައިވަނީ، ހަމާސްއިން ބޮޑު އޮޕަރޭޝަނެއް ރާވަމުންދާ ކަމަށް ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒާޔިދު އަލް ނަހްޔާން، ހަމަލާގެ ދޮޅު ހަފްތާ ކުރިން ނަތަންޔާހޫއަށް ގުޅުއްވައި ވިދާޅުވި ކަމަށެވެ.
ވާތުފިޔައިގެ ފިކުރަށް ތާއީދުކުރާ އެ ނޫހުގެ ރިޕޯޓު ނަތަންޔާހޫގެ އޮފީހުން ވަނީ ދޮގުކޮށްފަ އެވެ. އަދި އަންގާރަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ އޮކްޓޫބަރު 7 ގެ ކުރިން ޔޫއޭއީން ބޮޑުވަޒީރަށް އެއްވެސް އިންޒާރެއް ދީފައި ނެތް ކަމަށެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީން ބުނީ މީޑިއާގައި ދެކެވޭ ޔޯލަ ވާހަކަތަކަށް ކޮމެންޓް ނުކުރާ ކަމަށެވެ. ނަމަވެސް އިޒްރޭލާ އެކު ގުޅުން ގާއިމުކުރި ފަހުން އިޒްރޭލާ އެކު ސީދާ އަދި ހުޅުވިފައިވާ ގޮތެއްގައ މުއާމަލާތުކުރެވޭ ކަމަށް ބުންޏެވެ.
"ބޭނުންޖެހޭ ހާލަތްތަކުގައި، ކަމާބެހޭ އިދާރާތަކުގެ މެދުގައި ހުރިހާ މުހިންމު އިންޓެލިޖެންސް މައުލޫމާތެއް ވަނީ ހިއްސާކުރެވިފައި، އަދި ކުރިއަށް އޮތްތަނުގައި ވެސް ހިއްސާކުރެވޭނެ،" އެ މިނިސްޓްރީން ބުންޏެވެ.
ކުރީގެ މިލިޓަރީ ކޮމާންޑަރު އަދި އަންނަ އޮކްޓޫބަރު 27 ގައި އިޒްރޭލުގައި އޮންނަ އާންމު އިންތިހާބުގައި ނަތަންޔާހޫގެ އެންމެ ބޮޑު ވާދަވެރިޔާގެ ގޮތުގައި ފާހަގަކުރެވޭ ގާދީ އައިސެންކޮޓް ވަނީ، ސަލާމަތީ ކަންކަމުގައި ވެފައިވާ އިހުމާލުން ރެކެން ނަތަންޔާހޫ މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ހަމަލާ ދިން ދުވަހުގެ ހެނދުނު އަވަހަށް ހޭނުލެވުނީ ކަމަށް ބުނުން ފަދަ "ލަދުވެތި" ބަހަނާތައް ދައްކާފައިވާ ކަމަށް ބުންޏެވެ.
"އޮކްޓޫބަރު 7 އާ ގުޅޭގޮތުން ނަތަންޔާހޫއަށް ދިހަބާރަ އިންޒާރު ލިބުނު، ނަމަވެސް އެ ހުރިހާ ކަމަކަށް އޭނާ އިހުމާލުވި. އޭނާއަކީ [ވެރިކަމަށް] ގާބިލު މީހެއް ނޫން،" އައިސެންކޮޓް އެކްގައި ލިޔެފައިވެ އެވެ.
އިންތިހާބުގައި ވާދަކުރާ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ބުނީ، އިޒްރޭލުގެ ތާރީހުގައި ދިން އެންމެ ނުރައްކާތެރި ހަމަލާގައި މަރުވި މީހުންގެ މަރުގެ ޒިންމާ "ސީދާ ގޮތުން" ނަތަންޔާހޫ ނަގަންޖެހޭނެ ކަމަށެވެ.
"ނަތަންޔާހޫއަށް އޭނާގެ މަގާމުގައި އިތުރު އެންމެ މިނެޓަކުވެސް ދެމިހުރެވޭކަށް ނެތް،" ބެނެޓް ބުންޏެވެ.
ސެންޓަ-ލެފްޓް ޑިމޮކްރެޓްސް ޕާޓީގެ ލީޑަރު ޔާއިރް ގޯލާން ވަނީ ނަތަންޔާހޫ އިޒްރޭލު "ނުރައްކަލުގެ ތެރެއަށް ވައްޓާލާފައިވާ" ކަމަށް ތުހުމަތުކޮށްފަ އެވެ."
"އަހަންނަށް އެ ދުވަހު އެއްވެސް މީހަކު ކުރިން ގޮވައި ހޭނުއްލެވީ ކަމަށް ބުނެ ދައްކާ ވާހަކަތައް މިހާރު ނިމިއްޖެ. މައުލޫމާތު ލިބި، އިހުމާލުވި، ތިއީ ކުށްވެރިއެއް،" ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި އޭނާ ބުންޏެވެ.
އިދިކޮޅު ޕާޓީތަކުން ބުނެފައިވަނީ، ވެރިކަމަށް އާދެވިއްޖެ ނަމަ އޮކްޓޫބަރު 7 ގެ ސެކިއުރިޓީ އިހުމާލުތައް ބެލުމަށް މިނިވަން ކޮމިޝަން އޮފް އިންކުއަރީއެއް ވަރަށް އަވަހަށް އެކުލަވާލާނެ ކަމަށެވެ. ނަމަވެސް ނަތަންޔާހޫ ވަނީ އެ ހުށަހެޅުން ރައްދުކޮށް، އޭގެ ބަދަލުގައި އަމިއްލަ ސަރުކާރުގެ ތެރެއިން ތަހުގީގެއް ހިންގުމަށް ނިންމައިފަ އެވެ.
'ބިންހެލުމެއް'
ހާރެޓްޒްއިން ބުނި ގޮތުގައި، އިޒްރޭލުން ޝަހީދުކޮށްލި ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ވަނީ، ހަނގުރާމަވެރިން "ނުރައްކާތެރި އޮޕަރޭޝަނެއް" ރާވަމުންދާ ކަމުގެ އިންޒާރު ފަލަސްތީނުގެ ކުރީގެ މަސްއޫލުވެރިއަކަށް ދެއްވައިފަ އެވެ. އަދި ސިންވާރު އެކަން ސިފަކުރެއްވީ "ބިންހެލުމެއް" ގޮތުގަ އެވެ.
ފަލަސްތީނުގެ ކުރީގެ މަސްއޫލުވެރިޔާ މި މެސެޖު ޔޫއޭއީގެ މުޝީރަކަށް ފޯރުކޮށްދިނުމުން، އޭނާ ވަނީ އެ މެސެޖު ޔޫއޭއީގެ ލީޑަރާ ހިސާބަށް ގެންގޮސްފަ އެވެ. އަދި އެއަށްފަހު އެ މީހުން ނަތަންޔާހޫއަށް ގުޅީ ކަމަށް އެ ނޫހުގައިވެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފުރަތަމަ ދައުރުގައި ހެދި "އަބްރަހަމް އެކޯޑްސް" ގެ ދަށުން ޔޫއޭއީން އިޒްރޭލާ އެކު ގުޅުން ގާއިމުކުރީ 2020 ގަ އެވެ. ނަތަންޔާހޫ ދެކޭގޮތުގައި ޔޫއޭއީއާ އެކު އޮތް ގުޅުމަކީ ބޮޑު ކާމިޔާބީއެކެވެ. އިޒްރޭލުން ޣައްޒާއަށް ދެމުންދާ ވަރުގަދަ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކަކުން ފާޑުކިޔަމުންދިޔަ ނަމަވެސް، ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަލްފުގެ މި ގައުމުން ވަނީ އިޒްރޭލާ އެކު އޮތް ވަރުގަދަ ގުޅުން ދަމަހައްޓައިފަ އެވެ.
ނަން ހާމަނުކުރާ މަސްދަރުތަކާ ގިނައިން ހަވާލާދީ އެ ނޫހުން ބުނީ، އެ އިންޒާރަށް ނަތަންޔާހޫ ރައްދު ދިނީ ވަރަށް ހަމަޖެހިގެން ހުރެ ކަމަށެވެ. އިޒްރޭލުގެ އެހެން ނޫހެއް ކަމަށްވާ ޔެޑިއޯތު އަހްރޯނޯތުން މިދިޔަ އަހަރު ރިޕޯޓުކޮށްފައިވާ ގޮތުގައި، ޣައްޒާއާ އިންވެގެން އޮންނަ ހަމައެކަނި ގައުމު ކަމަށްވާ މިސްރުގެ އިންޓެލިޖެންސް އޮފިޝަލުން ވެސް ވަނީ ހަމަލާގެ ކުޑަދުވަސްކޮޅެއް ކުރިން "ބޮޑު ކަމެއް ހިންގަން އުޅޭ" ކަމުގެ އިންޒާރު އިޒްރޭލަށް ދީފަ އެވެ.
ހަމާސް އަށް ގަތަރުން ފަންޑު ލިބޭ ގޮތް ހެދުމަށް ފަހު، ހަމާސްއިން އިޒްރޭލާ ދެކޮޅަށް ނުރައްކާތެރި ހަނގުރާމައެއް ނުކުރާނެކަމުގެ ވިސްނުމުގައި، ނަތަންޔާހޫ ވަނީ ގިނަ އަހަރުތަކެއް ވަންދެން ހަމާސް އެގޮތުގައި ދަމަހައްޓަން މަސައްކަތްކޮށްފަ އެވެ. އޭގެ ބަދަލުގައި، ފަލަސްތީނުގެ ދައުލަތެއް އުފެއްދުމާ ދެކޮޅުހެދުމުގެ ގޮތުން ނަތަންޔާހޫ އިސްކަންދިނީ ހަމާސްގެ ވާދަވެރިން ކަމަށްވާ ފަލަސްތީނިއަން އޮތޯރިޓީ ބަލިކަށިކުރުމަށެވެ.
އޮކްޓޫބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ވަދެގަނެ، މިއުޒިކް ފެސްޓިވަލެއްގައި ތިބި މީހުން ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ މަރާލައިފަ އެވެ. އިޒްރޭލުގެ ރަސްމީ އަދަދުތަކަށް ބަލައި އޭއެފްޕީން ތައްޔާރުކޮށްފައިވާ ތަފާސްހިސާބުތަކަށް ދައްކާ ގޮތުން، އެ ހަމަލާގައި 1,221 މީހުން މަރުވި އެވެ. އަދި ހަނގުރާމަވެރިން ވަނީ 251 ރަހީނުން ޣައްޒާއަށް ގެންގޮސްފަ އެވެ. އޭގެ ތެރެއިން 44 މީހުން އޭރު ވެސް ވަނީ މަރުވެފަ އެވެ.އޭގެ ރައްދުގައި އިޒްރޭލުން ދޭންފެށި ވަރުގަދަ ހަމަލާތަކުގައި ޣައްޒާގެ ގިނަ ސަރަހައްދުތަކެއް ވަނީ ސުންނާފަތިވެފަ އެވެ. އަދި 73,658 މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. -- އޭއެފްޕީ