ގެއްލިގެން ހޯދަމުންދާ ސޫ ޒިއޯނިން: އޭނާއާ ބެހޭ މައުލޫމާތެއް އެނގޭނަމަ، އެކަން އަންގަން ފުލުހުން ވަނީ އެދިފައި
29 ޖެނުއަރީ 2025 - 12:50
ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ޗައިނާ މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ގެއްލިގެން ހޯދަމުންދަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ޓޫރިސްޓު ވިސާގައި ރާއްޖެ އައި ޗައިނާގެ ރައްޔިތެއް ކަމަށްވާ ސޫ ޒިއޯނިން، 30، އެވެ. އޭނާ ގެއްލިގެން ފުލުހުން އިއުލާންކުރީ މިދިޔަ ހޯމަ ދުވަހު އެވެ.
ފުލުހުން މިއަދު ބުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އޭނާ ރާއްޖެ އައިފަހުން އާއިލާއަށް ހަބަރެއް ނުވާތީ، އެ މައްސަލަ އާއިލާއިން ފުލުހުންނަށް ހުށަހެޅީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުންނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ މާލެ އައިސް ހުރި ގެސްޓްހައުސްއިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ޗެކްއައުޓް ވެފައި ވިޔަސް، އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެއް ނުވެ އެވެ. އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެކަން ފުލުހުންނާ ހިއްސާކުރަން ފުލުހުން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރައިދޫ މަނިއްޕުޅު
29 January 2025
ބަށި ވިއްކަން ލޯކަލް މާރުކޭޓުގަ އިންތޯ ބަލާލަބަލަ!
ފީ ކުކުޅު
29 January 2025
ކިހިނެއްބާ އެ މަންޖެޔަށް އެ ވީ
ތޭރަ
29 January 2025
ރާއްޖޭގެ ކޮންމެވެސް ރަށަކަށް ދިޔައީކަމަށްވާނީ.