އިމްތިޔާޒު މީގެ ކުރިން "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
27 ޖެނުއަރީ 2025 - 12:41
ޑިމޮކްރެޓްސްގެ ރައީސަކަށް އިމްތިޔާޒު ފަހުމީ (އިންތި) އަދި ނައިބު ރައީސަކަށް މުހައްމަދު ވަހީދު (ވައްޑެ) ހޮވިއްޖެ އެވެ.
އެ ޕާޓީގެ އިސް ދެ މަގާމު ހުސްވީ، ރައީސްގެ މަގާމު ފުރުއްވަމުން ގެންދެވި ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު ހަސަން ލަތީފު އަދި ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު އެމްޑީޕީއާ ގުޅިވަޑައިގަތުމުންނެވެ.
އެހެންވެ، ޑިމޮކްރެޓްސްގެ ހުސްވެފައިވާ ރައީސާއި ނައިބު ރައީސްގެ މަގާމު ހޮވުމަށް އަންނަ މަހުގެ 15 ގައި ޕްރައިމަރީ ބާއްވަން ހަމަޖައްސައި، އެ މަގާމުތަކަށް ކުރިމަތިލާން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާލި އެވެ.
ނަމަވެސް، އިންތިހާބާ ބެހޭ ކޮމެޓީން ވަނީ އެ މަގާމުތަކަށް އިތުރު މެމްބަރުން ކުރިމަތިލާފައި ނުވާތީ، އިންތި އާއި ވައްޑެ ހޮވުނީ ކަމަށް ނިންމައިފަ އެވެ.
އެގޮތަށް ކަނޑައެޅީ، ޑިމޮކްރެޓްސް އިން ބުނިގޮތުގައި ޕާޓީގެ ރައީސާއި ނައިބު ރައީސް ކަނޑައަޅާފައި މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް އަސާސީ ގަވައިދުގައި ބުންޏަސް، އިތުރު ކެންޑިޑޭޓަކު ކުރިމަތިނުލައިފި ނަމަ ކަން ކުރާނެ ގޮތެއް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިނުވާތީ އެވެ.
އެކަމާ ގުޅިގެން އިންތިހާބާ ކޮމެޓީން މި ފަހަރު ވެސް ނިންމީ، ޕާޓީގެ ފިރިހެން ނައިބު ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބުގައި އަމަލުކުރި އުސޫލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށެވެ.
އެ ފަހަރު ކޮމެޓީން ނިންމީ ޕާޓީގެ ފިރިހެން ނައިބު ރައީސް އަދި ގިނަ ދާއިރާތަކެއްގެ ރައީސުން ހޮވުމަށް ބޭއްވި އިންތިހާބުގައި ކޮންމެ މަގާމަކަށް ވެސް އެންމެ ކެންޑިޑޭޓެއް ކުރިމަތިލުމުން އެ ކެންޑިޑޭޓު ހޮވުނީ ކަމަށެވެ.
ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދު ބުނާ ގޮތުން، އެ ޕާޓީގެ ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ، ވަގުތީގޮތުން ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރަން ޖެހޭނީ ނައިބު ރައީސުންގެ ތެރެއިން ބޭފުޅެކެވެ.
ނައިބު ރައީސުންގެ ތެރެއިން ވަގުތީ ގޮތުން ރައީސްގެ ޒިންމާތައް މިވަގުތު އަދާ ކުރައްވަނީ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ފިރުޝާނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައްލެބީ
28 January 2025
ދިވެހިރާއްޖޭގެ ވެރިކަމަށް ގެއްނަން ރަގަޅު މީހެއް. އެއްވެސް ކަރަޕްޝަންގެ އެއްވެސް ކަމެއްނެތް އިހްލާސްތެރިއެއް.
ކެނެރީސް
28 January 2025
2008 ގައި އަންނިއަށް އަށް ވެސް ވެރިކަން ކުރެވިއްޖެއެވެ. ތާއަބަދު އެކަމާ ތެޅިބާލާާނެ ކަމެއް ނެތެވެ. އެހެން މީހުންނަށް ދޫކޮށްލާށެވެ. މައުމޫނެކޭ އެއްގޮތް ވީމަ ގޮޅާބޯ ގޮވަމުން އަހަރުމެން ދުވި ދުވުން މިޖެހެނީ ކޮންތާކު؟
ފަސްބައި
27 January 2025
ޑިމޮކް ރެޓްސް
ބިސްތާނު
27 January 2025
ދެން އަވަހަށް ޕާޓީ އުވާލަންއުޅޭ.
މުންތިސިރު
27 January 2025
އިންތި ވެސް ރައީސަކަށް ވީތާ ، ދެންވެސް ކަރޯކޭގަ ލަވަ ނުކިޔާތި ، މިހާރު ތި ރައީސެއް.
މަޖީދު ސަރ
27 January 2025
ޑިމޮކްރަޓްސް އަކީ ކޮރަޕްޝަނާއި ފަސާދަ އަދި ވައްކަމާއި ދެކޮޅު ޕާޓިއެއް . ރައްޔިތުންގެ އުންމީދެއް
ފަހީމު
27 January 2025
ތަބަކައްލާފަ ދިނުން ޑިމޮކްރެޓިކުތަ
ހަތްދޮޅަސް
27 January 2025
ތިޔަ ޕާޓީއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމައެވެ!
ހަހާހަހަ
28 January 2025
ޓޮޕް ކޮމެންޓް!!!
ކޮޅި
27 January 2025
އިންތިމެން ކިހިނެތްތޯ ތިހަދަނީ! އެތައް ބައެއްގެ ގުރުބާނީތަކެއް ކަފުން ކޮށްލުމަށްފަހު އަމިއްލަ ސިޔާސީ ހަޔާތްވެސް ތި ދުއްވާލީއެވެ. ސިޔާސީ ގޮތުން ތިހާ ޅައެއްޗެހި އަޅުއްވާކަށް ނުވާނެއެވެ. ތި މަގުން ނުދިޔަނަމަ އެމްޑީޕީގެ ވެރިކަން ނެތަސް މިއަދުވެސް އިންތިއަށް މަޖިލީހުގަ ރައްޔިތުންގެ އަޑު އިއްވަން އިދެވުނީހެވެ.
ލަޓީފާ
27 January 2025
ރައީސް މައުމޫނު ޑިކްޓޭޓަރކޭ ކިޔާ ބާލަން އައި އިންތި ފެންނަނީ ނަސީދު ނޫން ގޮތެއް ނުފެނި، ނަސީދުގެ އެވެސް އައިބެއް ނުފެނި، ނަސީދު އަދި އޭނާގެ އައުލާދުންނަށް ސަނާކިޔާ އަޅުދާސްވާތަނެވެ. ދެރަ.