ކޮވިޑު ފެތުރުނު ދުވަސްވަރު ޗައިނާއިން އިންޑިއާ މީހުން ގެނައުމަށް ބޭއްވި ދަތުރަކަށް މީހުން އަރަނީ. -- ފޮޓޯ: އޭއެފްޕީ
27 ޖެނުއަރީ 2025 - 20:28
އިންޑިއާ އާއި ޗައިނާއާ ދެމެދު ވައިގެ މަގުން ސީދާ ދަތުރުތައް ހުއްޓާލިތާ ފަސް ވަރަކަށް އަހަރު ފަހުން އަލުން ފަށަން ދެ ގައުމުން އެއްބަސްވެއްޖެ އެވެ.
އާބާދީ އެންމެ ބޮޑު ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ހުއްޓާލީ ކޮރޯނާ ވައިރަސް ފެތުރެން ފެށި ދުވަސްވަރު އެވެ. އެކަމަކު އަނެއްކާ އޭގެ ފަހުން އުފެދުނު ސިޔާސީ އެކި ނުތަނަވަސްކަމާ ހެދި އަލުން ދަތުރުތައް ފެށޭ ގޮތް އޮތީ ނުވެފަ އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ހާއްސަ މަންދޫބެއް ޗައިނާއަށް ވަޑައިގެން ދެއްކެވި ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން "ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ފެށުމަށް އުސޫލެއްގެ ގޮތުން" މިހާރު އެއްބަސްވެފައިވާ ކަމަށެވެ.
"މީޑިއާ އާއި ތިންކް ޓޭންކުތަކުގެ މުއާމަލާތްތައް ހިމެނޭ ގޮތަށް ރައްޔިތުންގެ މެދުގައި މުއާމަލާތްތައް އިތުރަށް ކުރިއަރުވައި މަގުފަހިކޮށްދިނުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ދެ ފަރާތުން އެއްބަސްވި،" އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
"ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ފެށުމަށް އުސޫލެއްގެ ގޮތުން ވަނީ އެއްބަސްވުމަކަށް އާދެވިފައި. އަދި ދެފަރާތުގެ ކަމާބެހޭ ފަންނީ އިދާރާތައް ބައްދަލުކޮށް، މިކަމަށް ބޭނުންވާ އެންމެ އޮނިގަނޑެއް ވަރަށް އަވަހަށް އެކުލަވާލާނެ."
މި ނިންމުން އައިސްފައި މި ވަނީ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ބެއިޖިންއަށް ކުރެއްވި ދަތުރަށް ފަހު އެވެ. މި ދަތުރުގައި ދެ ގައުމުގެ ގުޅުންތަކުގެ ހާލަތު ވަޒަންކޮށް، ދެ ގައުމުގެ މެދުގައި އޮންނަ އިތުބާރާއި އެއްބާރުލުން އަލުން އާރާސްތުކުރުމާ އެކު ރައްޔިތުންނާ ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރި ކަމަށް އިންޑިއާ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެރި މޯދީ
28 January 2025
އިންޑިޔާ އަކީ ޗައިނާ އާ ލެޑިގަނެގެން އުޅެވޭވަރު ފެންވަރެއް ހުރިބައެއް ނޫން.
މަދިރިދުންދަނޑި
27 January 2025
ޗައިނާ އޮންނަނީ އިންޑިއާގެ ބެކްޔާޑުގައި އިންޑިއާއާއި އިންވެގެން. އެކަމަކު ރާއްޖޭގައި ޗައިނާބަޔަކު މަސައްކަތެއް ކުރަންޏާ އިންޑިއާ ބެކުޔާޑަށް ޗައިނާ ކާރިވަނީއޭކިޔާފަ އިންޑިއާ ނޫސްތަކުގަ ޖަހާފަ ހުންނަނީ.
ކާނާ
27 January 2025
ކިހިނެތްމިވަނީ؟