އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ބެލުމުގެ ދަށުން ޣައްޒާގެ ކަންކަން ހިންގަން ކަނޑައަޅާ ބޯޑުގައި މެންބަރުން ހިމެނުމުގެ ދައުވަތު މިސްރު، ތުރުކީ، އާޖެންޓީނާ އަދި ކެނެޑާއަށް ވެސް ދީފި އެވެ.
ޣައްޒާގެ ސުލްހައިގެ އެއްބަސްވުމުގެ ދަށުން ހަދާ "ބޯޑް އޮފް ޕީސް" ގައި މި ގައުމުތައް ބައިވެރިކުރަން ނިންމާފައި ވާއިރު އޭގެ ކުރިން ޓްރަމްޕު ވަނީ އޭނާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ އާއި އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އާއި އިސް ނެގޯޝިއޭޓަރު ޖެރެޑް ކުޝްނާ އަދި ސްޓީވް ވިކްޓޮފް ވެސް އެ ބޯޑަށް ކަނޑައަޅައިފަ އެވެ.
މި ބޯޑުގެ ޗެއާމަނަކީ ޓްރަމްޕު ކަމަށް އޭނާ އަމިއްލައަށް ވަނީ ނިންމަވައިފަ އެވެ.
މިއީ އިޒްރޭލުން ދެ އަހަރު ވަންދެން ޣައްޒާއަށް ދިން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވި ހުށަހެޅުމުގެ ދަށުން ޣައްޒާ ހިންގަން އެކުލަވާލާ ވަގުތީ ކޮމިޓީގެ ކޮންޓްރޯލް އޮންނަ ބޯޑެވެ. އެ ކޮމިޓީއަށް ވެސް ކުރިން ވަނީ މެންބަރުން އައްޔަންކޮށްފަ އެވެ.
ޓްރަމްޕުގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނާ އާއި ވިކްޓޮފް ވަނީ ވަގުތީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.
މި ބޯޑާއި ކޮމިޓީ އެކުލަވާލާފައި ވާއިރު އިޒްރޭލުން ބުނެފައިވަނީ 15 މެންބަރުން ހިމެނޭ، ޣައްޒާގެ ހިންގާ ކޮމިޓީ ކަނޑައެޅުމުގައި އިޒްރޭލާ މަޝްވަރާކޮށްފައިނުވާ ކަމަށާއި އެ ކޮމިޓީ ކަނޑައެޅި ގޮތް ކަމުނުދާ ކަމަށެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޓީ އޮތީ އެއްބަސްވި ގޮތާ ހިލާފަށް ކަމަށާއި އެކަމާ ބެހޭ ގޮތުން އެމެރިކާ ސެކްރެޓަރީ އޮފް ސްޓޭޓާ މަޝްވަރާކުރާނެ ކަމަށެވެ.
އަނެއްކޮޅު، ހަމާސްއާ އެކު މަސައްކަތްކުރާ އިސްލާމިކް ޖިހާދުން ބުނީ "ބޯޑް އޮފް ޕީސް" އޮތީ އިޒްރޭލުގެ މަސްލަހަތަށް އެކަނި ބަލައިގެން ކަނޑައަޅާފައި ކަމަށެވެ.
އެ ޖަމާއަތުން ބުނީ އެ ބޯޑު އޮތް ގޮތުން އިސްތިއުމާރީންނަށް އިތުރު ބާރު ލިބޭ ކަމަށާއި އެހެންވެ ނިޔަތާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ.
ޣައްޒާގެ ސުލްގައިގެ އެއްބަސްވުމުގެ ދެ ވަނަ ފިޔަވަހި ތަންފީޒުކުރަން ފަށާފައި ވާއިރު މި މަރުހަލާގައި ޣައްޒާއިން އިޒްރޭލު ސިފައިން އެއްކޮށް ފޭބުމާއި ރަފަހް ބޯޑަރު ހުޅުވުމާއި މިސްރުގެ ބޯޑަރު ސަރަހައްދުގައި ޖަމާވެ، މިހާރު ޣައްޒާއަށް އެތެރެ ނުކުރެވި ހުރި އެހީގެ ސާމާނު ވެއްދުން ވެސް ހިމެނެ އެވެ.
ޣައްޒާގައި އިޒްރޭލުން ހަމަލާދީ 67،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް ދެ މިލިއަން މީހުން ބަނޑަށް ޖައްސައި އިމާރާތްތައް ބިމާ ހަމަކޮށްލި ފަހުން ސުލްހައިގެ އެއްބަސްވުން ހެދީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ހަމަލާތައް ހުއްޓާލަން އެއްބަސްވި ފަހުން ވެސް އިޒްރޭލުން ޣައްޒާއިން 451 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ.