ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުގެ ހަމަލާތަކުން ބިމާ ހަމަކޮށްފައިވާ އިމާރާތްތަކުގެ ގާތަކު މަތީގައި ބަޔަކު އިއްޔެ އިށީނދެލައިގެން: އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިޒްރޭލަށް އިތުރު ހަތިޔާރާއި ބޮން ފޮނުވަން ފަށާފައި. -- ފޮޓޯ: އޭއެފްޕީ
27 ޖެނުއަރީ 2025 - 06:29
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގައި އިޒްރޭލުން ފައިސާ ދައްކާފައި ހުރި ގިނަ އަދަދެއްގެ ހަތިޔާރު ނުދީ ހިފަހައްޓާފައި ހުއްޓާ ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެ ސާމާނު ފޮނުވަން އަންގަވައިފި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ދިޔަ ލާއިންސާނީ ހަމަލާތަކާ އެކު އެމެރިކާ ސަރުކާރަށް ވެސް ފާޑުކިޔުން އަމާޒުވުމުން ބައިޑެން ވަނީ ބައެއް ހަތިޔާރު ޝިޕްމަންޓުތައް ފޮނުވުން މަޑުޖައްސާލައިފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އޭގެ ތެރޭގައި 2،000 ޕައުންޑުގެ ބޮން ވެސް ހިމެނެ އެވެ.
އިޒްރޭލުން އޯޑަރުކޮށް، ފައިސާ ދައްކާފައި ހުރި އިރު ވެސް ބައިޑަން ނުފޮނުއްވި އެތައް ސާމާނެއް މިހާރު ދަނީ ފޮނުވަމުން!" ޓްރަމްޕްގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
ކުރީގެ ރައީސް ބައިޑަންގެ ސަރުކާރުން މިދިޔަ އަހަރު 2،000 ޕައުންޑްގެ ބޮމުގެ ޝިޕްމަންޓްތައް ހުއްޓުވީ އިޒްރޭލުން ޣައްޒާގެ އާބާދީ ބޮޑު ސަރަހައްދުތަކުގައި އެއްގަމު މަގުން ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަން ތައްޔާރުވަމުން ދިޔަ ވަގުތު އެވެ.
ބައިޑަން ވަނީ މިފަދަ ސަރަހައްދުތަކުގައި ހަތިޔާރު ބޭނުންކުރުމުން އިންސާނީ ބޮޑު ކާރިސާއަކާ ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.
ވެރިކަން ނިމި، ބައިޑަން ވައިޓް ހައުސްއިން ވަޑައިގަތުމުގެ ދުވަސްކޮޅެއް ކުރިން އިޒްރޭލާއި ހަމާސް އިން އެއްބަސްވުމަކަށް އައިސް ހަމަލާތައް ވަނީ މެދުކަނޑާލައިފަ އެވެ. އަދި މި މެދުކަނޑާލުމަކީ ދާއިމީ ސުލްހައެއް ގާއިމުކުރުމުގެ ފެށުންކަމުގައި ހެދުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަގަތު
27 January 2025
ޓުރަންޕުގެ ނުބައިކަމާއެވެ.