16 ޖެނުއަރީ 2025 - 08:49
ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލް އާއި ނޮޓިންހަމް ފޮރެސްޓާ 1-1 އިން އެއްވަރުވުމުގެ ފައިދާގައި، އާސެނަލުން ރޭ ޓޮޓެންހަމް ހޮޓްސްޕާސް 2-1 އިން ބަލިކޮށް ލިވަޕޫލާ ހަތަރު ޕޮއިންޓަށް ކައިރިކޮށްފި އެވެ.
އެކަމަކު ލިވަޕޫލް އަތުގައި އިތުރު މެޗެއް އޮތުމުން އެ ޓީމަށް ލީޑު ފުޅާކުރުމުގެ ފުރުސަތު އެބައޮތެވެ. ލިވަޕޫލް 20 މެޗުން 47 ޕޮއިންޓް ހޯދާފައިވާއިރު އާސެނަލަށް ލިބިފައިވަނީ 21 މެޗުން 43 ޕޮއިންޓެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މިހާރު އޭނާގެ ޓީމު މިއޮތީ އަނެއްކާ ވެސް ލީގު ކާމިޔާބުކުރުމުގެ ރޭހުގެ ތެރެއަށް ވަދެފައި ކަމަށެވެ.
"އަދި ވަރަށް ގިނަ މެޗު އެބައޮތް. އަހަރެމެންނަށް އެބަ ފެނޭ ކޮންމެ ޓީމަކަށް ވެސް އެހާމެ އުނދަގޫ މަންޒަރު،" އާޓެޓާ ބުންޏެވެ.
ލީގު ކަޕުން ނިއުކާސަލް ޔުނައިޓެޑް އަތުން އަދި އެފްއޭ ކަޕުން މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެފައި އޮއްވާ އާސެނަލް މި ހޯދި މޮޅަކީ އާޓެޓާ ބުނި ގޮތުގައި އުފާވެރި، ހާއްސަ މޮޅެއް ކަމަށެވެ.
"ވަރަށް މުހިއްމު އިމްތިހާނަކުން މި ފާސްވީ،" އާޓެޓާ ބުންޏެވެ.
"އެންމެ ފަހުން ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ބަލިވިޔަސް ވަރަށް މޮޅަށް ކުޅުނު."
ނޯތު ލަންޑަން ޑާބީގެ ގޮތުގައި މަޝްހޫރު މެޗުގައި ރޭ ފުރަތަމަ ލީޑު ނެގީ ޓޮޓެންހަމް އިންނެވެ. މި ގޯލް 25 ވަނަ މިނެޓުގައި ޖެހީ ދެކުނު ކޮރެއާ ފޯވާޑް ސޮން ހެއުން-މިން އެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމަށް އެއްވަރުވީ 40 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ޑޮމިނިކް ސޮލާންކޭ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އާސެނަލް މޮޅުވީ އޭގެ ހަތަރު މިނެޓު ފަހުން ލެއަންޑްރޯ ޓްރޮސާޑް ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި ވެސް އާސެނަލުން މޮޅަށް ކުޅުނެވެ. އެކަމަކު ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ.
އާސެނަލަށް ދެން އޮތީ ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗާ ކުރިމަތިލާއިރު އާޓެޓާ އަށް އޮތް މަސައްކަތަކީ ލިބޭ ފުރުސަތުތައް ނިންމާނުލެވުމުގެ މައްސަލަ ހައްލުކުރެވުމެވެ. އޭނާ ވަނީ އެކަން ރޭގެ މެޗަށް ފަހު ވެސް ފާހަގަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޫ ކެއަރސް
17 January 2025
އާސެނަލް އިޒް ޖަސްޓް ލައިކް އަ ނެޓްފްލިކްސް ސީރީޒް، ދެއަރ ފޭންސް އޯލްވޭސް ވެއިޓިންގ ފޯ ދަ ނެކްސްޓް ސީޒަން