ބާސެލޯނާގެ ގަވީ (މ) އަތުން ބޯޅަ ހޯދަން ގެޓަފޭގެ ދެ ކުޅުންތެރިން މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެއެފްޕީ
19 ޖެނުއަރީ 2025 - 09:30
ރެއާލް މެޑްރިޑް ބަލިކޮށް ސްޕެނިޝް ސުޕަ ކަޕް މިދިޔަ ހަފުތާގައި ކާމިޔާބުކުރި ބާސެލޯނާ އަށް ސްޕެނިޝް ލީގުގައި ރޭ ގެޓަފޭއާ 1-1 އިން އެއްވަރުވެ ލީގު ހޯދުމުގެ ރޭހުގައި އަނެއްކާ ވެސް ގޮންޖެހުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ތާވަލުގެ އެއް ވަނައިގައި 44 ޕޮއިންޓާ އެކު އޮތް އެތުލެޓިކޯ މެޑްރިޑް އިއްޔެ ލެގަނޭސް އަތުން 1-0 އިން ބަލިވި ނަމަވެސް ބާސެލޯނާ އަށް އޭގެ ފުރިހަމަ ފައިދާ، މި މެޗު އެއްވަރުވުމުން ނެގޭ ގޮތެއް ނުވި އެވެ.
ބާސެލޯނާ މިހާރު އޮތީ 39 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ދެ ވަނައިގައި 43 ޕޮއިންޓާ އެކު އޮތް ރެއާލް މެޑްރިޑް މިރޭ ލަސް ޕަލްމަސް އަތުން މޮޅުވެގެން ބާސެލޯނާގެ މައްޗަށް ހަތް ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ.
ގެޓަފޭގެ ދަނޑުގައި ކުޅުނު މި މެޗުގެ ނުވަ ވަނަ މިނެޓުގައި ހޫލްސް ކޫންޑޭ ބާސެލޯނާ އަށް ކުރި ހޯދައިދިނެވެ. ގެޓަފޭ އިން އެއްވަރުކުރީ 34 ވަނަ މިނެޓުގައި މައުރޯ އަރަމްބަރީ އެވެ.
ސީޒަނުގެ ކުރީކޮޅު އެއް ވަނަ މަގާމުގައި އޮތް ބާސެލޯނާގެ ފޯމު ދަށްވުމަށް ފަހު މި އަހަރު ފެށީ ރަނގަޅަށެވެ. އެގޮތުން ރެއާލް އަތުން 5-2 އިން މޮޅުވުމުގެ އިތުރަށް އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ސްޕެނިޝް ސުޕަ ކަޕުގައި ރެއާލް ބެޓިސް އަތުން 5-1 އިން މޮޅުވެފަ އެވެ. އެކަމަކު ރޭގެ ނަތީޖާއާ އެކު އެ ޓީމު މިވަނީ އަނެއްކާ ވެސް ފަހަތަށް ފިޔަވަޅެއް އަޅައިފަ އެވެ.
"އަދިވެސް (ލީގު ހޯދުމުގެ ރޭސް) ނުނިމޭ. އަހަރެން ކުރިން ބުނި ގޮތަށް ފަހު ވަގުތާ ހަމަޔަށް މަސައްކަތްކުރާނަން،" ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުންޏެވެ.
"މިއަދު ދެ ޕޮއިންޓް ގެއްލުނީއެއް ނޫން. އެއް ޕޮއިންޓް އިތުރަށް ލިބުނީ."
ރޭގެ މެޗަށް ފަހު ބާސެލޯނާގެ ޑިފެންޑަރު އަލެހަންދްރޯ ބާލްޑޭ ވަނީ މެޗުގައި ގެޓަފޭ ސަޕޯޓަރުންގެ ފަރާތުން އޭނާ އަށް ނަސްލީ ދިމާކުރުންތައް އަމާޒުވި ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅި އަލީ
19 January 2025
ޕުލް ޕުލް! ބާސާ ދޭ މަހަށް!