ޗެންގްޑޫއިން އައި ފްލައިޓުން ޓޫރިސްޓުން ފައިބަނީ: މިއީ މޯލްޑިވިއަންގެ ވައިޓްބޮޑީ މަތިންދާބޯޓުގައި ޗައިނާއިން ރާއްޖެއަށް ބޭއްވި ފުރަތަމަ ފްލައިޓް --- ފޮޓޯ/މޯލްޑިވިއަން
23 ޖެނުއަރީ 2025 - 11:40
މޯލްޑިވިއަން އިން އަލަށް ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓުގައި ޗައިނާގެ ޗެންގްޑޫއިން ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުގައި 180 ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ އެވެ.
މިއަދު ހެނދުނު ރާއްޖެ އައި އެ ފްލައިޓުން ވަނީ ޖުމްލަ 192 ފަސިންޖަރުން އައިސްފަ އެވެ. އެއީ އެ ބޯޓުގެ ޖުމްލަ ކެޕޭސިޓީގެ 70 ޕަސެންޓެވެ. އެއާބަސް އޭ330 ބޯޓުން 260 މީހުން އުފުލޭއިރު، ބިޒްނަސް އާއި ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސްއަށް ވެސް ހާއްސަ ކޮށްފައިވާ އެ ބޯޓުން ދުރު ރާސްތާގެ ދަތުރުތައް ކުރެވޭނެ އެވެ. މިއަދު ހެނދުނު އައި އެ އެ ފްލައިޓުން 10 ޓަނުގެ ކާގޯ ވެސް ގެނެސްފައިވެ އެވެ.
ޗެންގްޑޫގެ އިތުރުން ޗައިނާގެ ބެއިޖިން އާއި ޝެންހާއީއަށް ވެސް ފްލައިޓްތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ބެއިޖިން އަށް މާދަމާ ދަތުރުތައް ފަށާއިރު، ޝެންހާއީ އަށް ދަތުރުތައް ފަށާނީ މި މަހުގެ 27 ގަ އެވެ.
ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ޗައިނާގެ ދަތުރުތަކަށް ލިބެމުން އަންނަ ކަމަށެވެ. އަދި ކުރިއަށް ހުރި ދަތުރުތަކުގައި ޗައިނާއަށް ފުލް ކެޕޭސިޓީގައި ދަތުރުތައް އެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާއަކީ މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. މިދިޔަ އަހަރު ޗައިނާއިން 250،000 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރި އެވެ. މިއަހަރުގެ މިހާތަނަށް ވެސް ޗައިނާ އިން ރާއްޖެއަށް ވަނީ 15،800 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. އެ ގައުމު އޮތީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ލިސްޓުގެ ދެވަނައިގަ އެވެ.
މޯލްޑިވިއަން އިން މި މަހުގެ ކުރީ ކޮޅު ގެނައި އެއާބަސް އޭ330 މަތިންދާ ބޯޓުގެ ފުރަތަމަ މަންޒިލް ކަމަށްވާ ޗައިނާގެ ޗެންގްޑޫ އަށް ދެކޮޅު ޓިކެޓެއްގެ އަގަކީ 688 ޑޮލަރު (10،610ރ.) އެވެ. ޗެންގްޑޫގެ އިތުރުން ބެއިޖިންގެ ދެކޮޅު ޓިކެޓެއްގެ އަގު 788 ޑޮލަރު (12،151ރ.) އަށް އަރަ އެވެ. އަދި ޗައިނާގެ ޝެންހާއީގެ ދެކޮޅު ޓިކެޓުގެ އަގަކީ 777 ޑޮލަރު (11،981ރ.) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗެންގްޑޫ
23 January 2025
ޗެންގްޑޫ އެއްނޫން... "ޗެންދޫ"
އަހުމިއްޓަ
23 January 2025
މިބޯޓުގެ ސީޓުގައި ޓީވީ ނުވަތަ އެންޓަޓެއިންމަންޓް ސިސްޓަމް ޤާއިމްކޮށްފަ ހުރޭތަ؟
އުނބުށޭމު
23 January 2025
މިއީ ރާއްޖެއަށް ބޭރުފައިސާއިން އާމްދަނީ ލިބޭ އިތުރު ދާއިރާއަކަށްވާނެކަމަށް އުންމީދުކުރަން.
ޢަހާ
23 January 2025
މިއީ ޗައިނީސްނިއު އިޔަރވީމާ މިވަގުތު މީހުންވާނެ. މުޅި ޗައިނާ އެޮތީ ބަންދުވެފަ. މިއީ ޗައިނާމީހުން ދަތުރުކުރާވަގުތު.
އަސަރަފަ
23 January 2025
ދިވެއްސަކަށް ވީތީ މިކަހަލަ ކަންކަމަށް ވަރަށް އުފާ ކުރަން. އެދެނީ މޯލްޑިވިއަން އެއާލަައިނަށް ފާގަތި ދުވަސް ތަކެއް
ާައޭ ތުރީ ޓުވެންޓީ
23 January 2025
ވައިޑް-ބޮޑީ އައްޑު އަށް ނުބާއްވަންއުތަ؟
ކުކިސް
23 January 2025
އައްޑުއައް ރަނގަޅުވާނި އަނދަގޮނޑި ނޫނީ އިސްލާހުޖާޑީ
މުރާސިލް
23 January 2025
ވައިޑް ބޮޑީގައި އައްޑޫޢަށް ދަތުރުކުރާކަށް ނޫޅެއެވެ. ޙަމަ ޖެހޭށެވެ. އެ ސައިޒުގެ ބޯޓެއްގައި އައްޑޫއަށް ދަތުރުތައް ބޭއްވުން ފީސިބަލް އެއް ނުވާނެއެވެ. ޢައްޑުއަށް ދަތުރުކުރަން ރަނގަޅުވާނީ އޭތުރީ ޓުވެންޓީ ގައެވެ.