26 ޖެނުއަރީ 2025 - 09:25
ޕްރިމިއާ ލީގުގައި ރޭ ޗެލްސީގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރި ހޯދައި އަޑިގަނޑުން އަރައިގަތުމާށް މެންޗެސްޓާ ސިޓީން ހިންދެމިލައިފި އެވެ.
މި މެޗުން ސިޓީ މޮޅުވީ ފަހަތުން އަރަ އެވެ. ހޯދި ތިން ޕޮއިންޓާ އެކު އެ ޓީމު ވަނީ އަލުން ގަދަ ހަތަރެއްގެ ތެރެއަށް ވަދެފަ އެވެ. އެކަމަކު އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު 12 ޕޮއިންޓްގެ ބޮޑު ފަރަގެއް އެބައޮތެވެ.
މިދިޔަ ހަފުތާގައި ސިޓީ އަށް ސޮއި ކުރި އަބްދުގާދިރު ކުސަނޯވް އެ ޓީމުގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގެ ފުރަތަމަ ޗެލެންޖުގައި އޭނާ އަށް ހެދުނު ގޯހުގެ ފައިދާ ނަގައި ޗެލްސީން މެޗުގެ ތިން ވަނަ މިނެޓުގައި ލީޑް ނެގި އެވެ. އެ ލަނޑު ޖެހީ މަޑުއެކޭ އެވެ.
އުޒްބެކިސްތާނުގެ ޑިފެންޑަރަށް ގޯސް ހެދުނަސް ކޯޗު ޕެޕް ގާޑިއޯލާ ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. ގާޑިއޯލާ ބުނީ އެއީ ކުޅުންތެރިޔަކަށް އެންމެ ރަނގަޅަށް ކަންކަން ދަސްކުރަން ލިބޭނެ ފުރުސަތު ކަމަށެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީގެ ޔަސްކޯ ގްވަޑިއޯލް އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ދެ ވަނަ ހާފުގައި އެ ޓީމު ކޮޅަށް ނަތީޖާ ބަދަލު ކުރީ އާލިން ހާލަންޑާއި ފިލް ފޮޑެން ޖެހި ލަނޑުތަކުންނެވެ.
ޗެލްސީ ވަނީ އިތުރަށް ފަހަތަށް ފުރޮޅާލައިފަ އެވެ. ކުރިން ހަތަރު ވަނައިގައި އޮތް ޓީމު މިހާރު ވަނީ ހަ ވަނަ އަށް ވެއްޓިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy