26 ޖެނުއަރީ 2025 - 08:59
ރެއާލް މެޑްރިޑުގެ ޖާޒީގައި ކީލިއަން އެމްބާޕޭ ހެދި ފުރަތަމަ ހެޓްރިކާ އެކު ވަޔަޑޮލިޑް އަތުން 3-0 އިން މޮޅުވެ ރެއާލުން ސްޕެނިޝް ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ވަނީ އަމިއްލަ ދަނޑުގައި ވިޔަރެއާލްއާ 1-1 އިން އެއްވަރުވެފަ އެވެ. އެހެންވެ އޭގެ ފައިދާ ރެއާލުން ނެގީ އެވެ. ރެއާލް އެއް ވަނައިގައި އޮތީ 21 މެޗުން 49 ޕޮއިންޓާ އެކު އެވެ. އެތުލެޓިކޯ ދެ ވަނައިގައި އޮތީ 21 މެޗުން 45 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތީ 20 މެޗުން 39 ޕޮއިންޓް ހޯދާފައިވާ ބާސެލޯނާ އެވެ. އެ ޓީމުން މި ހަފުތާގައި ކުޅޭ މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ވެލެންސިއާއާ ވާދަކުރާނެ އެވެ.
ޕީއެސްޖީން މި ސީޒަނުގައި ރެއާލަށް ބަދަލުވި ފްރާންސް ފޯވާޑް އެމްބާޕޭ އަށް ސީޒަނުގެ ކުރީކޮޅު އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެހެންވި މައިގަނޑު ސަބަބަކީ އޭނާ އާއްމުކޮށް ކުޅޭ ވާތު ވިންގުގެ ބަދަލުގައި، ރެއާލުގައި ސެންޓަ ފޯވާޑަކަށް ކުޅެން ޖެހުމެވެ. ނަމަވެސް ފަހުން ފޯމަކަށް އެޅި އޭނާ ވަނީ 32 މެޗުން 22 ގޯލް ޖަހައިފަ އެވެ.
ވަޔަޑޮލިޑުގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެމްބާޕޭ ވަނީ ސަސްޕެންޝުގައި ހުރި ފޯވާޑް ވިނީޝިއަސް ޖޫނިއާ ނެތްތަން ވަރަށް ރަނގަޅަށް ފޫބައްދައިދީފަ އެވެ. އޭނާ ރޭ ފުރަތަމަ ގޯލް ޖެހީ 30 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ދިން ބޯޅައަކުންނެވެ. އޭނާ ދެ ވަނަ ގޯލް ޖެހީ ދެ ވަނަ ހާފު ފަށައިގެން 57 ވަނަ މިނެޓުގަ އެވެ. އަދި ހެޓްރިކް ފުރިހަމަކުރީ އިތުރު ވަގުތުގެ ތެރޭ ލިބުނު ޕެނަލްޓީއަކުންނެވެ.
"ހެޓްރިކް ހެދުނީތީ ވަރަށް އުފާކުރަން އެކަމަކު އެއަށް ވުރެ އުފާވޭ ޓީމު މޮޅުވުމުން،" އެމްބާޕޭ ބުންޏެވެ. "އެތުލެޓިކޯ އެއްވަރުވުމުން އޭގެ ފައިދާ ނަގަން މި މެޗުން މޮޅުވުން ވަރަށް މުހިއްމު ވެފައި އޮތީ. އެކަން ހާސިލްވުމުން ވަރަށް ހިތްހަމަޖެހިފައި މިތިބީ."
ރެއާލުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ މިދިޔަ ދެ ތިން މަސް ދުވަހުގެ ތެރޭގައި އެމްބާޕޭ ފޯމަކަށް އެޅިފައިވާތީ އޭގެ ފައިދާ ޓީމަށް ވަރަށް ބޮޑަށް ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy