ފަލަސްތީނުގެ ޣައްޒާގައި ކުއްޖަކު ފަލަސްތީނު ދިދައާ އެކު: އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ވިދާޅުވަނީ ސުލްހައިގެ މަސައްކަތުން އުފެދެން ޖެހޭނީ ފަލަސްތީނުގެ ދައުލަތެއް ކަމަށް. -- ފޮޓޯ: އޭއެފްޕީ
22 ޖެނުއަރީ 2025 - 06:15
މެދުއިރުމަތީގެ ސުލްހަޔަށް ކުރާ ކޮންމެ ކަމަކުން މަގު ފަހިވާން ޖެހޭނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ކަމަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ދަންނަވައިފި އެވެ.
އިނގިރޭސި ވިލާތުގެ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ދެ ލީޑަރުން ފޯނުން ވާހަކަ ދެއްކެވީ ޣައްޒާގައި އިޒްރޭލާއި ހަމާސް އިން ހަމަލާތައް ހުއްޓާލުމަށް ވެފައިވާ "ނާޒުކު އެއްބަސްވުމާ ބެހޭ ގޮތުން" ކަމަށެވެ.
"އިޒްރޭލުގެ ސަލާމަތާއި ހަމަޖެހުން ކަށަވަރުކޮށްދޭ ދާއިމީ އަދި ސުލްހަވެރި ހައްލަކަށް މަސައްކަތްކުރަން ޖެހޭ ކަމަށް ދެ ބޭފުޅުން ވެސް އެއްބަސްވެވަޑައިގެންނެވި" ކަމަށް ވަނީ ބުނެފަ އެވެ.
މިކަމުގައި ސިޔާސީ ގޮތުން ކުރަންޖެހޭ ކޮންމެ ކަމަކަށް އެއްބާރުލުން ދޭނެ ކަމަށާއި އެކަމުގެ ސަބަބުން ވެސް ފަލަސްތީނުގެ ހަރުދަނާ އަދި ސިޔާދަތީ ދައުލަތަކަށް މަގުފަހިވާން ޖެހޭ ކަމަށް ސްޓާމާ ވިދާޅުވި ކަމަށް ޑައުނިން ސްޓްރީޓުން ބުންޏެވެ.
މީގެ އިތުރުން ޣައްޒާއަށް އިންސާނީ އެހީތެރިކަން މެދުކެނޑުމެއްނެތި ފޯރުވައި، ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު ވެސް ސްޓާމާ ތަކުރާރުކޮށް ވިދާޅުވި ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެނގޭތަ
26 January 2025
ތި ޔަހޫދީ ދައުލަތް ފަލަސްތީނުގައި ހެދީ އިނގިރޭސީންކަން ތީ ފަލަސްތީނަށް ހެޔޮއެދޭނެ ބައެއްނޫން
ރުންކުރު
22 January 2025
މިއީ މިއަދު ފަލަސްތީނުގެ އަހުންނާއި އުހުތުންގެ ޙައްޤުގައި ގަދަވާން ޖެހޭ އަޑެއް. ބައިނަލްއަޤްވާމީ ހުރިހާ ފަރާތްތަކުން ޤަބޫލުކުރަންޖެހޭ ހަޤީޤަތެއް. މެދުއިރުމައްޗަށް ސުލްހަވެރި މުސްތަޤްބަލެއް ބޭނުންނަމަ މިނޫންގޮތެއް އޮވެގެން ނުވާނެ