27 ޖެނުއަރީ 2025 - 09:01
ވެލެންސިއާ އަތުން 7-1 އިން މޮޅުވެ ބާސެލޯނާ އިން ސްޕެނިޝް ލީގުގައި ރަނގަޅު ޓްރެކަކަށް އެރުމަށް މުހިއްމު މޮޅެއް ރޭ ހޯދައިފި އެވެ.
ސީޒަން ފެށިގެން ވަކި ހިސާބަކާ ހަމަޔަށް ބާސެލޯނާ އޮތީ ލީގުގައި ބޮޑު ލީޑެއްގަ އެވެ. އެކަމަކު ފަހުން ލީގުގައި ފޯމު ދަށްވީ އެވެ.
ޖުމްލަ 21 މެޗުން 42 ޕޮއިންޓް ހަމަކޮށް ތިން ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ މި މޮޅާ އެކު، ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ތިން ޕޮއިންޓް ކައިރިއަށް ޖެހިލައިފަ އެވެ. އެކާވީސް މެޗުން 45 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް އެތުލެޓިކޯ މި ހަފުތާގައި ކުޅުނު މެޗުން ވިޔަރެއާލްއާ 1-1 އިން އެއްވަރުވީ އެވެ. ތާވަލުގެ އެއް ވަނައިގައި އޮތީ 21 މެޗުން 49 ޕޮއިންޓާ އެކު ރެއާލް މެޑްރިޑެވެ.
އަމިއްލަ ދަނޑުގައި ބާސެލޯނާ ކުޅުނު މި މެޗުގައި އެ ޓީމުގެ ފާމިން ލޮޕޭޒް ދެ ގޯލް ޖެހި އެވެ. އަދި އެއް ގޯލަކީ ވެލެންސިއާގެ ސެސާ ޓަރޭގާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަނެއް ހަތަރު ގޯލް ޖަހައިދިނީ ފްރޭންކީ ޑި ޔޮންގް، ފެރަން ޓޮރޭޒް، ރަފީނިއާ، އަދި ރޮބަޓް ލެވޮންޑޮސްކީ އެވެ. ވެލެންސިއާގެ ހަމައެކަނި ގޯލް ޖެހީ ހޫގޯ ޑުރޯ އެވެ.
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނީ މިއީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ މޮޅެއް ކަމަށެވެ.
ބާސެލޯނާ އަށް ދެ ގޯލް ޖަހައިދިން ލޮޕޭޒް ބުނީ ލީގުގައި އެއް ފެންވަރެއްގައި ނުހިފެހެއްޓޭ މައްސަލަ ހައްލުކުރަން މި ލިބުނީ މުހިއްމު މޮޅެއް ކަމަށެވެ.
"މިއީ ޓީމަށް ބޭނުންވެފައި އޮތް ވަރުގެ މޮޅެއް،"
ތާވަލުގެ 19 ވަނައިގައި އޮތް ވެލެންސިއާގެ ކޯޗު ކާލޯސް ކޮބެރަންސް ބުނީ މި މެޗު ބަލަން ހާޒިރުވި އެ ޓީމުގެ ސަޕޯޓަރުންނާއި، ޓީވީން ބެލި ސަޕޯޓަރުންނާ މެދު ހިތާމަކުރާ ކަމަށެވެ.
"މިއީ ފަހަތަށް އެޅި ފިޔަވަޅެއް. އެބަޖެހޭ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެން،"
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓަކާން
27 January 2025
ހާތްތެރި.
އަޅި އަލީ
27 January 2025
ހަތްތަރީގެ މޮޅެއް! ލީގު 3 ވަނާގަ އޮތީ! ކިހާ މޮޅު!