ދުނިޔެ

ބައިޑެންގެ ވަދާއީ ތަގުރީރު: މަހުޖަނުންގެ ނުބައި ނުފޫޒުން ގައުމު ސަލާމަތްކުރާތި!

އެމެރިކާ ރައީސް ޖޯ ބައިޑެން އޯވަލް އޮފީހުގައި ވަދާއީ ތަގުރީރު ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ

16 ޖެނުއަރީ 2025 - 09:47

ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި މަހުޖަނުންގެ ނުފޫޒު ސިޔާސީ ކަންކަމުގެ ތެރޭ ނުރައްކާތެރި ދަރަޖައަކަށް ހިނގައިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑަން އޭނާގެ ވަދާއީ ތަގުރީރުގައި މިއަދު ދެއްވައިފި އެވެ.

އޯވަލް އޮފީހުގައި ދެއްވި ތަގުރީރުގައި ބައިޑެން ވަނީ ކުރީގެ ރައީސް ޓްރަމްޕް ހޯމަ ދުވަހު އަލުން ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ވެރިކަން ބައްޓަންވެގެންދާނެ ގޮތުގެ "އަނދިރި ތަސައްވުރެއް" ދެއްވައިފަ އެވެ.

ބައިޑެން ވިދާޅުވީ ޓެކް އިންޑަސްޓްރީގެ "އާދަޔާ ހިލާފް" މުއްސަނދިން ރައްޔިތުންގެ މައްޗަށް އިމެއް ނެތި ބާރުތައް ހޯދަފާނެ ކަމަށެވެ.

"މިއަދު އެމެރިކާގައި އަންނަނީ އާދަޔާ ހިލާފް މުއްސަނދިކަމާއި ބާރާއި ނުފޫޒުގެ ސަބަބުން މުޅި ޑިމޮކްރަސީއަށާއި އަސާސީ ހައްގުތަކާއި މިނިވަންކަމަށް ނުރައްކާވާ ފަދަ އޮލިގާކީއެއް އުފެދެމުން،" އުމުރުން 82 އަހަރުގެ ޑިމޮކްރެޓިކް ލީޑަރު ވިދާޅުވި އެވެ.

ބައިޑަންގެ ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ ވެރިކަމުގެ ހަތަރު އަހަރުގެ ލެގަސީއަށް އިޝާރާތް ކުރައްވައި ވިދާޅުވީ އޭނާ ކުރެއްވި މަސައްކަތުގެ މަންފާ ރައްޔިތުންނަށް އިހުސާސްވާން ވަގުތު ނަގާފާނެ ކަމަށެވެ. އޭނާ ވިދާޅުވީ މުސްތަގުބަލަށްޓަކައި އެމެރިކާ ރައްޔިތުންނަށް ފައިދާކުރާނެ "އޮށް އިންދާފައިވާ" ކަމަށެވެ.

އެކަމަކު ހަމަ އެއާ އެކު ބައިޑެން ވަނީ ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ އީލޮން މަސްކާއި އެހެން މަހުޖަނުންނާ އެކު އާ ރައީސް ޓްރަމްޕް ބާއްވާ ގާތް ގުޅުމަށް ނިސްބަތްވާ ގޮތަށް ވަރަށް ސާފުކޮށް އިންޒާރު ދެއްވައިފަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ނައިބު ރައީސް ކަމަލާ ހެރިސް، ބައިޑެންގެ ވަދާއީ ތަގުރީރަށް ފަހު ބައްދާލަނީ. -- ފޮޓޯ: އޭއެފްޕީ

ބައިޑެން ވިދާޅުވީ "ވަރަށް މަދު މަހުޖަނުންތަކެއްގެ މުށުތެރެއަށް ހުރިހާ ބާރެއް ޖަމާވަމުން" ދާ ކަމަށާއި އެ މީހުންނަށް ރަނގަޅަށް ފާރަވެރި ނުވެވި، ޖަވާބުދާރީ ނުކުރެވިއްޖެ ނަމަ ނަތީޖާ ވަރަށް ނުރައްކާވެދާނެ ކަމަށެވެ.

"ދޮގު މައުލޫމާތުގެ ތެރޭގައި ވަޅުލެވިފައި"

ބައިޑެންގެ ތަގުރީރުގައި ދެން ފާޑު ވިދާޅުވީ ނުފޫޒު ގަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށެވެ.

އީލޮން މަސްކް އޭނާގެ އެކްސް ޕްލެޓްފޯމް ކަނާތު ފިޔައިގެ ސިޔާސީ ފިކުރު ފަތުރާ މައިދާނަކަށް ހަދައި ފޭސްބުކް ހިންގާ މެޓަ ކުންފުނިން ފެކްޓް-ޗެކް ކުރުން ހުއްޓާލާފައި ވަނިކޮށް ބައިޑެން ވިދާޅުވީ އެމެރިކާ ރައްޔިތުން ދަނީ ދޮގު މައުލޫމާތު ތެރޭ ވަޅުލެވެމުން ކަމަށެވެ.

"ސައްހަ ނޫން މައުލޫމާތާއި ދޮގު މައުލޫމާތުގެ ތެރޭ އެމެރިކާ ރައްޔިތުން މި ދަނީ ވަޅުލެވެމުން،" ބައިޑެން ވިދާޅުވި އެވެ.

"މިނިވަން މީޑިއާ ދަނީ ރޫޅެމުން. އެޑިޓަރުން ދަނީ ގެއްލެމުން. ސޯޝަލް މީޑިއާގައި މައުލޫމާތުގެ ސައްހަކަން ބެލުން ހުއްޓާލަނީ. ބާރާއި މަންފާގެ ބޭނުމަށް ހަދާ ދޮގުގެ ތެރޭގައި ސައްހަ މައުލޫމާތު ވަނީ ފޮރުވިފައި."

ބައިޑެން ވަނީ 1961 ވަނަ އަހަރު ރައީސް ޑްވައިޓް އައިޒަންހަވާގެ ވަދާއީ ހިތާބުގައި، ކޮންޓްރޯލް ނުކުރެވޭ އަސްކަރީ ސިނާއަތެއްގެ ނުރައްކަލާ ބެހޭ ގޮތުން ދެއްވި އިންޒާރުގެ ހަނދާން އާކުރައްވައިފަ އެވެ.

"ޓެކް އިންޑަސްޓްރީގެ ހާލަތާ މެދު ހަމަ އެ މިންވަރަށް އަޅުގަނޑުގެ ކަންބޮޑުވުން އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

އެމެރިކާ ރައީސް ޖޯ ބައިޑެން އޯވަލް އޮފީހުގައި ވަދާއީ ތަގުރީރު ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ

ތިމާވެށީގެ މައްސަލަތަކުގައި އެމެރިކާއިން ކުރަމުން އަންނަ މަސައްކަތްތައް ބައިޑެންގެ ވެރިކަމުގައި ދޫކޮށްލަފާނެ ކަމުގެ ކަންބޮޑުވުން ވެސް ބައިޑެން ފާޅުކުރެއްވި އެވެ.

ކުރިއަރަމުން އަންނަ އޭއައި ޓެކްނޮލޮޖީއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ބައިޑެން ވަނީ ޓެކްނޮލޮޖީގެ އިންގިލާބުގައި ޗައިނާއިން އެމެރިކާގެ މައްޗަށް ކުރި ހޯދިޔަ ނުދިނުމަށް ގޮވާލައްވައިފަ އެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާގެ ނައިބުކަން ކުރެއްވުމުގެ ކުރިން ސެނެޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވުމާ އެކު ބައި ގަރުނުގެ ސިޔާސީ ކެރިއަ ނިމުމަކާ ހިސާބަށް އައީ މިފަހަރު ރިޔާސީ ދެ ވަނަ ދައުރަކަށް ކުރެއްވި ނާކާމިޔާބު މަސައްކަތާ އެކުގަ އެވެ. ރިޔާސީ ރޭހަށް ނުކުމެވަޑައިގަތުމަށް ފަހު ތާއީދު ކުޑަވެ ފާޑުކިޔުން އަމާޒުވުމާ އެކު ކެންޑިޑެސީ ދޫކޮށްލައްވައި ނައިބު ރައީސް ކަމަލާ ހެރިސް އަށް ފުރުސަތު ދެއްވީ އެވެ.

"ކޮމާންޑާ އިން ޗީފެއްގެ ހައިސިއްޔަތުން ތިޔަ ބޭފުޅުންނަށް ހިދުމަތްކުރުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ފަހުރެއް،" ބައިޑެން ވިދާޅުވި އެވެ.

ޓްރަމްޕް ދެވަނަ ދައުރަކަށް ހޯމަ ދުވަހު އެނބުރި ވަޑައިގަންނަވާއިރު އަލްވަދާއު ވިދާޅުވެ ބައިޑަން އެމެރިކާގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ވިދާޅުވީ "މިހާރު މިއޮތީ ތިޔަބޭފުޅުން ގައުމަށްޓަކައި ތެދުވާންވީ ވަގުތު ޖެހިފައި" ކަމަށެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454