ކުޑަކުއްޖަކު މާސްކެއް އަޅައިގެން: ވައި ވަރަށް ބޮޑަށް ނުސާފު ދުވަސްވަރަކަށް ވާތީ ތުއްތު ކުދިން ބޭރަށް ނުނެރުމަށް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
19 ޖެނުއަރީ 2025 - 12:48
ރާއްޖޭގެ ޖައްވު މި ދުވަސްވަރު ވަރަށް ބޮޑަށް ތަޣައްޔަރުވެފައި ވާތީ، ރައްކާތެރިކަމަށް ހާއްސަ ސަމާލުކަން ދިނުމަށް އާންމުންނަށް އެޗްޕީއޭ އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން ވަނީ މި ހާލަތުގައި ރައްކާތެރިކަން ކަށަވަރުކުރަން ކުރަންވީ ބައެއް ކަންކަން ކިޔައިދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛
• ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި އަދި އެލާޖީގެ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން.
• ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކެއް އެޅުން.
• ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން.
• ތުއްތު ކުދިން ބޭރަށް ނުނެރުން.
• ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން.
• ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ކަހަލަ ކަންތައްތައް މަޑުޖައްސާލުން.
މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ނުރައްކާތެރި މިންވަރަކަށް މަތިވެފައިވާ ކަމަށް ވިލިމާލޭގައި ހުންނަ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކަ އެވެ. ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މި ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 156 ގަ އެވެ. އެއީ ސިއްހަތަށް ވަރަށް ނުރައްކާތެރި މިންވަރެކެވެ.
މި މަހުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގެ ޖައްވު ވަނީ ވަރަށް ބޮޑަށް ތަޣައްޔަރުވެފަ އެވެ.
ވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވެ ސަމާލުވެލައްވާ!#airqualityindex#airpollutionawareness pic.twitter.com/DUr484bNmS
— Health Protection Agency (@HPA_MV) January 17, 2025
މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެ އަށް، ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ހޭޒް ނުވަތަ ފުސްކަމުގެ އަސަރު ކުރެ އެވެ. ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޒް
19 January 2025
ވައި ނުސާފުވިއަސް އަދި ނުރައްކާ ވާކަށއ ނުޖެހޭ.. ނުރަކާ ވަނީ ވައިގައި ވިހަ މައްދާތައް ގިނަ ވީމާ. އަޅެ ވައި ނުސާފުވާ ސަބަބެއްވެސް އޮންނަން ޖެހޭނެތާ. ނުރައްކާ ވާ ސަބަބެއްވެސް އޮންނަންވާނެތާ
ކިލަމަން ޙަޖަމަން
19 January 2025
އެއްޗެއްގެ ކޮލެޓީ މަތިވީމަ ނުރައްކާވަނީ އޭ. ކީކޭ ބުނަން ތިއުޅެނީ ؟ ކޮލެޓީ ދަށްވީކީ ނޫންބާ؟ ކޮލެޓީގެ މާނަ ދަސްކުރޭ